215 ކިލޯގެ ހެރޮއިންއާ އެކު ދެ މީހަކު ހައްޔަރުކޮށްފި

ކޮމިޝަނަރު އޮފް ޕޮލިސް ވިދާޅުވީ ފުލުހުންގެ ހާއްސަ އޮޕަރޭޝަނެއްގައި 215 ކިލޯގެ ހެރޮއިން ހޯދާފައިވާ ކަމަށް -- ފޮޓޯ/ ޕޮލިސް

ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި 215 ކިލޯގެ ހެރޮއިންއާ އެކު ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓާއި މެރިން ޕޮލިސް އާއި ފޮރެންސިކްސް އަދި ރ. އަތޮޅު ފުލުހުންނާ ގުޅިގެން މިދިޔަ ބުދަ ދުވަހުން ފެށިގެން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި ގާތްގަނޑަކަށް 215 ކިލޯގެ ހެރޮއިން ހޯދާފައިވާ ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ހަމައެއާއެކު އެ ޓްވީޓުގައި ސީޕީ ވަނީ އެ އޮޕަރޭޝަނަށް އިންޑިއާ ސަރުކާރާއި އެމްއެންޑީއެފްއިން ވެދިން އެހީއަށް ޝުކުރު އަދާކުރައްވާފައެވެ.

ސީޕީ އެހެން ވިދާޅުވީ، ފުލުހުންގެ ހާއްސަ އޮޕަރޭޝަނެއްގައި އިއްޔެ 100އެއްހާ ކިލޯގެ ހެރޮއިން ހޯދި ފަހުންނެވެ. އެތަކެތި އަތުލައިގަތީ ދިހަ ތަނެއް ބަލައި ފާސްކުރުމަށްފަހު ކަމަށާއި އެ މައްސަލައާ ގުޅިގެން ދިހަ މީހަކު ހައްޔަރު ކުރި ކަމަށް އިއްޔެ ސީޕީ ވިދާޅުވިއެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކުރީ 19 އަހަރުގެ މީހަކާއި 24 އަހަރުގެ ދެ މީހުންނާއި 25 އަހަރާއި 26 އަހަރާއި 27 އަހަރުގެ އިތުރުން 30 އަހަރުގެ މީހެކެވެ. އަދި 34 އަހަރާއި، 35 އަހަރުގެ މީހަކާއި 61 އަހަރުގެ މީހެކެވެ.

މި މީހުންގެ ތެރޭގައި ހިމެނުނީ އަށް ދިވެހިންނާއި ދެ ބިދޭސިންނެވެ. އެއީ ހުސް ފިރިހެނުންނެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ހަތަރު މީހެއްގެ ބަންދަށް 15 ދުވަސްޖަހާފައިވާކަމަށް ފުލުހުން ބުންޏެވެ. އަދި ތިން މީހެއްގެ ބަންދަށް 10 ދުވަސް ޖަހާފައިވާއިރު، އެކަކަށް ފަސް ދުވަސް ޖަހައިދީފައިވާކަމަށް ފުލުހުން ބުންޏެވެ.

ނަމަވެސް މި މައްސަލައިގައި އިސްކޮށް ހަރަކާތްތެރިވި ކަމަށް ތުހުމަތު ކުރެވޭ ދެ މީހުން ކޯޓުން ދޫކޮށްލާފައިވާކަންވެސް ފުލުހުން ފާހަގަކުރިއެވެ. އެއާއެކު އެ ދެ މީހުން ދޫކޮށްލުން އިސްތިއުނާފު ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހަޅާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

comment ކޮމެންޓް