އަފްޣާނިސްތާނުގެ މިސްކިތެއްގައި އަނެއްކާވެސް އަމިއްލައަށް މަރުވެގެން ޙަމަލާތަކެއްދީ 35 މީހުން މަރާލައިފި

ކަންދަހާރުގެ މިސްކިތެއްގައި ހުކުރު ނަމާދުކުރަނިކޮށް މިއަދު ބަޔަކު އަމިއްލައަށް މަރުވެގެން ދިން ހަމަލާތަކަށްފަހު މިސްކިތް އޮތްގޮތް

ކަންދަހާރު (އޮކްޓޯބަރު 15) : އަފްޣާނިސްތާނުގެ އެންމެ ބޮޑު އެއްސިޓީކަމަށްވާ ކަންދަހާރުގައިވާ ޝިޔައީންގެ މިސްކިތެއްގައި އެތަށް ސަތޭކަ ބަޔަކު ހުކުރު ނަމާދުކުރަން ތިއްބައި ތިން މީހަކު އަމިއްލަ އަށް މަރުވެގެން ޓެރަރިސްޓް ޙަމަލާތަކެއްދީ 35 މީހުން މަރާލައި 70 އަށްވުރެ ގިނަ މީހުން ޒަޚަމްކޮށްލައިފިއެވެ.

އަފްޣާނިސްތާނުގައި ވެރިކަންކުރާ ތާލިބާން ސަރުކާރުގެ ފުލުހުން ބުނިގޮތުގައި މިއީ ހަށިގަނޑުގައި ގޮވާތަކެތި ހަރުކޮށްގެން މިސްކިތުގެ ތިން ތަނެއްގައި ތިބި ތިން މީހަކު އަމިއްލައަށް ހަށިގަނޑު ގޮއްވާލައިގެން ދިން ޓެރަރިސްޓް ޙަމަލާތަކެކެވެ. މި ހަމަލާތަކުގެ ޒިންމާ އަދި އެއްވެސް ޖަމާއަތަކުން އުފުލާފައި ނުވިނަމަވެސް މިއީ ހައްދު ފަހަނަޅާފައިވަ ޓެރަރިސްޓް ޖަމާއަތެއްކަމަށްވާ އައިއެސް ޖަމާއަތުގެ ހަމަލާތަކެއް ކަމަށް ބެލެވޭކަމަށް ތާލިބާން ސަރުކާރުންވަނީ ތުހުމަތު ކޮށްފައެވެ.

މިހަމަލާތަކުގެ ފަހަތުގައިވާ އައިއެސްގެ ޓެރަރިސްޓުން ހޯދުމަށްޓަކައި ކަންދަހާރުގައި ތާލިބާނުންގެ އަސްކަރީ ބާރުތަކުން އަތްފުނާ އަޅަމުން ގެންދާ ކަމަށާ އަދި އައިއެސްގެ ޓެރަރިސްޓުން ފިލައިގެން ތިބޭ ކަމަށް ބެލެވޭ ތަންތަނަށް ވަރުގަދަ ހަމަލާތަކެއް ދެމުން ގެންދާކަމަށްވެސް ތާލިބާން ސަރުކާރުގެ ދާޚިލީ ވުޒާރާއިން ނެރުނު ބަޔާނެއް ބުނެއެވެ.

މިދިޔަ ހަފްތާގައިވެސް އައިއެސް ޖަމާއަތުންވަނީ އަފްޣާނިސްތާނުގެ ކުންދޫޒް ގައި ހުންނަ ޝިޔައީންގެ މިސްކިތެއްގައި އެތަށް ސަތޭކަ ބަޔަކު ހުކުރު ނަމާދުކުރަން ތިއްބައި އެޖަމާއަތުގެ ޓެރަރިސްޓުންގެ ބަޔަކު އެމީހުންގެ ހަށިތައް ހަތިޔާރާއެކު ގޮއްވާލައި އަމިއްލައަށް މަރުވެގެން ވަރުގަދަ ޙަމަލާތަކެއްދީ 60 އަށްވުރެ ގިނަމީހުން މަރާލައި 100 އަށްވުރެ ގިނަ މީހުން ޒަޚަމްކޮށްލާފައެވެ. އެހަމަލާތަކުގެ ޒިންމާ އައިއެސް ޖަމާއަތުންވަނީ އުފުލާފައެވެ.

