ވަޅުގައި އޮއްވާ މަހްމޫދު ފުރަތަމަ ފެނުނު މީހުން ބިރުވެރިކަމެއްގެ ތެރޭގައި!

ދަނގެތީގެ މަރާލި މީހާ އޮތް ވަޅު -- ސަން ފޮޓޯ/ ކިޔުންތެރިއެއް

(އދ. ދަނގެތިން) ބުރާސްފަތި ދުވަހުގެ ހެނދުނުގެ ވަގުތެއްގައި މި ރަށް އެލާޓަށް އައީ ވިޔަފާރިވެރިޔާ މަހްމޫދު އަބޫބަކުރު ގެއްލިގެން އެކަން ކައުންސިލުން ރައްޔިތުންނަށް އެންގުމުންނެވެ.

މަހްމޫދަކީ ކިތަންމެ ބުރަކޮށް އުޅުނު ނަމަވެސް ކޮންމެ ދުވަހަކު ވެސް ހެނދުނު ސައިބޯން ގެއަށް ވަންނަ މީހެކެވެ. ނަމަވެސް ބުދަ ދުވަހުގެ ރޭ ސާފްޗެމްޕިއަންޝިޕްގައި އިންޑިއާއާއި ރާއްޖެ ވާދަކުރި މެޗު ބަލަން އިނދެފައި އައި ފޯނު ކޯލަކާއެކު ގެއިން ނުކުމެގެން ދިޔަ ގޮތަށް އޭނާގެ ޚަބަރެއް ނެތެވެ.

މަހްމޫދުގެ އަންހެނުން އޭނާ ހޯދަން ފެށީ ފަތިސް ނަމާދު ކޮށްގެން ވެސް މަހްމޫދު ގެއަށް ނައުމުންނެވެ. މަހްމޫދަކީ އާއްމުކޮށް ފަތިސް ނަމާދަށް ގޮސް އައިސް ގޭތެރޭގައި އުޅޭ މީހެކެވެ.

މަހްމޫދަށް އެތައް ފަހަރަކު ގުޅުމުން ވެސް ފޯނަކަށް ޖަވާބެއް ނުދެއެވެ. އޭނާގެ ރަހުމަތްތެރިންގެ ގާތުން ވެސް އޭނާ ވީ ތަނެއް ކޮބައިތޯ އެނގުމުން ނޭނގުނެވެ. އެހެންކަމުން، އާއިލާއިން ލަސްނުކޮށް ކައުންސިލަށް އެ ޚަބަރު ދިނެވެ.

ހަތަރު ބަޔަކަށް ބެހިގެން ރައްޔިތުން މަހްމޫދު ހޯދުމުގެ މަސައްކަތް ފެށިއެވެ. ނަމަވެސް މަހްމޫދުގެ ހިލަމެއް ވެސް ނުވިއެވެ. އެއީ ހުރިހާ ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެދުނު ހިސާބެވެ.

"އެހާ ވަރަށް ހޯދި އިރު ވެސް ނުފެނުނީމަ، ދިރި ހުއްޓާ ފެންނާނެ ކަމުގެ އުއްމީދު ވަރަށް ކުޑަވި،" މަހްމޫދު ހޯދަން ނުކުމެ އުޅުނު މީހަކު "ސަން"އަށް ބުންޏެވެ.

މަހްމޫދު ފެނުނީ ފަޅު ގެއެއް ތެރޭގައި ހުރި ވަޅެއްގެ ތެރެއަށް މަރާލުމަށްފަހު އެއްލައިލައިފައި އޮއްވާއެވެ. ނަމަވެސް އެ ވަޅު މަތީގައި ވެސް ހުރީ ޓިނު އަޅައި، ސަތަރި އަޅައި އޭގެ މައްޗަށް ގާ ވެސް އަރުވައިފައެވެ.

އެ ވަޅުގެ މަތި ނަގައި ބެލީ ދެ އަންހެނުންނެވެ. އެއީ މި ރަށު މީހަކާއި، މި ރަށު މީހަކާ އިނދެގެން އުޅޭ އިންޑިއާ އަންހެނެކެވެ.

އެ ދެމީހުންގެ ތެރެއިން ދިވެހި އަންހެން މީހާއާ ވާހަކަ ދައްކާލެވޭ ގޮތެއް ނުވިއެވެ. އޭނާ ބުނީ އެ މަންޒަރު ފެނުނު ފަހުން އޭނާއަށް ނަފްސާނީގޮތުން ވެސް އަސަރުތަކެއް ކޮށްފައިވާ ކަމަށެވެ.

އެ މަންޒަރު ފެނުނު އިންޑިއާ މީހާ "ސަން"އަށް ކިޔައިދިން ގޮތުގައި އެންމެ ފުރަތަމަ އެ ވަޅުގައި ގޯންޏެއް އޮތް ވާހަކަ އޭނާ ގާތުގައި ބުނީ އޭނާއާއެކު ދިޔަ ދިވެހި މީހާއެވެ.

" އެންމެ ފުރަަތަމަ ފެނުނީ ގޯންޏެއް. އަނެއްކާ ރީއްޗަށް ބަލާލިއިރު ފެނުގެ އަޑީ އޮތީ އަތް،" އޭނާ ކިޔައިދިނެވެ.

އޭނާ އިތުރަށް ބުނީ އެ މަންޒަރު ފެނުމާއެކު ވަރަށް ބާރަށް ހަޅޭއްލަވައި ގަނެވުނު ކަމަށެވެ. އަދި "ވަޅުތެރޭ ބޭބެ އެބައޮތޭ" ކިޔާ ހަޅޭއް ލެވުމުން މީހުންގަނޑު އެތަނަށް އައި ކަމުގައި ވެސް އޭނާ ކިޔައިދިނެވެ.

"ރޭގަ ނުވެސް ނިދުނު. އެ މަންޒަރު ސިފަވޭ. ނަސީބަކުން ބޭބެ ފެނުންކަން ރަނގަޅެއްނު ދޯ،" އޭނާ ބުންޏެވެ.

އެ ދެމީހުން އެކަންޏެއް ނޫނެވެ. އެ މަންޒަރު ދުށް އެތައް ބަޔަކު އޭގެ ފަހުން ލޮލުފިޔައެއްް ނުޖަހާ އެބައުޅެއެވެ. ސިފަވަނީ އެ މަންޒަރެވެ

މަހްމޫދުގެ މަރާއެކު މި ރަށުގެ ގިނަ ބައެއްގެ ހިތުގައި ވަނީ ބިރުވެރިކަން އުފެދިފައެވެ. މަގެއްގެ މަތިން މީހަކު ވެސް ފެންނަނީ ދަމަކުން ބަޑިއެއް ޖަހާ ބީދައިންނެވެ. އަނިޔާވެރިކަން ދުވަހަކު ވެސް ތަޖުރިބާ ނުކުރާ މި ރަށު ރައްޔިތުން މިއަދު ތިބީ ބޮޑު ހާސްކަމެއްގެ ތެރޭގައި ނަފްސާނީ ގޮތުން އަސަރުކޮށްފައެވެ.

comment ކޮމެންޓް