މަހްމޫދުގެ ހަށިގަނޑުން ކުނި ވަސް ދުވާތީ މަޣްރިބް ނަމާދަށް މަޑުނުކޮށް ވަޅުލައިފި

މަހުމޫދުގެ ހަށިގަނޑު ވަނީ ވަޅުލާފަ -- ސަން ފޮޓޯ

އދ. ދަނގެތީގައި މަރާލާފައި އޮއްވާ ފެނުނު މަހުމޫދު އަބޫބަކުރުގެ ހަށިގަނޑުން ކުނި ވަސް ދުވަން ފެށުމުގެ ސަބަބުން މަޣްރިބް ނަމާދަށް މަޑުނުކޮށް ހަށިގަނޑު ވަޅުލައިިފިއެވެ.

ދަނގެތީ ކައުންސިލް މެންބަރު އަހްމަދު އަބްދުއްސަމަދު "ސަން"އަށް ވިދާޅުވީ މިހާރު މަހްމޫދު ވަޅުލައި ނިންމައިފައިވާކަމަށެވެ.

"އާދެ. ހަށިގަނޑުން ކުނި ވަސް ދުވާތީ އަވަހަށް ވަޅުލަން ނިންމީ. ހަމަ ދެންމެ ވަޅުލައި ނިމި ސަހަރާގައި މި ތިބީ،" އޭނާ ވިދާޅުވިއެވެ.

ފޮރެންސިކްގެ ދާއިރާއިން އިތުރު ތަހުލީލުތަކެއް ކުރުމަށް މަހުމޫދުގެ ހަށިގަނޑު މާލޭ ގެނައީ މިއަދުގެ ފަތިހުގެ ވަގުތެއްގައެވެ.

މަހުމޫދު މަރައިލިގޮތުގެ މައުލޫމާތު ފުލުހުން އަދި ހިއްސާ ނުކުރެއެވެ. ނަމަވެސް އޭނާގެ ހަށިގަނޑު ފެނުނު ބައެއް މީހުން ކިޔައިދިން ގޮތުގައި އޭނާގެ ކަރަށާއި ބޮލަށް ތަކުރާރުކޮށް ވަރަށް ފުންކޮށް ތޫނު އެއްޗަކުން ހަމަލާދީފައިވެއެވެ.

މަހްމޫދުގެ ވަޅުލަން ގެންދަނީ -- ސަން ފޮޓޯ

އުމުރުން 57 އަހަރުގެ މަހުމޫދު މަރާލާފައި އޮއްވާ ފެނުނީ އޭނާ ގެއްލިގެން ހޯދަމުން ދަނިކޮށެވެ. އެގޮތުން އިއްޔެ ހެނދުނު 10:00 އިން ފެށިގެން ރަށުގެ އެކި ސަރަހައްދުތައް ހޯދަމުން ދަނިކޮށް 3:15 ހާއިރު އޭނާ ފެނުނީ ފަޅު ގޯއްޗެއްގައި ހުރި ފެންވަޅަކަށް ވައްޓާލާފައި ވަނިކޮށެވެ.

ވިޔަފާރިވެރިޔާ މަހުމޫދަކީ އަބަދުވެސް ޖީބުގައި ފައިސާ ގެންގުޅޭ މީހެއް ކަމަށް އެރަށު މީހުން ބުނެއެވެ. އެހެންކަމުން އޭނާ މަރާލީ ވައްކަމެއްގެ ތެރެއިން ކަމަށް ވަނީ ތުހުމަތުކޮށްފައެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ. ނަމަވެސް އެ މައްސަލާގައި ކުށްވެރިވާ ކަމަށް ރަށުގެ ރައްޔިތުންނަށް ތުހުމަތު ކުރެވޭ ދެ މީހަކު، އެ ރަށުގެ ރައްޔިތުން ވަނީ ފުލުހުންނާ ހަވާލުކޮށްފައެވެ. އަދި އެ މީހުންނަށް ވަނީ ފުލުހުންގެ ހިމާޔަތް ދީފައެވެ.

މީގެ އިތުރުން އެ ދެ މީހުންނާ ގުޅުން ހުރި އަންހެނަކަށް ވެސް ފުލުހުން ވަނީ ހިމާޔަތް ދީފައެވެ.

comment ކޮމެންޓް