މަހުމޫދު މަރާލިކަމުގެ ތުހުމަތުކުރާ ދެ މީހުންގެ މާޒީންވެސް ބިރުވެރިކަން!

އދ. ދަނގެތީގައި މަރާލާފައި އޮއްވާ ފެނުނު މަހުމޫދު އަބޫބަކުރު

އދ. ދަނގެތީގެ އެތައް ބައެއްގެ ލޯބި ލިބިފައިވާ ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރު ގަތުލުކޮށްލިކަމުގެ ޚަބަރާއެކު ރަށުގެ ރައްޔިތުން އަދިވެސް ތިބީ ބިރުވެރިކަމެއްގެ ތެރޭގައެވެ. މީގެކުރިން ދުވަހަކު ވެސް މިފަދަ ލާއިންސާނީ ޖަރީމާއެއް ހިންގާފައިނުވާ އެރަށުގައި އެހާ އަނިޔާވެރި ގޮތަކަށް މީހަކު މަރާލުމުން ރައްޔިތުންނަށް ކުއްލި ސިހުމެއް ގެނުވިއެވެ.

އުމުރުން 57 އަހަރުގެ މަހުމޫދަށް ވީނުވީއެއް ނޭނގި އާއިލާގެ މީހުން އިއްޔެ ހެނދުނުން ފެށިގެން ތިބީ ކަންބޮޑުވުމެއްގައެވެ. އާއިލާއިން ކުރި މަސައްކަތުން ވެސް އޭނާ ނުފެނުމުން ރަށު ކައުންސިލާއި ރައްޔިތުން ގުޅިގެން އޭނާ ހޯދުމަށްޓަކައި އެރަށުގެ އެކި ސަރަހައްދުތައް ބަލައި ޗެކްކުރަން ފެށިއެވެ. އިއްޔެ ހެނދުނު 10:00 އިން ފެށިގެން ރަށުގެ އެކި ސަރަހައްދުތައް ހޯދަމުން ދަނިކޮށް 3:15 ހާއިރު އޭނާ ފެނުނީ ފަޅު ގޯއްޗެއްގައި ހުރި ފެންވަޅަކަށް ވައްޓާލާފައި ވަނިކޮށެވެ.

"ރަށުގެ އެކި ސަރަހައްދުތަކަށް އެކި ޓީމްތައް ހަދައިގެން ރައްޔިތުން ދިޔައީ މަހުމޫދު ހޯދަމުން. އެއްވެސް މެދުކެނޑުމެއް ނެތި މަހުމޫދު ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ފެނުނީ ފަޅު ގޯއްޗެއްގައި ހުރި ފެންވަޅަކަށް ވައްޓާލާފައި އޮއްވާ. މުޅި މޫނު ނިވާވާގޮތަށް ބޯކޮޅުގައި އޮތީ ގޯންޏެއް އަޅާފައި ބަނދެފައި. އަދި ފައިކޮޅުގައި ވެސް ގޯންޏެއް އަޅައި އޮތީ ބަނދެފައި،" ދަނގެތީ ކައުންސިލްގެ ރައީސް މުއާވިޔަތު ރަޝީދު "ސަން"އަށް ވިދާޅުވިއެވެ.

ދަނގެތީގެ މަރާލި މީހާ އޮތް ވަޅު -- ސަން ފޮޓޯ/ ކިޔުންތެރިއެއް

މުއާވިޔަތު ވިދާޅުވިގޮތުގައި ފުލުހުންގެ ޚާއްސަ ޓީމަކުން އަންނަނީ އެ މައްސަލައިގެ ތަހުގީގަށް އެރަށުގައި ހަރަކާތްރެރިވަމުންނެވެ.

މަހުމޫދު މަރައިލިގޮތުގެ މައުލޫމާތު ފުލުހުން އަދި ހިއްސާ ނުކުރެއެވެ. ނަމަވެސް އޭނާގެ ހަށިގަނޑު ފެނުނު ބައެއް މީހުން ކިޔައިދިންގޮތުގައި ކަރަށާއި ބޮލަށް ތަކުރާރުކޮށް ވަރަށް ފުންކޮށް ތޫނުއެއްޗަކުން ވަނީ ހަމަލާދީފައެވެ.

ވިޔަފާރިވެރިޔާ މަހުމޫދަކީ އަބަދުވެސް ޖީބުގައި ފައިސާ ގެންގުޅޭ މީހެއް ކަމަށް އެރަށު މީހުން ބުނެއެވެ. ބެލެވޭގޮތުގައި އެއްވެސް ރަހުމެއް ނެތް ބައެއްގެ ހަމަލާ އޭނާއަށް އަމާޒުވީ އެ ފައިސާގެ ދަހިވެތިކަމުގައެވެ.

