އެޗްޑީސީން ހުޅުމާލޭގެ ދެ ހިސާބެއްގައި ސާފް ޗެމްޕިއަންޝިޕްގެ މެޗުތައް ދައްކަނީ

ހިޔާ ފުލެޓް ސަރަހައްދުގައި ގައުމީ ޓީމުގެ މެޗު ބެލޭނެ އިންތިޒާމު ކުރެވިފައި -- ފޮޓޯ/ އެޗްޑީސީ

މިއަދު ކުޅޭ ދެ މެޗުން ފެށިގެން، ސާފް ޗެމްޕިއަންޝިޕްގެ މެޗްތައް ހުޅުމާލޭ ދެ ހިސާބެއްގައި އަޅުވަން އެޗްޑީސީން ނިންމައިފިއެވެ.

ނިރޮޅު މަގު 10 ވަނަ ގޯޅިއާއި 11 ވަނަ ގޯޅީގެ ދެމެދުގައި އޮންނަ ރުއްގަނޑު 1 ސަރަހައްދުގައި މީގެ ކުރިން އެޗްޑީސީން ވަނީ މެޗު އަޅުވާފައެވެ.

އެޗްޑީސީގެ މީޑިޔާ އޮފިޝަލު އަލީ މަޝާރު "ސަން" އަށް ވިދާޅުވީ ހިޔާ ޓަވަރު އެޗް 8 ކައިރީގައި ވެސް މެޗު ބެލޭނެ އިންތިޒާމު މިހާރު ހަމަޖައްސާފައި ވާކަމަށެވެ.

އޭނާ ވިދާޅުވީ ހިޔާ ފްލެޓް ސަރަހައްދުގައި މެޗް އަޅުވަނީ ދިރާގާ އެޗްޑީސީއާ ގުޅިގެން، ދިރާގު ޓީވީން ކަމަށެވެ.

ގިނަ ބަޔަކަށް މެޗް ބެލޭނެ އިންތިޒާމު ހަމަޖައްސާފައި ވުމުން ވީހާވެސް ގިނަ ބަޔަކު މެޗް ބަލަން ދިޔުމަށް އެޗްޑީސީން ވަނީ އެދިފައެވެ.

މިއަދު ހަވީރު 4:00 ޖަހާއިރު ކުޅޭ މެޗަކީ ބަންގްލަދޭޝްއާއި ނޭޕާލް ބައްދަލު ކުރާ މެޗެވެ. އަދި މިރޭ 9:00ގައި ރާއްޖެ އާއި އިންޑިއާއިން ކުޅޭނެއެވެ.

comment ކޮމެންޓް