މަހްމޫދުގެ މަރު: ރައްުޔިތުން ތުހުމަތު ކުރާ ދެމީހުން އެހެން މައްސަލައެއްގެ ބަންދުގައި!

މަހްމޫދު މަރާލި ކަމަށް ދަނގެތީ ރައްޔިތުން ތުހުމަތު ކުރާ އަލީ ޖަމްޝާދު --

(އދ. ދަނގެތިން) އިއްޔެގެ ވަގުތެއްގައި މި ރަށުން މަރާލި މަހްމޫދު އަބޫބަކުރުގެ ގާތިލުން ކަމަށް މި ރަށު ރައްޔިތުން ތުހުމަތު ކުރާ ދެ މީހުން ތިބީ އެހެން މައްސަލައެއްގައި ހައްޔަރުކޮށްފައިކަން "ސަން"އަށް ކަށަވަރު ވެއްޖެއެވެ.

ފުލުހުންގެ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ ދަނގެތީ ރައްޔިތުން އިއްޔެ ފުލުހުންނާ ހަވާލުކުރި ތިން މީހުން މިހާރު ތިބީ އެހެން މައްސަލައެއްގައި ހައްޔަރު ކޮށްފައި ކަމަށެވެ.

"ސަން"އިން ހޯދިހޯދުމުން އެނގިފައިވާ ގޮތުގައި އެ މައްސަލައިގައި ދަނގެތީ ރައްޔިތުން ތުހުމަތު ކުރަނީ އއ.ތޮއްޑޫ، ފޮރިންވިލާ، އަލީ ޖަމްޝާދު، 31 އާއި ހަމަ އެ ގޭ ޝާރިހް އަލީ، 20 އެވެ.

މި ދެމީހުންނަކީ ވެސް އެއް އާއިލާއެއްގެ ދެ މީހުންނެވެ. އެގޮތުން ޝާރިހަކީ ޖަމްޝާދުގެ އެއްބަނޑު ދައްތަގެ ދަރިއެކެވެ.

އެ މީހުން މިހާރު ހައްޔަރުކޮށްފައި ތިބީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ނޭނގެއެވެ. ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ މަހްމޫދުގެ މަރުގެ މައްސަލައާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށެވެ،

މަހްމޫދު މަރާލިކަމަށް އެ ރަށު ރައްޔިތުން ތުހުމަތުކުރާ މީހުން، ފުލުހުންގެ ހިމާޔަތުގެ ދަށުން މި ރަށުން މިއަދު ވަނީ ބާލައިފައެވެ. އަދި އެނގިފައިވާ ގޮތުގައި އެ މީހުން ގެންގޮސްފައިވަނީ މި އަތޮޅު މަހިބަދޫއަށެވެ.

ޝާރިހާއި ޖަމްޝީދުގެ އިތުރުން ދެން ފުލުހުންގެ ހިމާޔަތަށް އެ މީހުންނާ ގުޅުންހުރި އަންހެނަކު ވެސް ވަނީ ގެންގޮސްފައެވެ.

comment ކޮމެންޓް