ކޮރަޕްޓް މީހުންނަށް ހައްގު އަދަބު ދިނުން އަވަސް ކުރުމަށް، ޓްރާންސްޕޭރެންސީން ގޮވާލައިފި

ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ސީނިއާ ޕްރޮގްރާމް ކޯޑިނޭޓަރު މުހައްމަދު ތޮލާލް --- ފޮޓޯ/ ޕީއެސްއެމް

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ އިތުރުން ކޮރަޕްޝަނާ ބެހޭ އެހެނިހެން މައްސަލަތަކުގައި ހިމެނޭ ފަރާތްތަކުގެ ތަހްގީގު އަވަސްކޮށް، އެކަމުގައި ބައިވެރިވެފައިވާ ހުރިހާ ފަރާތްތަކަށް ދޭންޖެހޭ ހައްގު އަދަބު ތަންފީޒު ކުރުމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ގޮވާލައިފިއެވެ.

އެއްގަމު ވެހިކަލެއްގައި މެޝިން ރީޑަބަލް ނަމްބަރު ޕްލޭޓަށް ބަދަލުކުރުމުގެ ތެރެއިން ނާޖާއިޒު މަންފާއެއް ހޯދައިދޭން އުޅުނު ކަމަށް ތަހުގީގަށް ސާބިތުވުމުން ޓްރާންސްޕޯޓް މިނިސްޓްރީގެ އިސްވެރިންތަކަކަށް ދައުވާކޮށްދިނުމަށް އޭސީސީ އިން ޕީޖީ އޮފީހަށް ހުށަހަޅާފައިވާ އިރު، އެ ފަރާތްތަކާމެދު ފިޔަވަޅު އަޅަންދެން މަގާމުގައި ބެހެއްޓުމަށް ސަރުކާރުން މިހާރު ވަނީ ނިންމާފައެވެ.

މި ކަމާއިބެހޭ ގޮތުން ކަންބޮޑުވުން ފައުޅުކޮށް، ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން މިއަދު ނެރުނު ބަޔާނެއްގައި، ވަނީ އެ ޖަމިއްޔާއިން ކަންބޮޑުވާ ތިން ކަމެއް ފާހަގަ ކޮށްފައެވެ.

އޭގެ ތެރޭގައި އަލަށް އެކުލަވައިލި އުސޫލުގެ ދަށުން، ތުހުމަތު ކުރެވޭ ފަރާތްތައް މަގާމުގައި ދެމި ތިބުމަކީ މަގާމުގެ ނުފޫޒާއި ބާރު ބޭނުން ކޮށްގެން ތަހުގީގަށް އަސަރު ފޯރުވުމާއި ހެކި ނައްތާލުން ފަދަ ކަންކަން ކުރުމަށް މަގުފަހިކުރުވާނެ ކަމެއް ކަމުގައި ބުނެފައިވެއެވެ.

ދެވަނަ ކަމެއްގެ ގޮތުގައި ފާހަގަ ކޮށްފައިވަނީ ހާމަ ކަމެއްނެތް ގޮތެއްގައި އެކުލަވާލެވޭ އެފަދަ އުސޫލު ތަކަކީ ކޮރަޕްޝަނާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތަށް ނޭދެވޭ އަސަރެއް ކުރާނެ ކަމެއްގެ ގޮތުގައި ފާހަގަ ކޮށްފައިވެއެވެ. އެއީ ވަކި ނިޒާމެއްގެ މައްޗަށް ބިނާކުރުމެއް ނެތި އެފަދައިން ކަންކަން ކުރުމަކީ ކޮރަޕްޝަންގެ މައްސަލަތައް، ތަހްގީގު ކުރުމާއި އެފަދަ ތުހުމަތު ކުރެވޭ ފަރާތްތަކާމެދު ހަމަހަމަ ކަމާއެކު އިންސާފުގެ ކުރިމައްޗަށް ހާޒިރު ކުރުމަށް ހުރަސް އެޅޭނެ ކަމަށެވެ.

ތިންވަނަ ކަމެއްގެ ގޮތުގައި ފާހަގަ ކޮށްފައިވަނީ ކޮރަޕްޝަންގެ މައްސަލަތައް ފުނިޖެހި، އެ ކަންކަމާ ދެކޮޅަށް އެކަށީގެންވާ ނަތީޖާއެއް ނެރެވިފައިވާ ކަން ރައްޔިތުންނަށް ނުދެއްކި، މައްސަލަތައް ދިގުލަމުން އަންނަ ދުވަސްވަރެއްގައި ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ ފަރާތްތަކަށް ފިޔަވަޅު ނާޅާ ދޫކޮށްލުމަކީ ކޮރަޕްޝަނާ ދެކޮޅަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތަށް ރައްޔިތުންގެ އިތުބާރު އިތުރަށް ކުޑަވާނެ ކަމެއް ކަމުގައެވެ.

ޓްރާންސްޕޭރެންސީ އިން ވަނީ މީގެ އިތުރުން ވެސް ތިން ކަމަކަށް ސަރުކާރަށް ގޮވާލާފައެވެ.

އެއީ ކޮރަޕްޝަންގެ މައްސަލަތަކުގައި އަމަލުކުރާނެ ހަރުދަނާ ނިޒާމުތަކާއި އުސޫލުތައް އަވަހަށް އެކުލަވާލާ، އާންމުންނަށް ފަސޭހައިން ފެންނަން ހުންނާނެހެން ހާމަކުރުމަށް ވަނީ އެދިފައެވެ.

މީގެ އިތުރުން ބޮޑު ހިޔާނާތާއި އަދި އެހެން ކޮރަޕްޝަނާއި ގުޅިފައިވާ މައްސަލަތަކުގެ ތަހުގީގުތަށް ހަލުވިދުވެލީގައި ކުރިއަށް ގެންގޮސް ދައުވާ ކުރުމަށް ލަސްނުކޮށް ފޮނުވައި، އެކަމުގައި ބައިވެރިވެފައިވާ ހުރިހާ ފަރާތްތަކަށް ހައްގު އަދަބު ތަންފީޒުކުރުން އަދި ކޮރަޕްޝަންގެ އަމަލުތަކުގެ ތެރެއިން ގެއްލިފައިވާ ރައްޔިތުންގެ ފައިސާއާއި މުދާ ހޯދުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއްކޮށް، އެ މުދަލާއި ފައިސާ އަނބުރާ ހޯދުމަށެވެ.

comment ކޮމެންޓް