ދަނގެތީގައި ކަރުނަ ނާޅާ އެންމެ ލޮލެއް ވެސް ނެތް!

މަހްމޫދު އަބޫބަކުރުގެ ޖަނާޒާގެ ތެރެއިން -- ސަން ފޮޓޯ

(އދ. ދަނގެތިން) އަނިޔާވެރި މަރަކާއެކު ހިމޭންވެފައިވާ އދ. ދަނގެއްޗަށް، ކަނޑުގެ އަނިޔާވެރި ރާޅުތަކާ ހަނގުރާމަ ކުރުމަށްފަހު އާދެވިއްޖެއެވެ. މޮޅީގެ ސާލެއް ލެވިފައިވާ މި ރަށަށް ކަރުނައިން ފުރިފައިވާ ބާނިތަކެއް ކަނޑަތުކޮށް ފޭބިއްޖެއެވެ.

ދަނގެތީގައި އޮތީ ހިތާމައާއި މޮޅިވެރިކަމެވެ. ހިމޭންކަމާއި މާޔޫސީ ކަމެވެ. ބިރުވެރިކަމާއި ނާމާންކަމެވެ. ރަށުގެ ކޮންމެ މީހެއްގެ މޫނުމަތިން ވެސް ފެންނަނީ ބިރުވެރިކަމާއި ކަންބޮޑުވުމުގެ ކުލަވަރެވެ.

ދަނގެއްޗަށް ފޭބި ގޮތަށް ސަހަރާއަށް ދިޔައީމެވެ. އޭރު ސަހަރާއިން މީހުންތައް ނުކުންނަނީއެވެ. ދިމާވި މެދު އުމުރުގެ ފިރިހެނަކު ވާހަކަ ފެށީ އިއްޔެ ދަނގެތީގައި އަނިޔާވެރިކޮށް މަރާލި މަހްމޫދު އަބޫބަކުރުގެ ހަނދާންތަކުންނެވެ.

" މިވަރުގެ ބިރުވެރި ދުވަހެއް ބޭބެގެ މުޅި ހަޔާތުގައި ވެސް ނާދޭ. ގެއްލިގެން އެ ދިޔައީ ވަރަށް މަޖާ މިޒާޖެއްގެ މީހެއް. އެންމެންނާ ވެސް ވަރަށް ގުޅޭނެ،" އޭނާ ބުންޏެވެ.

މަހްމޫދުގެ ކަށު ނަމާދަށްފަހު އަންހެނުންތަކެއް މިސްކިތުން ނުކުންނަނީ -- ސަން ފޮޓޯ

އޭނާ ބުނި ގޮތުގައި މަހްމޫދަކީ މި ރަށުގެ އެންމެން ވެސް ވަރަށް ލޯބިވާ، ވަރަށް ގަދަރުކުރާ ވިޔަފާރިވެރިއެކެވެ. ރަށަށް ޚިދުމަތްތެރި، އެންމެންގެ އިހްތިރާމު ހޯދައިފައިވާ މީހެކެވެ.

މަހްމޫދުގެ އެއްބަނޑު ކޮއްކޮއެއް ކަމަށްވާ އަންވަރު ސޯލިހު ބުނީ މިއީ އޭނާގެ ހަޔާތުގައި އައި އެންމެ ހިތާމަވެރި ދުވަސް ކަމަށެވެ. އަދި މިފަދަ އަނިޔާވެރި ހާދިސާއެއް މިރަށުގައި ދުވަހަކު ވެސް ހިނގައިފައި ނުވާ ކަމަށް އަންވަރު ކިޔައިދިނެވެ.

" ބޭބެއަކީ އެއްވެސް މީހަކާ ދިމާއަށް އެއްވެސް އެއްޗެއް ބުނާ މީހެއް ނޫން. ވަރަށް މީހުން ހަމްދަރުދީ ވާ މީހެއް، ވަރަށް މީހުން ގަދަރު ކުރާ މީހެއް،" އަންވަރު ކިޔައިދިނެވެ.

އަންވަރު ބުނީ މަހްމޫދަކީ އެންމެންނާ ވެސް ގުޅޭ، މަޖާ މިޒާޖެއްގެ މީހެއް ކަމަށެވެ. އަދި ދުވަހަކު ވެސް މީހަކާ ދެބަސްވެ، ޒުވާބު ކުރާ މީހެއް ނޫން ކަމަށެވެ.

އަންވަރަށް އޭނާގެ ބޭބެ އެންމެ ފަހުން ފެނުނީ ބުދަ ދުވަހުގެ މެންދުރު ނަމާދުން ފައިބައިގެން ދަނިކޮށްނެވެ. އަދި ދުރުން ފެނުމުން ބޭބެއަށް އިޝާރާތް ކޮށްލި ކަމަށް އަންވަރު ކިޔައިދިނެވެ. އެހެން ނަމަވެސް އެއީ ބޭބެ ދިރިހުއްޓާ ފެންނާނެ އެންމެ ފަހު ފަހަރު ކަމެއް އަންވަރަކަށް ނޭނގެއެވެ.

