މަހުމޫދުގެ މަރު: ހެކި ނައްތާލަން ގިނަ މަސައްކަތްތަކެއް ކޮށްފައިވޭ!

މަހުމޫދުގެ ޖަނާޒާގައި ދަނގެތީ ރައްޔިތުން ބައިވެރިވަނީ -- ސަން ފޮޓޯ

(އދ. ދަނގެތިން) ބުރާސްފަތި ދުވަހު މެންދުރު ފަހުގެ ވަގުތެއްގައި އަނިޔާވެރިގޮތަކަށް މަރައިލައިފައި އޮއްވާ ފެނުނު މަހުމޫދު އަބޫބަކުރު، 57 ގެ މަރުގެ މައްސަލައިގައި އާއިލާއިން ޝައްކު ކުރާ ކަންތައްތަކެއް އެބަހުއްޓެވެ.

މަހުމޫދުގެ ދަނބިދަރިއެއްކަމަށްވާ އަހްމަދު އިމާދު "ސަން"އަށް ބުނީ މަހުމޫދުގެ މަރާލުމަށްފަހު ހެކި ނައްތާލަން ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން ފާހަގަ ކުރެވޭ ކަމަށެވެ.

މަރައިލައިފައިވަނީ އެ ސަރަހައްދުގައި ކަމަކަށް ނުބެލެވޭ!

އިމާދު ބުނީ އިއްޔެ މަހުމޫދު ހިނަވަން އޭނާ ވެސް ވަން ކަމަށެވެ. އަދި ހިނެވި ވަގުތު މަހުމޫދުގެ ބުރަކަށީގައި ބޮޑު ދެ ލައްގަނޑު އިންކަން ފާހަގަ ކުރެވިފައިވާކަމަށް ވެސް އޭނާ ބުންޏެވެ.

"އަޅުގަނޑަށް އޭތި ސިފަ ކުރެވުނީ ބިންމަތީގައި ފައިގައި ހިފާ ދެމީމަ ޖެހިފަ ހަންގޮސްފަ ހުރިތަނޭ އެއީ،" އިމާދު ބުންޏެވެ.

އޭނާ އިތުރަށް ބުނީ މަހުމޫދުގެ ހަށިގަނޑު ވަޅުތެރެއިން ފުރަތަމަ ފެނުނު މީހުންގެ ވާހަކައިން މަހުމޫދު މަރާލީ އެތަނުގައި ނޫންކަން އެނގޭ ކަމަށެވެ. ސަބަބަކީ އެތަނުގައި އެފަދަ ކަމެއްގެ އެއްވެސް ނިޝާނެއް ނެތުމެވެ.

މަހުމޫދު މަރާލައިފައި އޮތް ވަޅު -- ސަން ފޮޓޯ/ ކިޔުންތެރިއެއް

" ބޮޑަށް ބެލެވެނީ ޖަހާ ހޭ ނައްތާލާފަ ގެނެއްސަ، ވަޅަށް ބޯ ދިމާކޮށްފަ ވަޅިން ތަޅާފަ ހުރިކަމަށް، އެއީ ވަޅު ތެރޭގައި ވަރަށް ބައިވަރު ލޭ ހުރި. ހަމަ މިހާރު ވެސް ވަޅު އެހުރީ ލޭގަނޑެއް ހެން،" އިމާދު ކިޔައިދިނެވެ.

މަހުމޫދު މަރާލުމަށްފަހު ވަޅު ތެރެއަށް ވައްޓައިލައިފައިވަނީ ދެ ފަރާތުން ގޯނި އަރުވައިފައެވެ. އަދި ފައިކޮޅުން ލައްވައިފައިވާ ގޯނި ލެއްވުމަށްފަހު "ސުބާޑުގަނޑަކުން" ބަނދެފައިވާ ކަމަށް އިމާދު ކިޔައިދިނެވެ.

ދަނގެތީގެ މަރާލި މީހާ އޮތް ވަޅު -- ސަން ފޮޓޯ/ ކިޔުންތެރިއެއް

މަހުމޫދުގެ އަތުގައި އެ ވަގުތު ހުރި ތަކެތި ނުފެނޭ!

މަހުމޫދުގެ ހަށިގަނޑު ފެނި 48 ގަޑިއިރުވާން ގާތްވެފައިވާއިރު ވެސް އޭނާ ގެއްލުނުއިރު ގެންގުޅުނު ތަކެތި ނުފެނި ހުރުމަކީ އާއިލާގެ ކަންބޮޑުވުމެކެވެ.

އިމާދު ކިޔައިދިން ގޮތުގައި މަހުމޫދުގެ ފޯނު އަދިވެސް ނުފެނެއެވެ. އަދި އޭނާގެ ވޮލެޓާއި، އަތުގައި އަޅައިފައި އޮތް ރަން ޕްލޭޓުގެ ގަޑިއާއި، އޭނާ އަރައިގެން ހުރި ފައިވާނުގެ އިތުރުން އޭނާ ގެންގުޅުނު ގުދަނުގެ ތަޅުދަނޑި ވެސް ފެނިފައެއް ނުވެއެވެ.

