އެޕަލްއިން ޗައިނާގައި ގުރުއާން އެޕްލިކޭޝަނެއް ބޭނުންނުކުރެވޭ ގޮތް ހަދައިފި

ގުރުއާން މަޖީދު އެޕްލިކޭޝަން --

ދުނިޔޭގެ އެންމެ މަޝްހޫރު އެއް ގުރުއާން އެޕްލިކޭޝަން ކަމަށްވާ "ގުރުއާން މަޖީދު" ޗައިނާގައި ބޭނުން ނުކުރެވޭ ގޮތަށް، ޗައިނާ އެޕަލް ސްޓޯރުން އެ އެޕް ނަގައިފިއެވެ.

އެ އެޕްލިކޭޝަން އެޕަލް ސްޓޯރުން ނަގާފައިވަނީ އެ ގައުމުގެ އިސް އޮފިޝަލުންތަކެއްގެ އެދުމުގެ މަތިންނެވެ.

ބީބީސީން ރިޕޯޓު ކުރި ގޮތުގައި އެ އެޕްލިކޭޝަން ނަގާފައިވަނީ އޭގައި ގަވާއިދާ ހިލާފު ދީނީ ލިޔުންތަކެއް ހުރިކަމަށް ބުނެއެވެ. އަދި އެ ފިޔަވަޅާ ބެހޭ ގޮތުން ވަކި އެއްޗެކޭ ބުނަން އެ ކުންފުނިން ދެކޮޅު ހެދިއެވެ. ނަމަވެސް އެ ގައުމެއްގެ ގާނޫނުތަކަށް އެޕަލްއިން ތަބާވާން ޖެހޭ ކަމަށް އެ ކުންފުނީގެ ހިއުމަން ރައިޓްސް ޕޮލިސީގައި ބަޔާންކޮށްފައިވާކަން އެޕަލްއިން ފާހަގަކުރި ކަމަށް ބީބީސީގައިވެއެވެ.

ނަމަވެސް އެ އެޕްލިކޭޝަން އެ ގައުމުގެ ގާނޫނުތަކާ ހިލާފުވަނީ ކީއްވެގެންކަން އަދިވެސް ހާމަކޮށްދެެވިފައެއް ނުވެއެވެ.

ގުރުއާން މަޖީދު އެޕްލިކޭޝަނަކީ ހުރިހާ ގައުމަކަށް ވެސް އެޕަލް ސްޓޯ މެދުވެރިކޮށް އަޅައިގެން ބޭނުންކުރެވޭ އެޕެކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 35 މިލިއަނަށްވުރެ ގިނަ މުސްލިމުން މި އެޕްލިކޭޝަން ބޭނުންކުރެއެވެ.

އެ އެޕް ބޭނުންނުކުރެވޭކަން އެންމެ ފުރަތަމަ ދެނެގަނެވުނީ އެޕަލް ސްޓޯގެ އެޕްތައް މޮނީޓަރުކުރާ ވެބްސައިޓެއްކަމަށްވާ އެޕަލް ސެންސާޝިޕަށެވެ.

ޗައިނާގައި އެޕަލް ސްޓޯ މެދުވެރިކޮށް ގުރުއާން އެޕްލިކޭޝަން މިހާރު ބޭނުންނުކުރެވޭއިރު އެގައުމަށް ގިނަ ބައެއްގެ ފާޑު ކިޔުން އަންނަނީ އަމާޒުވަމުންނެވެ.

ހަމައެއާއެކު އެގައުމުގައި މުސްލިމުންނާ ދެކޮޅަށް ލާއިންސާނީ އަމަލުތައް ހިންގާ ކަމަށް ބައެއް ގައުމުތަކުންނާއި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާތަކުން ތުހުމަތުކުރެއެވެ.

comment ކޮމެންޓް