ކަނޑޫދޫ މިރުހަކީ ހަމައެކަނި ކުޅިމިރުހެއް ނޫން، އެއީ ރަހަވެސް މީރު މިރުހެއް: ރައީސް

ތ. ކަނޑޫދޫ މިރުހަކީ ހަމައެކަނި ކުޅިމިރުހެއް ނޫން ކަމަށާއި އެއީ ރަހަވެސް މީރު މިރުހެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކަނޑޫދޫގައި ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކަނޑޫދޫ މިރުހަކީ އެ މިރުހުގައި ހުންނަ ގުދުރަތީ ކުޅިކަމާއި ރަހަ މީރުކަމެއްގެ އިތުރުން ރައްޔިތުންނަށް އެހާމެ، ބޭނުންޖެހިފައިވާ މިރުހެއް ކަމަށެވެ.

ރައީސް ވިދާޅުވީ ހާއްސަކޮށް، ކަނޑޫދޫ މިރުހަކީ މުޅި ރާއްޖެއަށް ވެސް ވަރަށް ބޮޑަށް މަޝްހޫރުވެ، އާއްމުވެފައިވާ މިރުހެއް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ކަނޑޫދޫ މަޝްހޫރު ކުޅިމިރުހުގެ ޑިމާންޑް ބޮޑުވެގެން ގޮސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވެސް ކަނޑޫދޫ މިރުހުގެ ނަމުގައި އެ މިރުސް އުފައްދާ، ބާޒާރަށް ނެރެމުން އަންނަ ކަމަށެވެ.

ދަތުރުވެރީންގެ މާރުކޭޓުން، އަންހެނަކު މިރުސް ގަންނަނީ -- ފޮޓޯ/ ސަން

ރައީސް ވިދާޅުވީ ކަނޑޫދޫ ކުޅިމިރުހުގެ ބޭނުންތެރިކަން އިތުރުވެ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވެސް އެ މިރުހުގެ މަގްބޫލުކަން އިތުރުވަމުން އަންނަ އައުމަކީ އެ ރަށަށް ލިބިފައިވާ ނުހަނު، ބޮޑު ޝަރަފަކާއި ފަހުރެއް ކަމަށެވެ.

"ކަނޑޫ މިރުހަކީ ހަމައެކަނި ކުޅި މިރުހެއް ނޫން. އެއީ ކާންވެސް މީރު ރައްޔިތުންނަށް އެހާމެ ބޭނުންޖެހިފައި އޮތް މިރުހެއް. ހާއްސަކޮށް މި ރަށުގެ މިރުހަކީ މުޅި ރާއްޖެއަށް ވަރަށް ބޮޑަށް މަޝްހޫރުވެ، އާއްމުވެފައިވާ މިރުހެއް. އެއީ މިރަށަށް ލިބިފައި އޮތް ވަރަށް ބޮޑު ޝަރަފެއް. ވަރަށް ބޮޑު ފަހުރެއް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކަނޑޫދޫއަށް ވަޑައިގެންނެވުމުން، އެ ރަށުގެ ލޮބުވެތި ރައްޔިތުންގެ ފަރާތުންކީ ހޫނު މަރުހަބާއަށް ޓަކައި ހިތުގެ އިހްލާސްތެރި، ޝުކުރު ދަންނަވާ ކަމަށެވެ.

ރައީސް، ކަނޑޫދޫއަށް ވަޑައިގެންނެވުމުން، އެ މަނިކުފާނަށް މަރުހަބާ ދެންނެވުން: ފޮޓޯ/ ރައީސް އޮފީސް

އެ މަނިކުފާނު ވިދާޅުވީ އެއިން ދޭހަ ވަނީ ދަނޑުވެރިކަމާއި ކަނޑޫދޫއާ ގުޅިލާމެހިފައި އޮތް މިންވަރު ކަމަށެވެ. އަދި ދަނޑުވެރިކަމަށް ކަނޑޫދޫގެ ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރު ކަމުގައި ވެސް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ ރާއްޖޭގެ އުފެއްދުންތެރިކަމަށް ބަލައިއިރު ދަނޑުވެރިކަން މިހާރު ހިއްސާ ކުރަނީ ޖީޑީޕީގެ ގާތްގަނޑަކަށް 1.7 އިންސައްތަކަން ފާހަގަ ކުރައްވާ، އެއީ އެކަން ވެގެންވާނެ ގޮތެއް ނޫން ކަމަށް ވިދާޅުވެފައެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖޭގައި އުފައްދާ ބާވަތްތަކަށް މާކެޓް އެބައޮތް ކަމަށާއި އެހެންކަމުން މިއަށްވުރެ، ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރެވެން ޖެހޭނެ ކަމަށެވެ.

