ރާއްޖެއަށް ކުރެއްވި ދަތުރުފުޅަށް ފަހު ޝާހިދު ނިއު ޔޯކަށް ވަޑައިގެންފި

ފޮރިން މިނިސްޓަރު ޝާހިދު ބަލްގޭރިއާއަށް ފުރާވަޑައިގަންނަވަނީ. -- ފޮޓޯ/ޓްވިޓާ

އދގެ އާއްމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ނިއުޔޯކަށް ވަޑައިގެންފިއެވެ.

ޝާހިދުގެ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި ވަޑައިގެންނެވީ ރާއްޖެ އާއި ޔުނައިޓެޑް އަރަބް އެމިރޭޓްސްއާއި ސާބިއާއަށެވެ.

ޝާހިދު ރާއްޖެއަށް ކުރެއްވި ހަތަރު ދުވަހުގެ ދަތުރުފުޅުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާއި ޑިފެންސް މިނިސްޓަަރު މާރިޔާ އަހުމަދު ދީދީއާއި ރައްޔިތުންގެ މަޖްލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އަދި އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާނާ ވެސް ބައްދަލުކުރެއްވިއެވެ.

މީގެ އިތުރުން ގައުމީ ދުވަހު ބޭއްވި ޖަލްސާގައި ޝާހިދަށް ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަމުގެ ލަގަބު އަރުވައިފައިވެއެވެ.

ޝާހިދު ޔޫއޭއީއަށް ކުރެއްވި ދަތުރުފުޅުގައި ދުބާއީ އެކްސްޕޯގައި ބައިވެރިވެވަޑައިގެންނެވިއެވެ. އަދި މޫސުމަށް އަންނަ ބަދަލާއި ގުޅިގެން ރާއްޖެފަދަ ކުދިކުދި ޖަޒީރާ ގައުމުތަކަށް ލިބެމުންދާ ގޮންޖެހުންތަކާ ބެހޫގޮތުން ތަގުރީރުކުރެއްވިއެވެ.

މީގެ އިތުރުން ސާބިއާގައި ޝާހިދު އެގައުމުގެ ރައީސް އެލެކްޒެންޑާ ވުޗިކްގެ އިތުރުން މަދަނީ ޖަމްއިއްޔާތަކުގެ އަންހެން ލީޑަރުންނާއި އދގެ އާއްމު މަޖިލީހުގެ 67 ވަނަ ރައީސް ވުކް ޖެރެމިކްއާވެސް ބައްދަލުކުރެއްވިއެވެ.

ހަމައެއާއެކު ސާބިއާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސާއި ބޮޑުވަޒީރުގެ ނައިބާވެސް ޝާހިދު ބައްދަލުކުރެއްވިއެވެ.

ޝާހިދު ނިއު ޔޯކަށް ވަޑައިގަތުމަށް ފަހު ވަނީ އާއްމު މަޖިލީހުގެ ފަސްޓް ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައެވެ. އަދި އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒްއާއެކު މަހަކު އެއް ފަހަރު ބާއްވަވާ ކޯޑިނޭޓިން ބައްދަލުވުމުގެ ފުރަތަމަ ބައްދަލުވުން ބާއްވަވާފައި ވަނީވެސް ޝާހިދު އެނބުރި ނިއުޔޯކަށް ވަޑައިގަތުމަށް ފަހުގައެވެ.

comment ކޮމެންޓް