އަހްމަދު މުހައްމަދާއި ޖަމްޝީދުގެ ތުހުމަތު: ވަޒީފާއިން ވަކި ވާން މިނިސްޓަރު އިމްރާން މަޖުބޫރުކުރުވި

އޭސީޕީ މުހައްމަދު ޖަމްޝީދާއި (ކ) އޭސީޕީ އަހްމަދު މުހައްމަދު (ވ)

ފުލުހުންގެ ވަޒީފާއިން ވަކިކޮށްފައިވާ ކުރީގެ އެސިސްޓެންޓު ޕޮލިސް ކޮމިޝަނަރު މުހައްމަދު ޖަމްޝީދާއި އަހްމަދު މުހައްމަދު، ވަޒީފާއިން ވަކި ވުމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މަޖުބޫރުކުރުވި ކަމަށް އެ ދެ ބޭފުޅުން ތުހުމަތު ކުރައްވައިފިއެވެ.

ފުލުހުންގެ އިސް އޮފިސަރުންތަކެއް މަގާމުން ވަކިކުރަން ޕޮލިސް ބޯޑުން ނިންމާފައި ވަނީ މިދިޔަ މަހުގެ 10 ވަނަ ދުވަހުގައިއެވެ. އެއީ ރައްޔިތުންގެ މަޖިލީހުން މިދިޔަ އަހަރު ފާސް ކުރި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުންނެވެ.

އެއާއެކު ފުލުހުންގެ އިސް ދެ އޮފިސަރުންކަމަށްވާ އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް (އޭސީޕީ) އަހުމަދު މުހައްމަދާއި އޭސީޕީ މުހައްމަދު ޖަމްޝީދު ފުލުުހުންގެ ވަޒީފާއިން ވަކިކޮށްފައިވަނީ މި މަހުގެ ދިހަ ވަނަ ދުވަހެވެ.

ދެ ބޭފުޅުން ވަޒީފާއިން ވަކި ކުރި މައްސަލަ ޝަރީއަތް ކޯޓުގައި ކުރިއަށްދާއިރު، ޖަމްޝީދު "ސަން"އަށް ވިދާޅުވީ ވަޒީފާއިން ވަކި ކުރި އޮފިސަރުން ވަޒީފާއިން ވަކި ކުރުމަށް ޕޮލިސް ބޯޑު އެކުލަވާލުމުގެ ކުރިން ވެސް ނިންމައިފައިވާ ކަމަށެވެ.

ޖަމްޝީދު ވިދާޅުވީ ހޯމް މިނިސްޓަރުކަމާ އިމްރާން ހަވާލުވިތާ ދުވަސްކޮޅެއް ފަހުން ޖަމްޝީދާއި އިތުރު އެހެން ބޭފުޅުން ތަކެއް މަސްއޫލިއްޔަތުތަކުން އެކަހެރި ކުރަން ނިންމި ކަމަށާއި މިނިސްޓަރުގެ އެ ނިންމުމާ ގުޅިގެން އެ ބޭފުޅުން މިނިސްޓަރާ ބައްދަލުކުރި ކަމަށެވެ.

"އަޅުގަނޑުމެން މިނިސްޓަރާ ބައްދަލުކުރީ 2018 ވަނަ އަހަރު ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހު. މިނިސްޓަރު އިމްރާނާ ބައްދަލުކުރެއްވުމުން މިނިސްޓަރު އެންގެވީ ވަގުތުން ރިޓަޔާ ވާން. ނޫނީ މައްސަލަ ބަލައިފައި މަގާމުން ވަކި ކުރާނޭ ކަމަށް ވިދާޅުވީ," ޖަމްޝީދު ވިދާޅުވިއެވެ.

ޖަމްޝީދު ވިދާޅުވީ ރިޓަޔާވާން ތިން ދުވަހުގެ މުހުލަތެއް މިނިސްޓަރު އިމްރާން ދެއްވި ކަމަށެވެ. އެހެންނަމަވެސް އެއްވެސް ބޭފުޅަކު ރިޓަޔާކުރައްވައިފައެއް ނުވެއެވެ. ރިޓަޔާ ނުވުމުން އެ ބޭފުޅުން މަސްއޫލިއްޔަތުން އެކަހެރިކުރެއްވި ކަމަށް އެ ބޭފުޅުން ވިދާޅުވިއެވެ.

