"އެލެކްސް ނަޝީދު" ޓްވިޓާ އެކައުންޓުގެ ހަގީގަތް ނަޝީދު ކިޔައިދެއްވައިފި

ރައީސް މުހައްމަދު ނަޝީދު-- ސަންފޮޓޯ/ އަހްމަދު އައިމަން އަލީ

"އެލެކްސް ނަޝީދު"ގެ ނަމުގައި ޓްވިޓާގައި ހިންގަމުން އައި "އަނެއް ދިވެހިރާއްޖެ" އެކައުންޓަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ނުރަސްމީ އެކައުންޓު ކަމަށް ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ އެ އެކައުންޓަކީ އެ މަނިކުފާނުގެ ނުރަސްމީ އެކައުންޓު ކަމަށާއި އެ އެކައުންޓުގައި ދައްކާފައި ހުންނަ ވާހަކަތައް ހަބަރުތަކަށް އެރުމަކީ އެހާ ހިތްހަމަޖެހިވަޑައިގަންނަވާ ކަމެއް ނޫން ކަމަށެވެ.

"އެއީ އަޅުގަނޑަކަށް ނުފެނޭ ރަސްމީ ގޮތެއްގައި އަޅުގަނޑު ބުނާ އެއްޗެހީގެ ގޮތުގަ ތިބޭފުޅުން ބޭނުން ކުރައްވާކަށް. އެ އެކައުންޓުގަ ތިބޭފުޅުން ބައްލައިވައިލައްވައިފިއްޔާ ހާއްސަ ގޮތެއްގައި އަމާޒުވެފައި ހުންނާނީ ތާރީހީ ކަންކަމަށް. އަދި ސަގާފީ ކަންކަމަށް،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ މައިގަނޑުކޮށް އެ ވާހަކަތައް ދައްކަވާނަމަ ވެސް ބައެއް ސިޔާސީ ވާހަކަތައް ވެސް އެ އައިޑީން ދައްކަވާ ކަމަށެވެ.

މީގެ އިތުރުން މިހާރު "އަނެއްދިވެހިރާއްޖެ' ފަދަ އިތުރު އެކައުންޓެއް ވެސް ބަޔަކު މީހުން ހަދައިގެން އުޅޭ ކަން ނަޝީދު ފާހަގަކުރެއްވިއެވެ. ނަޝީދު ވިދާޅުވީ އެއީ އެ މަނިކުފާނުގެ އެކައުންޓެއް ނޫން ކަމަށެވެ.

"އެލެކްސް އަހުމަދު"ގެ ނަމުގައި ހިންގަމުން އައި އެކައުންޓުގެ ނަން މި ފަހުން ވަނީ "އެމް.އެން އަންއޮފިޝަލް"އަށް ބަދަލުކޮށްފައެވެ.

އެލެކްސް ނަޝީދުގެ ނަމުގައި ހިންގި އެކައުންޓަކީ ރައީސް ނަޝީދުގެ އެކައުންޓެއް ކަމަށް މީގެ ކުރިން ބައެއް މީހުން ބުނަމުން އައި ނަމަވެސް މިއީ ރައީސް ނަޝީދު އެކަން ކަށަވަރުކޮށްދެއްވި ފުރަތަމަ ފަހަރެވެ.

comment ކޮމެންޓް