އަޅުގަނޑު އިންނަން ޖެހެނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ގޮތުގައެއް ނޫން: ނަޝީދު

ރައީސް މުހައްމަދު ނަޝީދު-- ސަން ފޮޓޯ/ ސަންފޮޓޯ/ އަހްމަދު އައިމަން އަލީ

އެ މަނިކުފާނަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގައި އިންނަވަން ޖެހޭ ބޭފުޅެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޖޭއެސްސީއަށް ބަދަލު ގެންނަން ޖެހޭތޯ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ޖޭއެސްސީއަށް ބަދަލު ގެންނަން ޖެހޭ ކަމަށް އެމްޑީޕީގެ މެނިފެސްޓޯގައި ވެސް ލިޔެވިފައިވާ ކަމަށާއި އެހެންނަމަވެސް ގެންނަން ޖެހޭ ބަދަލުގެ ތަފްސީލް ނެތް ކަމަށެވެ.

"ސިޔާސީ ބޭފުޅުން ހިމަނާނެތޯ؟ ޖުޑީޝަރީގެ ބޭފުޅުން ހިމަނާނަންތޯ؟ އެއީ ސިޓިން ޖަޖިން ތިބޭ ތަނެއްތޯ؟ އެއީ ބައެއް ގައުމުތަކުގަ މިސާލަކަށް އެކަމުގެ އެންމެ ބޮޑު މައްސަލައަކަށް ވެފައި އޮންނަނީ މި ތަނުގައި އެބަ ތިބި މެޖިސްޓްރޭޓު ކޯޓުތަކުން ބޭފުޅަކު. ދެން ހައި ކޯޓުން ބޭފުޅަކު. ސުޕްރީމް ކޯޓުން ބޭފުޅަކު،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ޖޭއެސްސީ އެކުލައިވައިލެވުނީ ކޮމަންވެލްތުގެ ލަފަޔާއެކުގައި ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޖޭއެސްސީގައި އިންނަވާތީ އެކަމާ ވާހަކަ ދައްކަވާ ބޭފުޅުންނަށް މައްސަލައަކަށް ވަނީ ރައީސް ނަޝީދު އެ ކޮމިޝަންގައި އިންނަވާތީ ކަމަށް އޭނާ ވިދާޅުވިއެވެ.

ކަން އެހެން އޮތް ނަމަވެސް ރައީސް ނަޝީދު ވިދާޅުވީ ގާނޫނީ ގޮތުން ބަލާނަމަ ރައްޔިތުންގެ މަޖިލީހުގެ ރައީސަކީ ސިޔާސީ ބޭފުޅެއް ނޫން ކަމަށެވެ. ނަމަވެސް އެ މަނިކުފާނަކީ ސިޔާސީ ބޭފުޅެއް ނޫން ކަމަށް ބުނާނެ ޖާގައެއް ނެތް ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

"ގާނޫނު އަސާސީގަ ހުރި ބައެއް އިމްބެލެންސްގެ ވާހަކަ އަޅުގަނޑު މި ދައްކަނީ. އަޅުގަނޑު އިންނަން ވީކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަކު ނޫން ކަން އަޅުގަނޑަށް ވެސް އެބަ އެނގޭ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

މިކަމަށް އިސްލާހު ގެންނަ ނަމަ މުޅި ގާނޫނު އަސާސީއަށް އިސްލާހު ގެންނަން ޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ޖުޑީޝަރީއަށް އެކަނި އިސްލާހު ގެނެސްގެން މި ބަދަލު ނުކުރެވޭނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

comment ކޮމެންޓް