އޭސީޕީ އަހުމަދު މުހައްމަދު ވެސް "ސަން" އަށް ވިދާޅުވީ އެ ބޭފުޅުން މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރި ވާން އެންގެވިނަމަވެސް އެކަން ކުރަން ޖެހުނު އެއްވެސް ސަބަބެއް ނުވަތަ މައްސަލައެއް މިހާތަނަށް ވެސް ދެއްކިފައިނުވާ ކަމަށެވެ.

އަހުމަދު ވިދާޅުވީ ކުރިން ވެސް އެތައް ތުހުމަތުތަކެއް ކުރަމުން އައި ކަމަށާއި ގިނަ ތުހުމަތުތައް ގުޅެނީ ފެބްރުއަރީ އެކެއްގައި ސަރުކާރު ވައްޓާލަން ނެރުނު އަމުރާ ގުޅިގެން ހިންގި ފުލުހުންގެ ތަހުގީގާ ކަމަށެވެ.

"މިހާރު ފުލުހުންގެ ލީޑާޝިޕުގައި ތިއްބެވި އިސް ބޭފުޅުން ގަބޫލުކުރައްވާ ގޮތުގައި އެ ތަހުގީގަކީ ގާނޫނާ ހިލާފު ތަހުގީގެއް،" އަހުމަދު ވިދާޅުވިއެވެ.

"ޕޮލިސް ބޯޑު އުފެއްދުމާ ހަމައަށް ވެސް އައީ ތުހުމަތުތަކެއް ކުރަމުން. އެކަމަކު އެކަމަށް ފިޔަވަޅެއް އަޅައިފައެއް ނުވޭ، އެހެންވީމާ އެކަމުން ވެސް ހާމަވޭ ދުރާލާ ރޭވިގެން ހިންގި ކަމެއް ކަން މިއީ،" އަހުމަދު ވިދާޅުވިއެވެ.

ޖަމްޝީދާއި އަހުމަދު ވެސް ތުހުމަތު ކުރައްވާ ގޮތުގައި އެ ދެ ބޭފުޅުން މަގާމުން ވަކި ކުރުމުގެ ކުރިން ވެސް އެކި މުވައްސަސާތަކުގެ ވެރީން ހާޒިރުކޮށް، އެ ބޭފުޅުންގެ މައްސަލައެއް ނުވަތަ ހެއްކެއް ލިބޭތީ ސުވާލުކޮށްފައިވެއެވެ.

ދެ ބޭފުޅުންގެ ތުހުމަތުތަކާ ގުޅިގެން ހޯމް މިނިސްޓްރީގެ ބަހެއް މިހާތަނަށް ވަނީ ލިބޭ ގޮތް ނުވެފައެވެ.

ވަކި ކުރި ދެ އޮފިސަރުންގެ ތެރެއިން އޭސީޕީ ޖަމްޝީދަކީ ރައީސް ޔާމީން ދަތުރުފުޅުކުރެއްވި ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ"ގައި ބޮންގޮއްވާލި މައްސަލަ ތަހުގީގުކުރުމަށް އެމަނިކުފާނު އުފެއްދެވި ރިޔާސީ ކޮމިޝަނުގެ މެންބަރުކަން ވެސް ކުރެއްވި ބޭފުޅެކެވެ.

މީގެ އިތުރުން ޖަމްޝީދަކީ ރައީސް ޔާމީނުގެ ވެރިކަމުގައި ޕޮލިސް އިންޓެލްގެ އިސްވެރިޔާގެ މަގާމު ވެސް އަދާކުރައްވައިފައިވާ ބޭފުޅެކެވެ.

އޭސީޕީ އަހްމަދު މުހައްމަދަކީ ރައީސް ޔާމީނުގެ ވެރިކަމުގައި ކްރައިމް ކޮމާންޑްގެ ވެރިއަކަށް ހުންނެވި ބޭފުޅެކެވެ.

އޭސީޕީ ޖަމްޝީދާއި، އޭސީޕީ އަހްމަދު މުހައްމަދުގެ އިތުރުން ފަސް އޮފިސަރެއް ވަޒީފާއިން ވަކިކުރުމަށް ވަނީ ނިންމާފައެވެ.

އެއީ ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދާއި، ސުޕްރިންޓެންޑެންޓް އިސްމާއީލް ޝަމީމާއި، ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފާއި، އެސިސްޓެންޓް ކޮމިޝަނަރު ފަރުހާދު ފިކުރީގެ އިތުރުން ޗީފް ސުޕްރިންޓެންޑެންޓް އަހުމަދު ޝުހާދެވެ.

comment ކޮމެންޓް