ކޮންމެ ވަގުތަކުވެސް ދުނިޔެ ހުއްޓުމަކަށް އަތުވެދާނެ، ކާބޯތަކެތީގެ ސެކިއުރިޓީ ކަށަވަރު ކުރުން މުހިންމު: ރައީސް

ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާއި ދަނޑުވެރިންގެ ގައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ތ. ކަނޑޫދޫގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަދައްކަވަނީ -- ފޮޓޯ/ ރައީސް އޮފީސް

ކިތަންމެ ތަަރައްގީވެފައިވާ ޒަމާނެއް ނަމަވެސް ކޮންމެ ވަގުތެއްގައި ވެސް ދުނިޔެ ހުއްޓުމަކަށް އަތުވެދާނެފަދަ ކަމެއް ހިނގާފާނެކަމަށާއި އެހެންކަމުން އެންމެ މުހިންމީ އެކަށީގެންވާ މިންވަރަށް ކާބޯތަކެތި ހުރުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާއި ދަނޑުވެރިންގެ ގައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ތ. ކަނޑޫދޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގައި ކާބޯތަކެތީގެ ސެކިއުރިޓީ ދެމެހެއްޓުމަށް ދަތިތަކާ ކުރިމަތިވާކަމަށެވެ. އެހެންކަމުން އެ ފަދަ ދަތިތައް ހޯދައި ހައްލުކުރުން މުހިންމުކަމަށް ރައީސް ވިދާޅުވިއެވެ.

"އެންމެ ބޮޑު އެއް ގޮންޖެހުމަކީ ދިގު މުއްދަތެއްގަައި ބިން ނުލިބުން. އެނގިވަޑައިގަންނަވާނެ ރާއްޖޭގައި ދަނޑުވެރިކަން ބޮޑަށް ކުރެވެމުން އަންނަނީ މީހުން ދިރިއުޅެމުން އަންނަ ރަށްރަށުގައި. އިރާދަކުރެއްވިޔާ ކައުންސިލްތަކާ ވާހަކަދައްކަައިގެން އަޅުގަނޑުމެން ދަނޑުވެރިންނަށް މިއަށްވުރެ ފަސޭހައިން މީހުން ދިރިއުޅޭ ރަށްރަށުން ބިން ލިބޭނެ ގޮތް ހަމަޖައްސައިދޭނެ ވާހަކަ ދަންނަވަން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދަނޑުވެރިކަން ކުރާއިރު ދަނޑުވެރިން ސަމާލުކަން ދޭންވީ މުހިންމު ކަންތައްތަކެއް ހުރިކަމަށެވެ. އެގޮތުން އެންމެ މުހިންމީ ދަނޑުވެރިކަމުގައި ކެމިކަލް ބޭނުން ނުކުރުންކަމަށް ރައީސް ވިދާޅުވިއެވެ. އަދި އޭގެ ބަދަލުގައި ތިމާވެެއްޓާ ރައްޓެެހި ގޮތަކަށް އޯގެނިކް ފާމިންއަށް މަސައްކަތްތައް ބައްޓަންކުރުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.

އެ މަނިކުފާނު ވިދާޅުވީ އޯގެނިކް ފާމިންއަށް ރާއްޖޭގައި ޑިމާންޑު އޮތްކަމަށެވެ. އަދި އެއީ ރާއްޖޭގައި ވެސް ކުރެވޭނެކަމެއްކަމަށެވެ.

މީގެ އިތުރުން ރާއްޖޭގައި ހެއްދޭ ބާވަތްތައް ރާއްޖެއަށް ބޭނުންވާ މިންވަރަށް ހެއްދުމަށް މަސައްކަތްކުރަންޖެހޭކަމަށް ރައީސް ވިދާޅުވިއެވެ. އޭގެތެރޭގައި 17 ބާވަތެއްގެ ތަރުކާރިއާއި މޭވާ ހިމެނޭކަމަށް ވިދާޅުވިއެވެ.

މިރޭގެ ރަސްމިއްޔާތުގައި ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާ މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވެސް ވަނީ ވާހަކަދައްކަވާފައެވެ.

ރައީސް ސޯލިހު ކަނޑޫދުއަށް މިހާރު ކުރައްވާ ދަތުރުފުޅަކީ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅެކެވެ. އެ މަނިކުފާނު މާލެ ވަޑައިގަންނަވާނީ މާދަމާއެވެ.

ރަސްމީ ދަތުރުފުޅުގެ ތެރެއިން އެ މަނިކުފާނުވަނީ ތ. ކަނޑޫދޫގައި ފުޑް ސެކިއުރިޓީ ޕްރޮގްރާމާއި ފާޓިގޭޝަން ސިސްޓަމް އިފްތިތާހުކޮށްދެއްވާފައެވެ.

comment ކޮމެންޓް