މިިދޔަ ހަފްތާގައި ކުންދޫޒްގެ މިސްކިތުގައި ހުކުރު ނަމާދު ކުރަނިކޮށް އައިއެސް އިން އެމިސްކިތް ގޮއްވާލުމުން ޒަޚަމްވެފައިވާ މީހެއް

އަފްޣާނިސްތާނުގެ އެންމެ ބޮޑު އެއްސިޓީކަމަށްވާ ކަންދަހާރަކީ ތާލިބާނުންގެ އެންމެ ބޮޑު މަރުކަޒެވެ. ތާލިބާނުން އުފެދި އެޖަމާއަތް ހަނގުރާމަވެރި ބޮޑު ޖަމާއަތަކަށް ވެގެންދިޔައީ ކަންދަހާރުގައެވެ. އަދި ތާލިބާނުންގެ އިސްވެރިންގެ އުފަންވެފައިވަނީވެސް ކަންދަހާރަށެވެ. އެމީހުންގެ ގެދޮރުވެސް ހުންނަނީ ކަންދަހާރުގައެވެ.

އެހެންކަމުން ކަންދަހާރުގެ މިސްކިތެއްގައި އެތަށް ސަތޭކަ ބަޔަކު ހުކުރުނަމާދުކުރަން ތިއްބައި ޓެރަރިސްޓް ހަމަލާތަކެއްދީ އެ މިސްކިތް ގޮއްވާލުމަކީ އައިއެސް ޖަމާއަތުން ތާލިބާން ސަރުކާރަށް ދިން ވަރަށް ވަރުގަދަ މެސެޖެއް ކަމަށާ އެމެސެޖްގެ ބޭނުމަކީ ތާލިބާނުންގެ ވެރިކަމުގައި އެޖަމާއަތުގެ މައި މަރުކަޒު ކަމަށްވާ ކަންދަހާރުގައި އައިއެސް ޖަމާއަތުގެ ވުޖޫދު އޮތްކަން ހާމަކުރުންކަމަށް މުރާސިލުން ބުނެއެވެ.

މިއީ ޖެހިޖެހިގެން ދެ ހަފްތާ ތެރޭގައި އަފްޣާނިސްތާނުގެ ޝިޔައީންގެ މިސްކިތްތަކަށް އަމާޒުކޮށްގެން އައިއެސްގެ ޓެރަރިސްޓުން ދިން ލޭއޮހޮރުވުން ބޮޑު ދެވަނަ ޙަމަލާއެވެ. މިދިޔަ ހަފްތާގެ ހުކުރުދުވަހު ކުންދޫޒް ގެ ގުޒާރޭ ސައްޔިދު އާބާދު މިސްކިތް ގޮއްވާލައި 60 މީހުން މަރާލީވެސް އެމިސްކިތުގައި އެތަށް ސަތޭކަ ބަޔަކު ހުކުރުނަމާދު ކުރަން ތިއްބައެވެ.

