އޮފިސަރުން ވަޒީފާއިން ވަކިކުރި މައްސަލަައިގެ ޝަރީއަތް ސިއްރުކޮށްފި

ކވ. ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދު، އެސިސްޓެންޓް ކޮމިޝަނަރު އަހުމަދު މުހައްމަދު، އެސިސްޓެންޓް ކޮމިޝަނަރު ފަރުހާދު ފިކުރީ، އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު މުހައްމަދު ޖަމްޝީދު، ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފް --

ސިވިލް ކޯޓަށް ހުށަހަޅާފައިވާ ފުލުހުންގެ އިސް އޮފިސަރުންތަކެއް ވަޒީފާއިން ވަކިކުރި މައްސަލައިގެ ޝަރީއަތް ސިއްރުކޮށްގެން ކުރިއަށްގެންދަން އެެ މައްސަލަ ބައްލަވާ ގާޒީ އަލީ އަބްދުﷲ ނިންމަވައިފިއެވެ.

ގާޒީ އަލީގެ ނިންމެވުމުގައި ބުނީ މި މައްސަލަ އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަކީ މުޖުތަމައުގެ އަމާންކަން ގެއްލިދާނެފަދަ ކަމެއްކަމަށެވެ. ހަމައެއާއެކު ގައުމީ ސަލާމަތަށް ނުރައްކާވެ، މައްސަލައިގައި އިންސާފު ހޯދަން ހުރަސް އެޅޭނެކަމުގެ ބިރު އޮތްކަމަށް ވެސް ގާޒީގެ ނިންމުމުގައި ވިދާޅުވިއެވެ. އެއާއެކު އެ މައްސަލަ އާންމުކޮށް ހުޅުވައިލައިގެން ކުރިއަށް ނުގެންދިއުމަށް ވަނީ ނިންމަވާފައެވެ.

ފުލުހުންގެ އިސް އޮފިސަރުންތަކެއް މަގާމުން ވަކިކުރަން ޕޮލިސް ބޯޑުން ނިންމާފައި ވަނީ މިދިޔަ މަހުގެ 10 ވަނަ ދުވަހުގައިއެވެ. އެއީ ރައްޔިތުންގެ މަޖިލީހުން މިދިޔަ އަހަރު ފާސް ކުރި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުންނެވެ.

އެއާއެކު ފުލުހުންގެ އިސް ދެ އޮފިސަރުންކަމަށްވާ އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް (އޭސީޕީ) އަހުމަދު މުހައްމަދާއި އޭސީޕީ މުހައްމަދު ޖަމްޝީދު ފުލުުހުންގެ ވަޒީފާއިން ވަކިކޮށްފައިވަނީ މި މަހުގެ ދިހަވަނަ ދުވަހެވެ.

އެ ދެ ބޭފުޅުންގެ ތެރެއިން އޭސީޕީ ޖަމްޝީދަކީ ރައީސް ޔާމީން ދަތުރުފުޅުކުރެއްވި ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ"ގައި ބޮންގޮއްވާލި މައްސަލަ ތަހުގީގުކުރުމަށް އެމަނިކުފާނު އުފެއްދެވި ރިޔާސީ ކޮމިޝަނުގެ މެންބަރުކަން ވެސް ކުރެއްވި ބޭފުޅެކެވެ.

މީގެ އިތުރުން ޖަމްޝީދަކީ ރައީސް ޔާމީނުގެ ވެރިކަމުގައި ޕޮލިސް އިންޓެލްގެ އިސްވެރިޔާގެ މަގާމު ވެސް އަދާކުރައްވައިފައިވާ ބޭފުޅެކެވެ.

އޭސީޕީ އަހްމަދު މުހައްމަދަކީ ރައީސް ޔާމީނުގެ ވެރިކަމުގައި ކްރައިމް ކޮމާންޑްގެ ވެރިއަކަށް ހުންނެވި ބޭފުޅެކެވެ.

އޭސީޕީ ޖަމްޝީދާއި، އޭސީޕީ އަހްމަދު މުހައްމަދުގެ އިތުރުން ފަސް އޮފިސަރެއް ވަޒީފާއިން ވަކިކުރުމަށް ވަނީ ނިންމާފައެވެ.

އެއީ ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދާއި، ސުޕްރިންޓެންޑެންޓް އިސްމާއީލް ޝަމީމާއި، ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފާއި، އެސިސްޓެންޓް ކޮމިޝަނަރު ފަރުހާދު ފިކުރީގެ އިތުރުން ޗީފް ސުޕްރިންޓެންޑެންޓް އަހުމަދު ޝުހާދެވެ.

އެއާއެކު ފަރުހާދު ފިކުރީއާއި، އަހުމަދު ޝުހާދު ނޫން ހުރިހާ އޮފިސަރުން ވަނީ ވަޒީފާއިން ވަކިކުރާ މައްސަލަ ސިވިލް ކޯޓަށް މި މަހުގެ ހަވަނަ ދުވަހު ހުށަހަޅާފައެވެ.

އެބޭފުޅުންގެ ފަރާތުން ކޯޓުގައި ވަކާލާތު ކުރައްވާ ދިވެހި ޗެމްބާސްގެ ވަކީލުން ސޮއިކުރައްވައި މި މަހުގެ ހަވަނަ ދުވަހު ނެރުނު ބަޔާނެއްގައި ވަނީ މަގާމުން ވަކިކުރަން ނިންމިއިރު، އެބޭފުޅުންނަށް ޖަވާބުދާރީވުމުގެ ފުރުސަތު ދީފައިނުވާ ކަމަށެވެ.

ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ އެކަމުގެ ސަބަބުން އެ އޮފިސަރުންގެ ގެއްލިފައިވާ ދުސްތޫރީ އަދި ގާނޫނީ ހައްގުތައް ހޯދުމަށް ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 27ގައި ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވި ފުލުހުންގެ ހިދުމަތުގެ ގާނޫނަށް އަމަލު ކުރަން ފެށީ މިދިޔަ މާޗް މަހުގަ އެވެ. އަދި އެ ގާނޫނުގައި ބުނެފައިވާ ގޮތުގެ މަތިން ފުލުހުންގެ ބޯޑެއް ވަނީ މިދިޔަ އޭޕްރިލް މަހު އެކުލަވާލައިފައިއެވެ.

އެ ގާނޫނަށް އަމަލުކުރަން ފަށާއިރު، ޕޮލިސް ކޮމިޝަނަރު ފިޔަވައި ސުޕްރިންޓެންޑް އޮފް ޕޮލިސްއިން ފެށިގެން މަތީ ރޭންކުގެ ކޮމިޝަންޑް އޮފިސަރަކު ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރުން ނުވަތަ ލާއިންސާނީ އަނިޔާވެރި އަމަލެއް ނުވަތަ ކޮރަޕްޝަނުގެ އަމަލެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ނަމަ ނުވަތަ އެ މީހަކާ ދެކޮޅަށް އެފަދަ މައްސަލައެއް ރިޕޯޓުކޮށްފައިވާ ނަމަ، އެ އޮފިސަރަކީ މަގާމަށް ގާބިލު މީހެއް ކަމާ މެދު ގޮތެއް ނިންމުމުގެ ބާރު ފުލުހުންގެ ބޯޑަށް ދީފައިވެއެވެ.

އެ ބޯޑުން ނިންމާ ނިންމުން ތަންފީޒުކުރުމަށް ކޮމިޝަނަރަށް ފޮނުވަން ޖެހޭނެ ކަމަށްވެސް ގާނޫނުގައި ބަޔާންކޮށްފައިވެއެވެ.

comment ކޮމެންޓް