މެދު ޒިޔާރާތް ގޯތި ތެރޭ ހުރި ގަސް ކަނޑާލައިފި

މެދުޒިޔާތުގެ ގޯތިތެރޭގައި ހުރި ގަސް ކަނޑާލަނީ -- ސަން ފޮޓޯ

މެދުޒިޔާރާތުގެ ގޯތިތެރޭ ހުރި ބިޔަ ގަސް ކަނޑާލުމުގެ މަސައްކަތް ފަށައިފިއެވެ.

މި މަސައްކަތް ފަށާފައިވަނީ މިއަދު ހަވީރުގެ ވަގުތުގައެވެ.

މެދުޒިޔާރަތަށް ގެއްލުންތަކެއް ލިބޭތީ އެތަނުގެ ގޯތިތެރޭގައި ހެދިފައި ހުރި ބިޔަ ގަސް ކަނޑާލަން ނިންމާފައިވާ ކަމަށް މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުން ބުނެފައިވަނީ މިދިޔަ މަހުގެ 26ވަނަ ދުވަހެވެ.

https://sun.mv/156051

ހެރިޓޭޖް މިނިސްޓްރީގެ ސީނިއާ އެގްޒެޓިވް ޑިރެކްޓަރު، މުހައްމަދު ނާޒިމް، (ބައުންޓި) މީގެ ކުރިން "ސަން"އަށް ވިދާޅުވީ ގަހުގެ މޫތައް ގޯތިތެރެއަށް ފެތުރިފައިވާތީ މެދުޒިޔާރަތަށް ގެއްލުންތަކެއް ލިބެމުން އަންނަ ކަމަށާއި އެހެންކަމުން އެތަން ހިމާޔަތްކޮށް ރައްކާތެރި ކުރުމުގެ ގޮތުން އެ ގަސް ކަނޑާލުން ނޫން އިތުރު އެހެން ގޮތެއް ނެތް ކަމަށެވެ.

މެދުޒިޔާތުގެ ގޯތިތެރޭގައި ހުރި ގަސް ކަނޑާލަނީ -- ސަން ފޮޓޯ

"އަސްލުގަ ބޭނުމެއް ނޫން ގަސް ނަގާކަށް. ގަސް ނެގުމަކީ އަޅުގަނޑުމެންގެ ވިސްނުމެއް ނޫން. ނަމަވެސް 110 އަހަރުވެފަހުރި މި ފާރާ އަދި މި މުހިއްމު ބިނާ މި ދަނީ އެ ގަހުގެ ސަބަބުން ހަލާކުވަމުން. އެހެންވީމަ އަޅުގަނޑުމެންނަށް މަޖުބޫރު މިވަނީ ގަސް މިތަނުން ނަގަން. ނަގަން ބަލާއިރު ގަސް މިހުރި ގޮތަށް ބަހައްޓައިގެން ނެގޭކަށްނެތް. މި ޖެހޭނީ ގަސް ބުރިބުރި ކޮށްގެން ނަގަން،" ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ އީޕީއޭގެ ލަފާގެ މަތީން، ކަނޑާލާ ގަހުގެ ބަދަލުގައި އިތުރު ގަސްތަކެއް އިންދުމުގެ މަސައްކަތް ކުރަން ނިންމާފައިވާ ކަމަށެވެ.

މާލޭ މެދުޒިޔާރަތަކީ ރާއްޖެއަށް އިސްލާމް ދީނުގެ އަލިކަން ގެނެސްދެއްވި އައްޝައިޚް އަބުލްބަރަކާތު ޔޫސުފް ބަރުބަރީ ފަސްދާނު ލެވިފައިވާ ތަނެވެ.

ރާއްޖެއަށް އިސްލާމްދީން ތައާރަފް ވީ މީލާދީން 1153 ވަނަ އަހަރުއެވެ. މެދުޒިޔާރަތް، މި ނަން އެ ޒިޔާރަތަށް ކިޔުނީ އިހުގައި މާލޭގެ ބޮޑު މިނުގެ ނިސްބަތުން ޒިޔާރަތްހުރީ ރަށުގެ މެދުގައި ކަމަށްވެފައި އެ ޒިޔާރަތަކީ އެހެން ޒިޔާރަތް ތަކަށްވުރެ ޚާއްސަ ޒިޔާރަތަކަށް ވީތީއެވެ.

comment ކޮމެންޓް