އިނގިރޭސިވިލާތުގެ މަޖިލިސް މެމްބަރެއްގެ ގަޔަށް ވަޅި ޖަހައި އަަވަހާރަކޮށްލައިފި

އިނގިރޭސިވިލާތުގެ މަޖިލިސް މެމްބަރެއްކަމަށްވާ ޑޭވިޑް އަމޭސް --

އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެއްކަމަށްވާ ސަރ ޑޭވިޑް އޭމެސްގެ ހަށިކޮޅަށް ވަޅި ޖަހައި ދިން ހަމަލާއެއްގައި އޭނާ އަވަހާރަކޮށްލައިފިއެވެ.

މި ހަމަލާއާ ގުޅިގެން މިހާރު މީހަކު ހައްޔަރުކޮށްފައިވާކަމަށް އެ ގައުމުގެ ފުލުހުން ވަނީ ބުނެފައެވެ. އެގޮތުން އެ ހަމަލާ ދިން ސަރަހައްދުން ވަޅިއެއް ހޯދައިފައިވާކަމަށް ވެސް ފުލުހުން ބުންޏެވެ.

އޭމެސްއަށް ހަމަލާ ދީފައިވަނީ އޭނާގެ ދާއިރާގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ލެއި އޮން ސީގެ ބެލްފެއާ މެތޮޑިސްޓް ޗާޗްގައި ބައްދަލުވުމެއް ކުރިއަށް ދަނިކޮށެވެ. ރިޕޯޓުތައް ބުނާ ގޮތުގައި އޭނާ އަވަހާރަކޮށްލާފައިވަނީ އެެއް ފަހަރަށްވުރެ ގިނަ ފަހަރު ވަޅިން ހަމަލާދިނުމަށްފަހެވެ.

އޭމެސްއަށް ހަމަލާ ދިނުމާއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން ދެ ގައުމުގެ ގުޅުން ވަރުގަދަކޮށް ދެމެހެއްޓުމުގައި އޭމެސް އިސް ދައުރެއް އަދާކުރައްވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

އުމުުރުން 69 އަހަރުގެ އޭމެސްއަކީ 1983ވަނަ އަހަރުން ފެށިގެން ކޮންޒަވޭޓިވް ޕާޓިގެ މެމްބަރެއްގެ ގޮތުގައި މަޖިލިސް މެމްބަރުކަން ކުރައްވަމުން އައި ބޭފުޅެކެވެ. އޭނާ އަވަހާރަކޮށްލާފައިވާއިރު އޭނާގެ އަނތްބަކާއި ފަސް ދަރިން އެބަ ތިއްބެވެ.

comment ކޮމެންޓް