މިދެ ހަމަލާގެ ކުރިން ކާބުލް އެއާޕޯޓްގެ ކައިރީގައާއި އަފްޣާނިސްތާނުގެ ބޮޑު ސިޓީއެއްކަމަށްވާ ޖަލާލް އާބަދުގައިވެސް އައިއެސްގެ ޓެރަރިސްޓުން އަމިއްލައަށް މަރުވެގެން ލޭއޮހޮރުވުން ބޮޑު ދެ ޙަމަލާ ދީފައިވެއެވެ. ކާބުލް އެއާޕޯޓްގެ ކައިރީގައި މިދިޔަ އޮގަސްޓް މަހުގެ 26 ވަނަދުވަހު އައިއެސް ގެ ޓެރަރިސްޓުންގެ ބަޔަކު އަމިއްލައަށް މަރުވެގެންދިން ޙަމަލާތަކުގައި 200 އަށް ވުރެ ގިނަ މީހުން މަރާލިއިރު އޭގެތެރޭގައި އެމެރިކާ ސިފައިންނާއި ތާލިބާން ހަނގުރާމަވެރިންނާއި އަދި ގިނަ އަދަދެއްގެ އާންމުންވެސް ހިމެނެއެވެ. އައިއެސް ގެ ޓެރަރިސްޓުން ޖަލާލް އާބާދަށް ދިން ޙަމަލާތަކުގައިވެސް އެތަށް ބަޔަކު މަރާލާފައިވާއިރު އޭގެތެރޭގައިވެސް ގިނައީ އާންމުންނެވެ.

ކަންދަހާރުގައިވާ ޝިޔައީންގެ މިސްކިތެއްގައި މިއަދު ބޮންގޮއްވާލާފައި މިވަނީ މިދިޔަ ހަފްތާގައި ކުންދޫޒްގެ މިސްކިތަށް އައިއެސް އިން ދިން ހަމަލާތަކަށްފަހު އައިއެސްގެ އަމާޒުތަކަށް ހަމަލާދީ އެޖަމާއަތުގެ އެތަށްބަޔަކު މަރާލާފައިވާ ކަމަށާ މިއާއެކު އައިއެސްގެ ބާރު އަފްޣާނިސްތާނުގައި ކުޑަވެގެންދާނެކަމަށް ތާލިބާން ސަރުކާރުގެ ތަރުޖަމާނަކު މިދިޔަ ހަފްތާގައި ވިދާޅުވެފައި ވަނިކޮށެވެ.

ތާލިބާން ސަރުކާރު ބުނާގޮތުން އަފްޣާނިސްތާނަށް ސަލާމަތީގޮތުން މިހާރު އޮތް ހަމައެކަނި ބިރަކީ އައިއެސް ޖަމާއަތެވެ. އެނޫން ބިރެއްނެތެވެ. އެމެރިކާ ސިފައިން ފޭބުމަށްފަހު ތާލިބާނުންވަނީ އަފްޣާން ހަނގުރާމަ ނިމުމަކަށް އައިކަން ރަސްމީކޮށް އިއުލާންކޮށްފައެވެ. މިއާއެކު މީގެކުރިން އަފްޣާނިސްތާނަށް އައިސްފައި ނުވާވަރުގެ ހަމަޖެހުން އަފްޣާން ރައްޔިތުން ހިއްސާކުރަމުން ގެންދާކަމަށާ މިހާރު އޮތް ހަމައެކަނި ބިރަކީ އައިއެސް ޖަމާއަތުގެ ބިރުކަމަށް ތާލިބާނުން ބުނެއެވެ.

އަފްޣާނިސްތާނުގައި އައިއެސް ޖަމާއަތް އުފެދި ބޮޑުވެ ވަރުގަދަވެފައިވަނީ އެމެރިކާގެ ސިފައިންނާއި އެމެރިކާގެ ބާރުތައް އެގައުމުގައި އޮތްދުވަސްވަރުގައެވެ. އަފްޣާނިސްތާނުގައި އެމެރިކާ ސިފައިން ތިބިއިރު އައިއެސް ޖަމާއަތާ ދެކޮޅަށް އެމެރިކާ ހަނގުރާމަ ކޮށްފައިނުވާކަމަށް ތާލިބާނުން ބުނެފައިވެއެވެ. އަދި ތާލިބާނުންގެ ވެރިކަމުގައި އައިއެސް ޖަމާއަތުގެ ވުޖޫދު އަފްޣާނިސްތާނުން ވަރަށް އަވަހަށް ނައްތާލާނެކަމަށްވެސް ތާލިބާނުން ބުނެފައިވެއެވެ.

comment ކޮމެންޓް