100 ޕަސެންޓް ދިވެހިން މަސައްކަތް ކުރާ ކުންފުންޏަކަށް މިފްކޯ ހަދާނަން: ފައުޒީ

މިފްކޯ މަސްފިހާރަ

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އަކީ 100 ޕަސެންޓް ދިވެހިން އޮޕަރޭޓް ކުރާ ކުންފުންޏަކަށް ހަދާނެކަމަށް މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ ވިދާޅުވެއްޖެއެވެ.

ރޭ ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ފައުޒީ ވިދާޅުވީ މިފްކޯގައި 1،700 އެއްހާ މުވައްޒަފުން މިހާރު މަސައްކަތް ކުރަމުންދާ އިރު، އެ މުވައްޒަފުންގެ ތެރެއިން ބޭރުގެ މުވައްޒަފުން މަދު ކުރާނެ ކަމަށެވެ. އަދި ދެން ދިވެހިން ހޯދުމަށް އިސްކަން ދޭނެ ކަމަށާއި އެމީހުންނަށް ރަނގަޅު މުސާރައެއް ދޭނެކަމަށެވެ.

"އަމާޒަކީ މިފްކޯގެ ޕްރޮސެސިން ކެޕޭސިޓީ ބިލްޑުވާ އިރު ދިވެހި މުވައްޒަފުންނަށް ރަނގަޅު މުސާރައެއް ދެވި ކުންފުންޏަކީ 100 އިންސައްތަ ދިވެހިން އޮޕަރޭޓް ކުރާ ކުންފުންޏަކަށް ހެދުން،" ފައުޒީ ވިދާޅުވިއެވެ.

ފައުޒީ ވިދާޅުވީ މިވަގުތު މިފްކޯގެ މުވައްޒަފުންގެ ގޮތުގައި ފެލިވަރުގައި މަސައްކަތް ކުރަމުންދާ މީހުންގެ ތެރެއިން 40 ޕަސެންޓަކީ ބޭރު މީހުންކަމަށެވެ. ނަމަވެސް ނިސްބަތުން ބަލާއިރު އެހެން ސެންޓަރުތަކުގައި ގިނައިން މަސައްކަތް ކުރަމުން ދަނީ ދިވެހި މުވައްޒަފުންކަން އޭނާ ފާހަގަކުރެއްވިއެވެ.

ފައުޒީ ވިދާޅުވީ ފެލިވަރަކީ ބޭރުގެ ސްޓާފުން އޮޕަރޭޓް ކުރާ ސެންޓަރަކަށްވުމުން، ބޭރުގެ މުވައްޒަފުން މަދުކޮށް، ޓެކްނޮލޮޖީގެ އެހީއާއެކު އޭގެ ފުރިހަމަގޮތުގައި ދިވެހިން މަސައްކަތުގައި ބައިވެރިކޮށް، ރަނގަޅު އުޖޫރައެއް ދިނުމަކީ ކުންފުނިން އަބަދުވެސް ކުރަމުން އަންނަ އުންމީދެއް ކަމަށެވެ.

އެހެންނަމަވެސް ދިވެހިން ހޯދުމަށް ދަތިތަކެއް ދިމާވާކަންވެސް ފައުޒީ ފާހަގަކުރެއްވިއެވެ. އެގޮތުން ހާއްސަކޮށް މިފްކޯގެ ބޯޓްފަހަރާއި ޓެކްނިކަލް އޭރިއާތަކަށް ސްކިލްޑް މީހުން ހޯދުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ފައުޒީ ވިދާޅުވިއެވެ.

"ޑިވޮލޮޕްމެންޓް އޮތީ ގާތްގަނޑަކަށް ހުއްޓިފައި. ޓްރެއިން ކުރުމުގެ އިންތިޒާމު ވެސް އެބަޖެހޭ ވަރަށް ސްޕީޑްގައި ކުރިއަށް ގެންދަން. ޕްރޮސެސިން އޭރިއާގައި މަސައްކަތް ކުރަމުން އަންނަ ސްކިލްޑް މުވައްޒަފުން އަންނަނީ ވަރަށް އުމުރުން ދުވަސް ވަމުން. އެހެންވީމަ، ޑިވެލޮޕްމެންޓް ނާންނަ ކަމަށް ވަންޏާ ކުރިއަށް ނުއެއް ދެވޭނެ،" ފައުުޒީ ވިދާޅުވިއެވެ.

އެހެންކަމުން ޓްރެއިނިން ޕްރޮގްރާމުތަކަށް ބަޖެޓު ހަމަޖައްސައި، މި މަސައްކަތްތަކަށް ޝައުގު ހުންނަ މީހުންނަށް އެ ޕްރޮގްރާމްތައް ކުރިއަށް ގެންދާނެ ކަމަށް ފައުޒީ ވިދާޅުވިއެވެ.

ފައުޒީ އިތުރަށް ވިދާޅުވީ މިފްކޯގެ މުވައްޒަފުންނަކީ ބުރަ މަސައްކަތްތައް ކުރާ ބަޔަކަށް ވުމުން ރަނގަޅު އުޖޫރައެއް ދިނުމަށްޓަކައި އަބަދުވެސް އެކުންފުނިން މަސައްކަތް ކުރަމުންދާ ކަމަށެވެ.

"ވަރަށް ބުރަ މަސައްކަތެއް ހަގީގަތުގައި މިކުރެވެނީ. 24 ގަޑިއިރުގެ އޮޕަރޭޝަން ހިނގާ ސެންޓަރުތައްވެސް އެބަހުރި. އެހެންކަމުން ރަނގަޅު އުޖޫރައެއް ދިނުމަކީ މުވައްޒަފުންވެސް މަސައްކަތުގެ މާހައުލުގައި ހިތްހަމަ ޖެހިގެން މަސައްކަތް ކުރުމަށް ލިބޭނެ ހިތަވަރެއް،" ފައުޒީ ވިދާޅުވިއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް