ޖަލަށް ހުކުމް ކުރި މީހަކު ހައިކޯޓުގެ ލޮބީގައި ބައިންދާފައި އިންދާ ފިލައިފި

އޮކްޓޯބަރ 1، 2019: ދިވެހި ރާއްޖޭގެ ހައި ކޯޓުން މީހަކު ނިކުނަންނަނީ: ޖަލަށް ހުކުމްކުރި މީހަކު ވަނީ ހައި ކޯޓުން ފިލާފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޖަމާއަތް ހަދައިގެން ވައްކަން ކުރިކަން ސާބިތުވެ ޖަލަށް ލުމަށް ހުކުމް ކުރި މީހަކު ހައިކޯޓުގެ ލޮބީގައި ބައިންދާފައި އިންދައި ފިލައިފިއެވެ.

ހައި ކޯޓުން ފިލާފައިވަނީ މއ. ވިއަވަތި، ސިނާހް އަމީރު އެވެ.

އިތުރު މީހަކާއި އެކު 2013 ވަނަ އަހަރުގެ ޑިސެމްބަރު މަހު ގެއަކަށް ވަދެ ދެ ލައްކައެއްހާ ރުފިޔާ ވަގަށް ގެންގޮސްފައިވާ މައްސަލައިގައި ކްރިމިނަލް ކޯޓުން އުފުލި ދައުވާ ސާބިތު ނުވުމުން ސިނާހް ހުރީ ދޫކޮށްލައިފައެވެ.

ދައުލަތުން އެ މައްސަލަ އިސްތިއުނާފް ކުރުމުން ހައި ކޯޓުން އިއްޔެ ހުކުމް ކޮށްފައިވަނީ ސިނާހަށް ކުށް ސާބިތުވާ ކަމަށެވެ. އަދަބެއްގެ ގޮތުގައި ދެ އަހަރާއި ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލުމަށް ވަނީ ހުކުމްކޮށްފައެވެ.

އަޑުއެހުން ނިންމާލުމަށްފަހު، ކަރެކްޝަންސް އިން އޭނާ ބަލާ އަންނަންދެން ބައިންދާފައި އިނީ ހައި ކޯޓުގެ ލޮބީގައެވެ. އެއީ އަޑުއެހުމަށް އަންނަ މީހުންނާއި ވަކީލުން ވެސް ޝަރީއަތުގެ އަޑުއެހުމަށް ވަނުމުގެ ކުރިން ބައިތިއްބާ ތަނެވެ.

އެތަނުގައި ސިނާހު ބައިންދާފައި އިންދައި ފިލައިގެން ގޮސްފައިވާ ކަން ހައި ކޯޓުގެ އޮފިޝަލަކު ވަނީ 'ސަން' އަށް ކަށަވަރުކޮށްދީފައެވެ. އަދި އެކަން ފުލުހުނަށާއި ކަރެކްޝަނަށް ވެސް އަންގާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް