ދަނގެތީގެ ވިޔަފާރިވެރިއަކު މަރާލާފައި، ވަޅަކަށް ވައްޓާލާފައި އޮއްވާ ފެނިއްޖެ

ދަނގެތީގެ މަރާލި މީހާ އޮތް ވަޅު -- ސަން ފޮޓޯ/ ކިޔުންތެރިއެއް

އދ. ދަނގެތީގައި ވިޔަފާރިވެރިއަކު މަރާލުމަށްފަހު، އެމީހާގެ ހަށިގަނޑު ބަނދެފައި ވަޅަކަށް ވައްޓާލާފައި އޮއްވާ ފެނިއްޖެއެވެ.

ދަނގެތި ކައުންސިލް މެންބަރު އަހްމަދު އަބްދުއްސަމަދު "ސަން" ވިދާޅުވީ އެއީ 55 އަހަރުގެ މީހެއް ކަމަށެވެ. އަދި ރޭ ރާއްޖެ އާއި އިންޑިއާ ކުޅުނު މެޗު ބެލުމަށް ފަހު، އެމީހާ ގެއިން ބޭރަށް ދިޔުމަށް ފަހު އަނބުރާ ގެޔަށް ގޮސްފައި ނުވާތީ އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި ރަށު ރައްޔިތުން ކުރި ކަމަށެވެ.

ދަނގެތީ ކައުންސިލްގެ ރައީސް މުއާވިޔަތު ރަޝީދު "ސަން"އަށް ވިދާޅުވީ އޭނާ ގެއްލިގެން ހޯދަމުން ދަނިކޮށް ފެނުނީ ފަޅު ގޯއްޗެއްގެ ތެރޭގައި ހުރި ފެން ވަޅެއްގެ ތެރެއަށް ވައްޓާލާފައި އޮއްވާ ކަމަށެވެ. އަދި ވިދާޅުވީ އެމީހާ ފެނުނުއިރު ދެ ފައި ބަނުމަށްފަހު ގޯންޏަކަށް ލާފައިވާ ކަމަށެވެ.

ދަނގެތީގެ މަރާލި މީހާ އޮތް ވަޅު -- ސަން ފޮޓޯ/ ކިޔުންތެރިއެއް

މުއާވިޔަތު ވިދާޅުވީ މަރާލާފައި އޮތް މީހާއަކީ ރަށުގެ ކުދިބޮޑު އެންމެންނާވެސް ގުޅިގެން އުޅުނު ވަރަށް މަޖާ މީހެއް ކަމަށެވެ. އެހެންކަމުން ބަޔަކު ރާވައިގެން އެފަދަ ކަމެއް ކޮށްފާނެ ކަމަށް ގަބޫލުކުރަން ދަތި ކަމަށެވެ.

"އޭނާއަކީ ފިޒިކަލީ ވަރަށް ފިޓް މީހެއް. އެއްވެސް ބައްޔެއް ހުންނަ މީހެއް ނޫން އެއީ. އުމުރުން 55 އަހަރުގެ މީހެއް ނަމަވެސް ހުންނާނީ ވަރަށް ފިޓް ކޮށް،" މުއާވިޔަތު ވިދާޅުވިއެވެ.

މީގެ އިތުރުން މުއާވިޔަތު ވިދާޅުވީ، އެ މައްސަލައާ ގުޅިގެން ރަށު ރައްޔިތުން ދެ މީހަކަށް ތުހުމަތުކޮށް، އެ ދެ މީހުން ހޯދަން މަސައްކަތްކުރި ކަމަށެވެ. އޭގެ ސަބަބުން އެ ދެ މީހުން ފުލުހުންގެ ހިމާޔަތަށް ގެންގޮސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ދަނގެތީގައި މަރާލާފައި އޮއްވާ ފެނުނު މަހުމޫދު އަބޫބަކުރު

"ސަން"އަށް އެނގިފައިވާ ގޮތުގައި އެމީހާ އަކީ ކާޑުގެ ބާވަތްތަކާއި ގޭހުގެ ވިޔަފާރި ކުރާ އަދި ކެފޭއަކާއި ދޯންޏެއްގެ ވެރިފަރާތެއް ކަމަށްވާ މަހުމޫދު އަބޫބަކުރު ކެވެ.

އެ ހާދިސާއާ ބެހޭ ގޮތުން ފުލުހުން ބުނީ ދަނގެތީގައި ގޯންޏަކަށްލައި، އެއްލާލާފައި އޮތް މީހަކު ފެނިފައިވާ ކަމަށް ފުލުހުންނަށް މިއަދު ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވާ ކަމަށާއި އިތުރު މައުލޫމާތު ލިބުމުން ހިއްސާ ކުރާނެ ކަމަށެވެ.

ދަނގެތީ ކައުންސިލްގެ ޒިންމާދާރު ވެރިޔާ އަލީ ވަހީދު"ސަން"އަށް ވިދާޅުވީ ވަޅުތެރޭގައި އޮތް ގަބުރު ވަޅުން ނެގުމަށްފަހު ހިނަވާ ގެއަށް ގެންދިއުމުގެ މަސައްކަތް ފުލުހުންނާއި ރައްޔިތުން ގުޅިގެން މިހާރު ކުރަމުންދާ ކަމަށެވެ.

ވަހީދު ވިދާޅުވީ މިވަގުތު މުޅި ރަށް އޮތީ ހާސްކަމާއި ބިރުވެރިކަމެއްގެ ތެރޭގައި ކަމަށެވެ.

comment ކޮމެންޓް