އެންމެފަހުން ފެނުނީ މެޗު ބަލަން އިންދައި، ފޯނުކޯލަކާ އެކު ގެއްލުނީ

އެރަށުގެ ގިނަ ބަޔަކާ "ސަން"އިން މިކަމާ ގުޅޭގޮތުން ވާހަކަދެއްކުމުން، ކުރިން ނޭނގޭ ބައެއް ކަންތައްތައް އެނގުނެވެ. އެރަށު މީހުން ކިޔައިދިންގޮތުގައި އެންމެފަހުން އޭނާ ފެނުނީ ބުދަ ދުވަހުގެ ރޭ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އާއި އިންޑިއާ ބައްދަލުކުރި މެޗް ބަލަން އުޅެނިކޮށެވެ. މެޗް ބަލަން މަހްމޫދު އިނީ "މޮނަލާޒް" ކެފޭގައެވެ. އެއީ އޭނާގެ އަމިއްލަ ތަނެކެވެ.

"މެޗް ބަލަން އިންދާ ފޯނު ކޯލެއް އައީމަ ފޯނުން ވާހަކަ ދައްކަމުން ކެފޭއިން ނުކުތީ. އޭގެފަހުން ވީގޮތެއް ނޭނގޭ،" ދަނގެތިން ވާހަކަދެއްކި މީހަކު ކިޔައިދިނެވެ.

މަހުމޫދުގެ އާއިލާގެ މެމްބަރަކު ކިޔައިދިން ގޮތުގައި އާންމުކޮށް ފަތިހު ގެއިން ނުކުންނަ ގޮތަށް އޭނާ ގެއަށް ވަންނަނީ ހެނދުނެވެ. އާންމުކޮށް ގިނަ ވަގުތު ބޭރުގައި ހޭދަކުރާތީ އާއި އަދި އޭނާގެ އަންހެނުން ވެސް ބަލިވެ އުޅޭތީ އެރޭ މަހުމޫދު ކޮބައިތޯ ބެލުމުގެ ވިސްނުމެއް ނެތީ ކަމަށް އާއިލާ އިން ވާހަކަ ދެއްކި މީހަކު ކިޔައިދިނެވެ.

ބޭރުގައި ގިނަ ވަގުތު އުޅުނަސް އަބަދުވެސް ހެނދުނު ސައިބޯން ގެއަށް ދާނެއެވެ. ނަމަވެސް އިއްޔެ ގެއަށް ސައިބޯން ގޮސްފައި ނުވާތީ ގޯހެއް އުޅޭކަމުގެ ޝައްކު އާއިލާއަށް ކުރެވުނެވެ. މަހުމޫދު ހޯދުމުގެ މަސައްކަތް ފެށީ އެ ހިސާބުންނެވެ.

ދަނގެތީގެ މަރާލި މީހާ އޮތް ވަޅު -- ސަން ފޮޓޯ/ ކިޔުންތެރިއެއް

ރައްޔިތުން ތުހުމަތުކުރާ ދެ މީހަކު، މަސްތުވާތަކެތީގެ ވިޔަފާރި ކުރޭ

މަހުމޫދު ގަތުލުކޮށްލި ކަމުގެ ތުހުމަތު ކުރެވޭ ދެ މީހަކު ފުލުހުން ބެލުމުގެ ދަށަށް މިހާރު ވަނީ ގެނެސްފައެވެ. އެއީ 31 އަހަރުގެ މީހަކާއި 20 އަހަރުގެ މީހެކެވެ. އެ ދެ މީހުންގެ ވަނަވަރު "ސަން"އަށް ވަނީ އެނގިފައެވެ. އެ ދެ މީހުން ހައްޔަރުކުރި ކަމަށް ފުލުހުން އަދި ހާމަކޮށްފައިނުވާތީ އެ މައުލޫމާތު އާންމު ނުކުރީއެވެ.

އެ މީހުންގެ ތެރެއިން 31 އަހަރުގެ މީހާ އަކީ ދަނގެތީ ފިރިހެނަކަށް ތޮއްޑޫ މީހަކާ އިނދެގެން ލިބިފައިވާ ދަރިއެކެވެ. ތުހުމަތު ކުރެވޭ 20 އަހަރުގެ މީހާ އަކީ 31 އަހަރުގެ މީހާގެ އެއްބަނޑު ދައްތަގެ ދަރިއެކެވެ. ދަނގެތީ މީހުން ތުހުމަތުކުރާ ގޮތުގައި އެ ދެ މީހުންނަކީ މަސްތުވާތަކެތި ބޭނުންކޮށް، އެތަކެތީގެ ވިޔަފާރި ކުރާ މީހުންނެވެ.