އިއްޔެ ދުނިޔެއާ ވަކިވެދިޔަ މަހްމޫދަކީ ވަރަށް ގިނައިން ވޮލެޓުގައި ފައިސާ ގެންގުޅޭ މީހެކެވެ. މި ރަށު މީހުން ޝައްކު ކުރާ ގޮތުގައި މަހްމޫދު މަރާލީ ވެސް ފައިސާގެ ބޭނުމުގައެވެ. އޭނާގެ އަތުން ވައްކަން ކުރުމުގެ މަގުސަދުގައެވެ.

މަހްމޫދަކީ ކާޑުގެ ބާވަތްތައް ރަށުގައި ވިއްކާ މީހެކެެވެ. އަދި އޭނާއަކީ މިރަށުގައި ކެފޭއެއް ވެސް ހިންގަމުން އަންނަ ވިޔަފާރިވެރިއެކެވެ.

މަހްމޫދު ހިންގަމުން އަންނަ ހޯލްސޭލް ފިހާރަ -- ސަންފޮޓޯ/ ޢާލިމް އަބްދުއްލަތީފް

"ބޭބެއަށް ލާރި ގެންގުޅެވޭ ގޮތަކީ، ބޭބެ މަގުމަތީގައި ހިނގަމުން ހިނގަމުން ދަނިކޮށް މީހަކު ބުނެފާނެ، އޭތް މިއޮތީ ހަކުރު ބަސްތާގެ ލާރި، ދީފާނެ 500 ރުފިޔާ. ދެން އޭގެ ބާކީ ދޭން ޖެހޭނެތާ. ބޭބެ ވަގުތުން ބާކީ ދޭނެ ގެއަށް ނުގޮސް،" އަންވަރު ކިޔައިދިނެވެ.

މަހްމޫދުގެ މަރާއެކު މި ރަށުގެ ވަރަށް ގިނަ ބަޔަކު ތިބީ ބިރުގަންފައެެވެ. އަނިޔާވެރިކަމަކީ ދަނގެތީ ރައްޔިތުންނަށް ވަރަށް އާ ކަމެކެވެ. މިއީ މިރަށުގައި މީގެ ކުރިން ހިނގައިފައިވާ ފަދަ ހާދިސާއެއް ނޫނެވެ.

މަހުމޫދު ގަތުލުކޮށްލި ކަމުގެ ތުހުމަތު ކުރެވޭ ދެ މީހަކު ފުލުހުން ބެލުމުގެ ދަށަށް މިހާރު ވަނީ ގެނެސްފައެވެ. އެއީ 31 އަހަރުގެ މީހަކާއި 20 އަހަރުގެ މީހެކެވެ. އެ ދެ މީހުންގެ ވަނަވަރު "ސަން"އަށް ވަނީ އެނގިފައެވެ. އެ ދެ މީހުން ހައްޔަރުކުރި ކަމަށް ފުލުހުން އަދި ހާމަކޮށްފައިނުވާތީ އެ މައުލޫމާތު އާންމު ނުކުރީއެވެ.

މަހްމޫދުގެ ޖަނާޒާގައި ރަށުގެ ގިނަ ބަޔަކު ބައިވެރިވިއެވެ. ދަނގެތީ މީހަކު "ސަން"އަށް ކިޔައިދިން ގޮތުގައި މިހާ ގިނައިން ޖަނާޒާއެއްގައި މި ރަށު މީހުން ބައިވެރިވެފައެެއް ނުވެއެވެ. މަހްމޫދުގެ ޖަނާޒާގައި މި ރަށުގެ މުޅި ރައްޔަތް ބައިވެރިވިއެވެ.

މަހްމޫދުގެ މޫނު ބެލުމަށްފަހު އޭނާގެ އާއިލާ މީހުން ނުކުތީ ރޮމުން ރޮމުންނެވެ. ކަރުނަތައް ހިފަހައްޓާ ނުލެވިގެންނެވެ. ރަށުގެ އެހެން މީހުން ވެސް ތިބީ ފެންކަޅިވެފައެވެ.

މަހްމޫދުގެ މަހާނަ: މަހްމޫދުގެ ޖަނާޒާ ބާއްވައިފައިވަނީ މިއަދުގެ އަސްރު ނަމާދަށްފަހު -- ސަންފޮޓޯ/ ޢާލިމް އަބްދުއްލަތީފް

މަހްމޫދު މަރުވިއިރު، އޭނާގެ ފަސް ދަރީންނާއި އަނތްބެއް ދުނިޔޭގައި އެބަހުއްޓެވެ. މަހްމޫދުގެ މަރާއެކު އޭނާގެ އަންހެނުންނާއި ދަރީންނަށް ލިބިފައިވަނީ ކުއްލި ޝޮކެކެވެ. އެ އަނިޔާވެރި މަރުގެ ހަބަރާއެކު، އޭނާގެ އަންހެނުންނާއި ދަރިއަކު ސިއްހީ މަރުކަޒުގައި އެޑްމިޓް ވެސް ކުރިއެވެ.

ބައެއްގެ ލާއިންސާނީ އަމަލުތަކަކާ ހެދި، އުފާވެރި އާއިލާއަކަށް ހިތާމަވެރިކަން ވެރިވީއެވެ. އަމާން ރަށެއް ބިރުވެރިކަމެއްގެ ތެރެއަށް ވައްޓާލީއެވެ. ދަނގެތީގައި މިއަދު ކަރުނަ ނާޅާ އެންމެ ލޮލެއް ވެސް ނެތެވެ.

comment ކޮމެންޓް