ގާސިމްގެ ހަޔާތްޕުޅަށް ބިނާކޮށް ބައިނަލްއަގްވާމީ ފެންވަރުގެ ފިލްމެއް ހަދަނީ

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް-- ސަން ފޮޓޯ

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ ހަޔާތްޕުޅުގެ މައްޗަށް ބިނާކޮށް ބައިނަލްއަގްވާމީ ފެންވަރުގެ ފިލްމެއް ހަދަން މަޝްވަރާ ކުރަން ފަށައިފިއެވެ.

އެކަމުގައި އިސްކޮށް ހަރަކާތްތެރިވަނީ ޖުމްހޫރީ ޕާޓީގެ އޯޑިއޯ/ވީޑިއޯ ސްކޮޑްގެ ކޯ-ޗެއާ އަދި މަޝްހޫރު ފިލްމީ ތަރި އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ) އެވެ.

އެކަމާ ގުޅޭގޮތުން "ސަން"އަށް މައުލޫމާތު ދެމުން އިއްސެ ބުނީ ފިލްމާ ގުޅޭ އަމަލީ އެއްވެސް މަސައްކަތެއް ނުފަށާ ކަމަށެވެ.

"އަދި ހަމައެކަނި ވާހަކަ ދެކެވުނީ. ފުރަތަމަ އޮންނާނީ މައުލޫމާތު އެއްކުރުން. މީގައި ހުންނާނެ ޔަގީން ކުރަން ޖެހޭ ކަންކަން. އަދި ލިޔުންތެރިޔަކީ ކާކު ކަމެއް، ޑައިރެކްޓަރަކީ ކާކު ކަމެއް ފައިނަލްއެއް ނުކުރަން. ދިރާސާ ނިންމާފައި ވާހަކަ ލިޔަން ފަށާނީ. އެއަށްފަހު ސްކްރިޕްޓު ނޫނީ ސްކްރީންޕްލޭއަށް ދާނީ." އިއްސެ ބުންޏެވެ.

އޭނާ ބުނީ މި ފިލްމުގެ ހުރިހާ މަސައްކަތެއް ވެސް ކުރާނީ މިކަމުގެ އެންމެ ފުންނާބުއުސް މީހުންނާ އެކުގައި ކަމަށެވެ.

ސްކްރިޕްޓް ލިޔުން ވެސް އާދައިގެ މީހަކާ ހަވާލު ނުކުރާނެ ކަމަށާއި އެކަން ވެސް ހަވާލު ކުރާނީ ރާއްޖޭގައި އެކަމުގައި އުޅޭ އެންމެ މޮޅު މީހުންގެ ތެރެއިން މީހަކަށް ކަމަށެވެ.

"އިންޓަނޭޝަނަލް ފެންވަރަށް ހަދާނީ. އެ ނޫން ގޮތަކަށް މިކަން ކޮށްގެން ވެސް ނުވާނެ. މިއީ ވަރަށް ބޮޑު ޕްރޮޖެކްޓެއް. އާދައިގެ ފިލްމެއް ނަގާ ގޮތަށް މިކަން ނުކުރެވޭނެ. ބޮޑު ޓީމެއް ބޭނުންވާނެ." އޭނާ ބުންޏެވެ.

އިއްސެ ބުނީ ގާސިމް އިބްރާހިމްގެ ހަޔާތްޕުޅަށް ބިނާކޮށް ފިލްމެއް ހެދުމަކީ ވަރަށް ބޮޑު ޒިންމާއެއް އަދި މަސައްކަތެއްގެ އިތުރުން އެއީ ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.

comment ކޮމެންޓް