"އަސްތަޣްފިރުﷲ 100 ޕަސެންޓް ޔަގީނާ ގާތަށް އެނގޭ އެ ދެ މީހުންނަކީ މަސްތުވާތަކެތި ބޭނުންކޮށް، އެތަކެތީގެ ވިޔަފާރިކުރާ ބައެއްކަން،" ދަނގެތިން ވާހަކަ ދެއްކި މީހަކު ކިޔައިދިނެވެ.

އެރަށުން ވާހަކަ ދެއްކި މީހާ ބުނިގޮތުގައި ތުހުމަތު ކުރެވޭ 31 އަހަރުގެ މީހާ މިދިޔަ މަހުގެ ތެރޭގައި މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރުމަށްފަހު ވަނީ ދޫކޮށްލާފައެވެ.

"މަރުގެ ހާދިސާގައި ވެސް 100 ޕަސެންޓާ ގާތަށް ރައްޔިތުން ގަބޫލުކުރޭ އެމީހުންގެ ބައިވެރިވުން އޮތް ކަމަށް،" އެމީހާ ކިޔައިދިނެވެ.

މި މައްސަލާގައި ތުހުމަތު ކުރެވޭ 31 އަހަރުގެ މީހާ އަކީ މީގެކުރިން އއ. ތޮއްޑޫގައި ގެސްޓު ހައުސްއެއްގެ ތަކެއްޗަށް ގެއްލުންދިން ކަމުގެ ތުހުމަތު ކުރެވޭ މީހެކެވެ. އެކަމާ ގުޅިގެން ތޮއްޑޫގައި ބަޔަކު މީހުން ވަނީ އޭނާގެ ގައިގައި ތަޅައި އަނިޔާކޮށް ރަށުން ބާލާފައެވެ. އޭނާ ދަނގެއްޗަށް ދިރިއުޅުން ބަދަލުކުރީ އޭގެ ފަހުންނެވެ.

31 އަހަރުގެ މީހާ --

"ތޮއްޑޫ މީހުން އަޅުގަނޑުމެންނަށް މައުލޫމާތު ދީފަ އޮތީ އޭނަ [31 އަހަރުގެ މީހާ]އަށް އަނިޔާ ކުރަމުން ކުރަމުން ގޮސް އަތްފައި ތަންތަން ބިންދައިގެންގޮސް ހުރިކަމަށް. ދެން ޕޮލިހުން މާލެ ގެންގޮސް، ލޯންޗަކަށް ލައިގެން ބޭސްފަރުވާ ކުރި ޚަބަރު އޭރު ލިބިފަ އޮތީ،" ދަނގެތީ ކައުންސިލަރަކު "ސަން"އަށް ކިޔައިދިނެވެ.

ކައުންސިލަރު ވިދާޅުވިގޮތުގައި އޭނާ އެރަށަށް ބަދަލުވީ ކޮވިޑްގެ ހާލަތާ ގުޅިގެން މާލޭގައި ނޫޅެވިގެންނެވެ.

"އަޅުގަނޑުމެންނަށް އޭރު ނަގައެއް ނުގަނެވުނު މިއީ އެހާ ނުރައްކާތެރި މީހެއް ކަމަކަށް،" ކައުންސިލަރު ވިދާޅުވިއެވެ.

ދަނގެތިން "ސަން"އާ ވާހަކަ ދެއްކި މީހުން ބުނިގޮތުގައި ޖިނާއީ ކުދިކުދި ކުށްތައް ކުރާ މީހުން އެރަށުގައި އުޅެއެވެ. ނަމަވެސް އެބައިމީހުން މިވަރުގެ ޖަރީމާއެއް ހިންގާފާނެ ކަމަށް ގަބޫލެއް ނުކުރެވޭ ކަމަށް އެމީހުން ބުންޏެވެ.

އެރަށު ރައްޔިތުން ގަބޫލުކުރާގޮތުގައި އެ ދެ މީހުން ނޫންބަޔަކު އެރަށުގައި މިވަރުގެ ގަތުލެއް ހިންގަފާނެ ކަމަށް "ބުއްދި ގަބޫލެއް ނުކުރެވެ"އެވެ. އެރަށު އެންމެން ކަހަލަ ގޮތަކަށް ތުހުމަތުގެ އިނގިލި ދިއްކުރީ އެދެމީހުންނަށެވެ. އެ ތުހުމަތަށް ބާރުދޭ ކަމެއް ފެނުމާއެކު އެ ތުހުމަތު އިތުރަށް ވަރުގަދަވެގެންދިޔައެވެ.