ތ. ކަނޑޫދޫގެ މިރުސް ދަނޑަށް ރައީސް ޒިޔާރަތް ކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް

"ދަނޑުވެރިކަން މިއަށްވުރެ، ފުޅާ ދާއިރާއެއްގަ ކުރެވޭނެ. ރާއްޖޭގައި މާކެޓް އެބައޮތް. ރިސޯޓް ތަކަށް ބޭނުންވާ ތަރުކާރީއާ މޭވާ، އިންތިހާއަށް ގިނަ. މި ހުރިހާ ތަކެއްޗެއް މި އަންނަނީ ރާއްޖެއިން ބޭރުން އެތެރެކުރަމުން. ރެސޯޓް ތަކުން ބޭނުންވަނީ ޔަގީންކަން. މެދުނުކެނޑި އެމީހުން ގަންނަން ބޭނުންވާ ތަކެތި ލިބޭނެ ކަމުގެ ޔަގީންކަން އަޅުގަނޑުމެން ހޯދައިދޭންވީ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގައި އުފެއްދޭ ބައެއް ބާވަތްތަކަށް އަމާޒު ކޮށްގެން މި މަސައްކަތް ކުރެވިއްޖެ ކަމަށް ވަންޏާ، ރާއްޖެއަށް ލިބޭ އާމްދަނީގެ ޖީޑީޕީ ނިސްބަތުން މިއަށްވުރެ ބޮޑުބައެއް ދަނޑުވެރިކަމުގައި ހިއްސާ ކުރެވޭނެ ކަމަށް އެމަނިކުފާނު ގަބޫލުފުޅު ކުރައްވާ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ދަނޑުވެރިން ވެސް ބޭނުންވަނީ އެ މީހުން އުފައްދާ ތަކެތި ރަނގަޅު އަގުގައި ތާޒާކަމާއެކީ، ބާޒާރަށް ނެރެވޭނެ ފަސޭހަ ގޮތްތަކެއް ހަމަޖެހުން ކަމަށާއި އެހެންކަމުން ސަރުކާރުން މިހާރު މަސައްކަތް ކުރަނީ އެކަމަށް ގޮތްތަކެއް ހޯދައިދޭން ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ، މީގެ ކުރިން ތ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ކަނޑޫއަށް ވަޑައިގެން އެ ރަށުގެ ދަނޑުވެރިންނާ ވަނީ ބައްދަލު ކުރައްވާފައެވެ.

އެ ބައްދަލު ކުރެއްވުމުގައި ކަނޑޫދޫ ދަނޑުވެރިންގެ ފަރާތުން ރައީސަށް ހުށަހެޅީ ދަނޑު ތަކަށް ފަސޭހައިން ކަރަންޓާއި ފެން އިންތިޒާމް ވީހާ ވެސް އަވަހަކަށް ހަމަޖައްސަވާދެއްވުމަށެވެ.

ރައީސް ވިދާޅުވީ ކަނޑޫދޫ ދަނޑުވެރިންގެ ފަރާތުން ސަރުކާރުގައި ދެންނެވި ކަންކަން ވީހާވެސް އަވަހަކަށް ނިންމޭތޯ މަސައްކަތް ކުރައްވަމުން ވަޑައިގަންނަވާ ކަމަށެވެ.

"މި ރަށުގަ 250 ކިލޯވޮޓްގެ އިންޖީނެއް ބަހައްޓާ 2700 މީޓަރުގެ ކޭބަލް ގެނެސް އެކަމުގެ އަމަލީ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ފެނަކައިގެ އެމްޑީ ވިދާޅުވި. އިސާހިތަކު އެކަން ނިމި ދަނޑުވެރިން ބޭނުންވާ ގޮތަށް ދަނޑު ތަކަށް ކަރަންޓް ފޯރުކޮށްދެވޭނެ ކަމުގެ ޔަގީންކަން އެމްޑީ ދެއްވި. ހަމަ އެއާއެކު ފެނުގެ ނިޒާމް މިރަށުގަ ގާއިމުކޮށް ނިމޭއިރު ދަނޑު ތަކަށް ފެން ލިބޭނެ އިންތިޒާމް ވެސް އަޅުގަނޑުމެން ހަމަޖައްސައިދޭނަން،"

ކަނޑޫދޫއަކީ ކޮޅުމަޑުލުގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން އެންމެ ބިން ބޮޑު ރަށެވެ. ރަށުގެ ރައްޔިތުން އާމްދަނީ ހޯދުމަށް ޓަކައި އާންމުކޮށް ކޮށްއުޅޭ މަސައްކަތަކީ ދަނޑުވެރިކަމެވެ.

އެ ރަށު މީހުން ހައްދާ މިރުހަކީ ރާއްޖެއަށް މަޝްހޫރު ވަރަށް ކުޅި މިރުހެކެވެ. އެ މިރުސް މަޝްހޫރު ވެފައިވަނީ ވެސް "ކަނޑޫދޫ ކުޅިމިރުސް"ގެ ގޮތުގައެވެ. ދަނޑުވެރިކަން ކުރުމުގެ އިތުރުން އާމްދަނީ ހޯދުމުގެ ގޮތުން މަސްވެރިކަން ވެސް ކޮންމެވެސް ވަރަކަށް ކަނޑޫދު ރައްޔިތުން ކޮށް އުޅެއެވެ.

މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ބައެއް ވުޒާރާތަކުގެ ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ދައުލަތުގެ ބައެއް އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.

comment ކޮމެންޓް