މަހުމޫދު ކާޑުގެ ބާވަތްތައް ރައްކާކުރާ ގުދަން -- ސަންފޮޓޯ/ ޢާލިމް އަބްދުއްލަތީފް

" ބައްޕަގެ ވޮލެޓު، އޭގައި ހުންނާނެ ފަންސަވީސް ހާސް ނުވަތަ ތިރީހަކަށް ހާސް ރުފިޔާ. ދެ ހަފްތާއެއްހާ ދުވަހުގެ ލާރި ހުންނާނެ ކަމަށް މަންމަ ބުނަނީ،" އިމާދު ކިޔައިދިނެވެ.

މަހުމޫދުގެ ވޮލެޓުގައި ހުރީ ކިހާ ފައިސާއެއްކަން އަންދާޒާ ކޮށްލަން އެނގުނަސް، އޭނާގެ އަތުގައި އޮތީ ކޮން ބްރޭންޑެއްގެ ގަޑިއެއް ކަމެއް، އަދި އޭނާ އަރައިގެން ހުރީ ކޮން ކަހަލަ ފައިވާނަކަށް ކަމެއް އެނގޭކަށް ނެތެވެ.

މަހުމޫދުގެ އަތުގައި އޮތީ އޭނާގެ ގުދަނުގެ ތަޅުދަނޑިއެވެ. އެ ގުދަނުގައި ހުންނަނީ ކާޑުގެ ބާވަތްތަކެވެ. އެތަނުން އެއްވެސް އެއްޗެއް މިހާތަނަށް މަދުވެފައިވާކަން ފާހަގަ ކުރެވިފައެއް ނުވެއެވެ.

ތަކެތި ނުފެނި ގިނައިރުތަކެއް: އާއިލާގެ ކަންބޮޑުވުން!

މަހުމޫދުގެ ގާތިލުން އިންސާފުގެ ކުރިމައްޗަށް ގެނެވުމަކީ އޭނާގެ އާއިލާއިން ވެސް އެދޭ އެދުމެކެވެ. އެހެން ނަމަވެސް މަހުމޫދުގެ އަތުގައި ހުރި ތަކެއްޗަކީ އެ މައްސަލައިގައި ހެކި ހޯދުމުގައި ބޭނުން ކުރެވިދާނެ ތަކެއްޗަށް ވާއިރު، އެ ތަކެތި އަދިއަދަށް ވެސް ނުފެނުމަކީ އާއިލާގެ ކަންބޮޑުވުމެކެވެ.

މީގެ އިތުރުން، މަހުމޫދުގެ ހަށިގަނޑު ފެނިގެން އެތައް އިރެއްވީއިރު ވެސް ފުލުހުންގެ ފޮރިންސިކް ޓީމުން މި ރަށަށް އައިސްފައި ނުވުމަކީ އާއިލާގެ ކަންބޮޑުވުމެކެވެ. އެގޮތުން ފޮރިންސިކް ޓީމް ނައިސްގެން މަހުމޫދުގެ ހަށިގަނޑު ވަޅުން ނުނެގިފައި ވެސް އެތައް އިރަކު ބާއްވަން ޖެހުނު ކަމަށް އިމާދު ކިޔައިދިނެވެ.

" ފޮރެންސިކް މީހުން އަންނަން ލަސްވެގެން، ރައްޔިތުން އެކަމުގައި ކަންބޮޑުވުން ފާޅުކޮށްގެން ފުލުހުން ބެޑުޝީޓަަކަށް ލައިގެން ރައްޔިތުން ވެގެން ނެގީ،" އިމާދު ކިޔައިދިނެވެ.

އިމާދު ބުނީ މަހުމޫދުގެ ހަށިގަނޑު ވަޅުން ނެގުނީ ފެނުނުތާ ސާޅީހަކަށް މިނެޓު ފަހުން ކަމަށެވެ. އަދި ވަޅުން ނެގުމަށްފަހު ވެސް ގިނައިރުތަކެއް ވަންދެން ބޭއްވުމުން މަހުމޫދުގެ ހަށިގަނޑު ކުނިވާން މަގުފަހިވިކަމަށް އޭނާ ކިޔައިދިނެވެ.

މަހުމޫދުގެ ހަށިގަނޑު ވަޅުލަން ސަހަރާއަށް ގެންދަނީ -- ސަންފޮޓޯ

"ހަގީގަތަށް ބުނަންޏާ މައްޔިތާ މި ވަޅުލެވުނީ އެއްކޮށް ކުނިވި ފަހުން. ހަމަ ގަދައަށް ވަސް ދުވާ. މައްޔިތާ އޮތީީކީ ރައްކާތެރި ތަނެއްގައެއް ނޫން ހުރިހާ މަރުހަލާއެއް ދިޔައިރު ވެސް. އައިސް ކޮޅެއް ފަހުން އަޅާމިލެވުނީ،" އިމާދު ބުންޏެވެ.

މަހުމޫދުގެ އަންހެނުންނާއި ފަސް ދަރިންނަށް މިއަދު ލިބިފައިވަނީ ބޮޑު ހިތްދަތިކަމެކެވެ. އާއިލާއިން މިހާރު ތިބީ އިންސާފުގެ އިންތިޒާރުގައެވެ. މަހުމޫދުގެ ގާތިލުން އިންސާފުގެ ކުރިމައްޗަށް ހާޒިރު ކުރެވޭނެ ދުވަހެއްގެ އިންތިޒާރުގައެވެ. އެހެން ނަމަވެސް ހެކި ނައްތާލަން ގިނަ މަސައްކަތްތަކެއް ކޮށްފައިވާތީ އާއިލާގެ ކަންބޮޑުވުންތައް ގިނައެވެ،

comment ކޮމެންޓް