ޓެކްނޮލޮޖީއަކީ އަންހެން ކުދިންނަށް އޮތް ހުރަހަކަށް ވެގެން ނުވާނެ: ޝާހިދު

އދ.ގެ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު --

ތަރައްގީވަމުން އަންނަ މި ޒަމާނުގައި ޓެކްނޮލޮޖީގެ ވަސީލަތްތަކަކީ އަންހެން ކުދިންނަށް އޮތް ހުރަހަކަށް ވެެގެން ނުވާނެކަމަށް އދ.ގެ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ބައިނަލްއަގްވާމީ އަންހެން ކުދިންގެ ދުވަހާ ގުޅިގެން އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޝާހިދު ދެއްވި ހިތޯބުގައި ވަނީ މިދިޔަ އަހަރު ކުދިންގެ ކިޔެވުމަށް އައި ގޮންޖެހުންތަކުގެ ވާހަކަ ފާހަގަކުރައްވާފައެވެ. އަދި އަންހެން ކުދިންނަށް ހުރި ދަތިތަކުގެ ވާހަކަ ވެސް ދައްކަވާފައެވެ.

"އެންމެ ހިނދުކޮޅަކަށް ވެސް 2020ވަނަ އަހަރު ހޭދަކުރަން ޖެހުނު ދުވަސްތައް ހަނދާނަށް ގެންނަވާ. އެތައް ސަތޭކަ މިލިއަން ކުދިންނެއް ކުލާހަށް ގޮސް ކިޔަވަން ހުއްޓާލަން މަޖުބޫރުކުރުވި ހަނދާން. ގިނަ މީހުންނަށް ކުއްޖަކަށް ކިޔަވައިދޭނެ ގޮތަކާމެދު ވަރަށް ބޮޑަށް ވިސްނަން ޖެހުނު، ވީޑިއޯ އެޕްތަކާއި، ޑިޖިޓަލް ކުލާހަކަށް އެކްސެސްވާނެ ގޮތާމެދު،" ޝާހިދު ވިދާޅުވިއެވެ.

އެއާކު ޝާހިދު ވިދާޅުވީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޓެކްނޮލޮޖީގެ ވަސީލަތްތައް ނެތި އެތައް މިލިއަނ އަންހެން ކުދިންނެއް ތިބިކަމަށެވެ.

"ކޮމްޕިއުޓަރެއް ނެތި، ފޯނެއް ނެތި، އިންޓަނެޓް ނެތި، ގިނަ ފަހަރުތަކުގައި ކަރަންޓުގެ ހިދުމަތް ވެސް ނެތި. އެ ކުދިންނަށް ކިހިނެތްތޯ ތައުލީމު ހާސިލްކުރެވޭނީ،" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ދުނިޔެއަށް ޓެކްނޮލޮޖީގެ ރޮނގުން އަންނަ ކުރިއެރުމާއެކު ގިނަ ކަންކަން ޑިޖިޓަލްވުމުގެ ސަބަބުން ހަމަހަމަކަމާއި އިންސާފު ގެއްލިގެން ދިއުމަށް މަގުފަހިވެފައިވާކަމަށެވެ. އަދި ވަކި ޖިންސަކަށް ވީތީ ތަފާތުކުރުންތައް ވެސް ގެންގުޅުމަށް މަގުފަހިކުރުވާފައިވާކަމަށް ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ޓެކްނޮލޮޖީގެ ވަސީލަތްތަަކަށް އަހުލުވެރިވެ އެ ބޭނުންކުރުމުގައި ފިރިހެން ކުދިންނަށް ވުރެ އަންހެން ކުދިންގެ ނިސްބަތް ދުނިޔޭގެ ފެންވަރުގައި ވެސް ދަށްކަމަށެވެ.

https://sun.mv/157827

ބައިނަލްއަގްވާމީ އަންހެން ކުދިންގެ ދުވަސް ފާހަގަކުރާއިރު ދުވަހުގެ ޝިއާރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ "ޑިޖިޓަލް ޖެނެރޭޝަން، އަވާ ޖެނެރޭޝަން" މި ޝިއާރެވެ.

comment ކޮމެންޓް