ކޮވިޑާއެކު ޓެރަރިސްޓު ޖަމާއަތްތަކުގެ ހަރަކާތްތައް ހިންގާ ގޮތް ވެސް ވަނީ ބަދަލުވެފައި: މިނިސްޓަރު އިމްރާން

ގްލޯބަލް ސެކިއުރިޓީ ފޯރަމްގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވާހަކަދައްކަވަނީ --

ކޮވިޑް-19 އާއެކު ބައިނަލްއަގްވާމީ މަޝްރަހުގައި ޓެރަރިސްޓު ޖަމާއަތްތަކުން ހަރަކާތްތައް ހިންގަމުން އަންނަ ގޮތް ވެސް އެތައް ގޮތަކުން ބަދަލުވެފައިވާކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ގްލޯބަލް ސެކިއުރިޓީ ފޯރަމްގައި ވާހަކަދައްކަވަމުން އިމްރާން ވިދާޅުވީ ކޮވިޑުގެ ބަލިމަޑުކަމާއެކު ޓެރަރިސްޓުން ވެސް އެ މީހުންގެ މަސައްކަތްތައް ރާވައި ހިންގަމުން އަންނަ ގޮތަށް ބަދަލުތައް ގެންނަމުން އަންނަކަމަށެވެ.

"ކޮވިޑާއެކު އާންމުންގެ ދިރިއުޅުމުގެ އެތައް ކަމެއް ހުއްޓިގެން ދިޔަ. ނަމަވެސް ޓެރަރިސްޓުންގެ މަސައްކަތަށް މާ ބޮޑު ބަދަލެއް ނާދޭ. އެ މީހުން ކުރިހާ ވެސް މަސައްކަތަކީ އެ މީހުންގެ ކަންކަން ވެސް ޑިޖިޓަލްކޮށްލުން،" މިނިސްޓަރު ވިދާޅުވިއެވެ.

ހަމައެއާއެކު އެ ފަދަ ޖަމާއަތްތަކުން އޮންލައިންކޮށް އެ ޖަމާއަތެއްގެ ވިސްނުމާއި ފިކުރު ފެތުުރުން އިތުރު ހަރުފަތަކަށް ގެންދިޔަކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ޖަމާއަތަށް މީހުން އިތުރު ކުރުމުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށް ގެންދާކަމަށްވެސް ވިދާޅުވިއެވެ. އެއާއެކު ދުނިޔޭގެ ގައުމުތަކުން އެ ގައުމުތަކުގެ އަމިއްލަ ބޭނުންތައް ފުއްދުމަށް މަސައްކަތް ކުރާއިރު އެ ކަންކަމަށް ސަމާލުކަން ދޭންޖެހޭކަމަށަ މިނިސްޓަރު ވިދާޅުވިއެވެ.

އިމްރާން އިތުރަށް ވިދާޅުވީ ރާއްޖެ އޮތް ސަރަހައްދުގެ ގޮތުން ރާއްޖޭގައި ޓެރަރިޒަމްގެ ހަރަކާތްތައް ރާއްޖެއާއި މި ސަރަހައްދުގައި ހިންގުމުގެ ބިރު ބޮޑުކަމަށެވެ.

"ތަރައްގީވަމުން އަންނަ ކުޑަ ގައުމެއްގެ ގޮތުގައި ނުވަތަ ކަނޑުގެ ގައުމެއްގެ ގޮތުގައި، މަދު ވަސީލަތްތަކަކާއެކު، މަދު ޓެކްނިކަލް ވަސީލަތްތަކެއް ހުރި އިރު ދުނިޔޭގެ މަޝްރަހަށް އަންނަ ބަދަލުތަކުގެ ސަބަބުން ހާއްސަކޮށް ރާއްޖެއަކީ މޫސުމީ ބަދަލުތަކާއި، ގައުމުގެ އެތެރޭގައާއި ބޭރުގައި ބައިނަލްއަގްވާމީ ފެންވަރުގެ ޓެރަރިޒަމަށް ހުށަހެޅުމުގެ ނުރައްކާ އޮތް ގައުމެއް،" އިމްރާން ވިދާޅުވިއެވެ.

އެއާއެކު އެ ފަދަ ޓެރަރިޒަމްގެ ހަރަކާތްތަކުން ސަލާމަތްވުމަށް ޓަކައި ހުރިހާ ގައުމެއް އެކުގައި މަސައްކަތްކުރަން ޖެހޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި ސަމިޓުގައި އިމްރާން ވާހަކަދައްކަވާފައިވާއިރު އިމްރާންވަނީ ޓެރަރިޒަމް ހުއްޓުވުމަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތްތަކުގެ ވާހަކަ ދައްކަވާފައެވެ. އަދި މޫސުމީ ބަދަލުތަކުގެ ސަބަބުން ސަމާލުކަން ދޭންވީ ކަންކަމަށް ވެސް ވަނީ އަލި އަޅުއްވާލައްވާފައެވެ.

މި ސަމިޓަކީ ގަތަރުން އިސްނަގައިގެން ކުރިއަށް ގެންދިޔަ ސަމިޓެކެވެ. ގިނަ ގައުމަތަކެއްގެ ވެރިން ސަމިޓުގައި ބައިވެރިވެފައިވެއެވެ. އަދި ޓެރަރިޒަމާ ގުޅުން ހުރި ކަންކަން ހައްލުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވެއެވެ.

comment ކޮމެންޓް