އދ. ދަނގެތީގައި އަނިޔާވެރިގޮތަކަށް މަރާލާފައި އޮއްވައި ފެނުނު މަހުމޫދު އަބޫބަކުރުގެ ހަށިގަނޑު --- ސަން ފޮޓޯ

"ބެލިބެލުމުން މަހުމޫދުގެ ފޯނު އެންމެ ފަހުން ގެންގުޅެފަ ވަނީ މިރަށުގެ ދިރާގު އެންޓަނާއިން ފެށިގެން 300 މީޓަރު ދުރުގައި ކަމަށް ދެއްކީ. އެ ސަރަހައްދު ބެލިވަގުތު ތުހުމަތު ކުރެވޭ 20 އަހަރުގެ މީހާ އެ ސަރަހައްދުގައި އިއްޔެ ހެނދުނު އުޅެނިކޮށް މިރަށުގެ ގިނަ ބަޔަކަށް ވަނީ ފެނިފައި،" ދަނގެތީ ކައުންސިލަރަކު ވިދާޅުވިއެވެ.

އޭނާ ވިދާޅުވިގޮތުގައި މަހުމޫދުގެ ފޯނު އަދިވެސް ނުފެނެއެވެ. ފުލުހުންނާއި ރަށުގެ ރައްޔިތުން ވެސް އަންނަނީ އެ ފޯނު ހޯދުމަށްޓަކައި މަސައްކަތް ކުރަމުންނެވެ.

އެމީހުންނަށް އެކަމުގެ ތުހުމަތުކުރާ އިތުރު ސަބަބެއް ވެސް އެބައޮތެވެ. އެއީ އެ ދެ މީހުންނަކީ ވެސް މީގެކުރިން ހެނދުނު ހޭލާ އުޅޭބަޔަކަށްނުވާއިރު، އިއްޔެ ހެނދުނު އެ ދެ މީހުން ރަށުގައި އަމިއްލަ ފަރާތެއްގެ މަސައްކަތް ކުރަން އުޅެފައިވުމެވެ.

"31 އަހަރުގެ މީހާ އިއްޔެ ހެނދުނު އުޅުނީ މާލެ ދަތުރުކުރާ މުދާ އުފުލާ އޮޑިއެއްގެ މުދާ ހުސްކުރަން. ދެން 20 އަހަރުގެ މީހާ އުޅުނީ އަމިއްލަ ފަރާތަކުން މިރަށުގަ ހިންގާ ވޯޓާ ސްޕޯޓްތަނެއްގައި ދުވަހު މުސާރައަށް މަސައްކަތުގައި،" ދަނގެތިން ވާހަކަދެއްކި މީހަކު ކިޔައިދިނެވެ.

31 އަހަރުގެ މީހާ ޕޮލިސް ސްޓޭޝަނަށް ގެންދަނީ --

ރަށުގެ ރައްޔިތުންގެ ލޯބި ލިބިފައިވާ މީހެއް

މަހުމޫދަކީ ދަނގެތީގައި ޒަރޫރީގޮތުން ބޭނުންކުރާ ސާމާނު ވިއްކުމުގައި ފާހަގަކޮށްލެވޭ ވިޔަފާރިވެރިއެކެވެ. އޭނާ އޮޑިދޯނިފަހަރު ގެންގުޅެއެވެ. ރެސްޓޯރަންޓެއް ހިންގައެވެ. ވަކިވެގެން އެދިޔައީ ދަނގެތީ ރައްޔިތުންގެ ލޯބި ލިބިފައިވާ މިތުރެކެވެ.

ދަނގެތި ކައުންސިލް މެމްބަރު އަހްމަދު އަބްދުއްސަމަދު ވިދާޅުވިގޮތުގައި އެރަށުގެ އެއްވެސް މީހަކާ ދުވަހަކު ވެސް މަހުމޫދާ މެދު ފައިސާގެ ގޮތުން އެއްވެސް މައްސަލައެއް ޖެހިފައެއް ނެެތެވެ. އޭނާ އަކީ އެރަށު ރައްޔިތުންގެ ލޯތްބާއި އިހްތިރާމް ލިބިފައިވާ މީހެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ފޮރެންސިކްގެ ދާއިރާއިން އިތުރު ތަހުލީލުތަކެއް ކުރުމަށް މަހުމޫދުގެ ހަށިގަނޑު މިހާރު ވަނީ މާލެ ގެނެސްފައެވެ. ތަހުގީގު ހުއްޓުމެއް ނެތި ކުރިއަށްއެބަދެއެވެ. ރަށުގެ ރައްޔިތުން ތިބީ ގާތިލުން އިންސާފުގެ ކުރިމައްޗަށް ގެނެސް ޝަރީއަތުން އަދަބު ކަނޑައަޅާނެ ދުވަހެއްގެ އިންތިޒާރުގައެވެ.

comment ކޮމެންޓް