އެމެރިކާއަށް ބަލި ނުކުރެވޭވަރުގެ ލަޝްކަރެއް އުފައްދާނެކަމަށް ބުނުމުން ހިތްހަމަނުޖެހިއްޖެ

ޖޭކް ސްލީވަން

ވޮޝިންޓަން (13 އޮކްޓޯބަރު) : އެމެރިކާއާއި އެމެރިކާގެ ބައިވެރިންނަށް ބަލިކޮށް ނުލެވޭވަރުގެ ބާރުގަދަ ސިފައިންގެ ލަޝްކަރެއް އުފައްދާނެކަމަށް އުތުރު ކޮރެއާގެ ޒައީމް ކިމް ޖޮންގްއުން ވިދާޅުވުމުން އެމެރިކާ އެކަމަށް ފާޑުކިޔައިފިއެވެ.

ކިމް ޖޮންގްއުން ގެ މި ވާހަކަތަކަށް އިޝާރާތް ކުރައްވައި އެމެރިކާގެ ގައުމީ ސަލާމަތާބެހޭ މުސްތަޝާރު ޖޭކް ސްލީވަން ވިދާޅުވީ އެއްވެސް ފަރާތަކުން ހަމަނުޖެހުމަށް މަގުފަހިވާގޮތަށް އަމަލު ކޮށްގެން ނުވާނެ ކަމަށާ ދެކޮރެއާގެ މައްސަލަ ހައްލުކުރަން އޮތް ހަމައެކަނި ގޮތަކީ މަޝްވަރާ ކުރުންކަމުގައެވެ.

އުތުރު ކޮރެއާ، ދާދިފަހުންވަނީ އަޑަށްވުރެ ބާރަށް ދަތުރުކުރާ ބަލެސްޓިކް މިސައިލެއް ތަޖްރިބާކޮށްފައެވެ. އަދި އުތުރުކޮރެއާ ގެ އަވަށްޓެރި ދެކުނު ކޮރެއާ އިންވެސްވަނީ ސަބްމެރިންއަކުން ފޮނުވާލި ބަލިސްޓިކް މިސައިލެއް ފުރަތަމަ ފަހަރަށް ތަޖްރިބާކޮށްފައެވެ. މި ދެތަޖްރިބާއާ ގުޅިގެންނާ އަދި އެމެރިކާއާއި އެމެރިކާގެ ބައިވެރިންނަށް ބަލިކޮށް ނުލެވޭވަރުގެ ބާރުގަދަ ސިފައިންގެ ލަޝްކަރެއް އުފައްދާނެކަމަށް އުތުރު ކޮރެއާގެ ޒައީމް ވިދާޅުވުމުން ދެކޮރެއާ ދެމެދުގައި ހަތިޔާރުގެ ރޭހެއް ފެށިދާނެކަމުގެ ބިރުވަނީ އުފެދިފައެވެ.

ކިމް ޖޮންގް އުން

ޕިޔޮންގްޔަންގްގައި ހަތިޔާރުގެ މައުރަޒެއް ހުޅުއްވައިދެއްވަމުން ކިމް ވިދާޅުވީ އެމެރިކާއަކީ ދުނިޔޭގެ ކަންކޮޅުތަކުގައި އަސްކަރީ ބޭސްތައް ގާއިމްކޮށްގެން ހަނގުރާމައާއި ހަމަނުޖެހުމަށް މަސައްކަތްކުރާ ގައުމެއްކަމަށާ ދެކޮރެއާ ދެމެދުގައި ފިތުނަ އުފައްދައި މަސްރަހު ގޯސްކުރަން މަސައްކަތްކުރާ މައިގަނޑު ގައުމަކީވެސް އެމެރިކާ ކަމުގައެވެ. އެހެންކަމުން ދުޝްމަނެއް ގެ ގޮތުގައި އެމެރިކާ ބަލަން ނުޖެހޭ ސަބަބެއް ނެތްކަމަށް ކިމް ވިދާޅުވިއެވެ.

އުތުރުކޮރެއާއިން ނިއުކްލިޔާ ހަތިޔާރު އުފައްދާތީއާއި ބަލިސްޓިކް މިސައިލް ފަދަ ބަރު ހަތިޔާރު އުފައްދާތީ އދ. މެދުވެރިކޮށްގެންނާ އަދި އެމެރިކާ އަމިއްލައަށްވެސް ވަނީ އުތުރުކޮރެއާ އާ ދެކޮޅަށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. ބައިނަލްއަގްވާމީ ގާނޫނަށް ބަލާއިރު ނިއުކްލިޔާ ހަތިޔާރު އުފެއްދުމަކީ އެމެރިކާވެސް ހިމެނޭގޮތަށް ދުނިޔެގެ ހުރިހާ ގައުމުތަކަކަށް މަނާކަމެކެވެ. ނަމަވެސް އެމެރިކާ ގެންދަނީ ވަރަށް މިނިވަންކަމާއެކު އެމެރިކާ ބޭނުންވަރަކަށް ނިއުކްލިޔާ ހަތިޔާރު އުފައްދައި ރައްކާކޮށް އަދި އެ ހަތިޔާރުތައް އިތުރަށް ތަރައްގީ ކުރުމަށްވެސް މަސައްކަތް ކުރަމުންނެވެ.

އެމެރިކާ ސިފަކުރާގޮތުގައި އެމެރިކާއާ އިދިކޮޅު ގައުމަކުން ހަތިޔާރު އުފެއްދުމަކީ ހަމަނުޖެހުން އުފައްދަން މަސައްކަތް ކުރުމެވެ. ނަމަވެސް އެމެރިކާ އަމިއްލައަށް ހަތިޔާރު އުފައްދައި އެމެރިކާ ބޭނުންވާ ގައުމުތަކަށާ އަދި އެމެރިކާގެ ބައިވެރިންނަށް ހަތިޔާރު ވިއްކައި އެއިން ވިޔަފާރިކޮށް މަންފާ ހޯދުމަކީ ދުނިޔޭގައި ހަމަޖެހުމާއި ސުލްހަ ގާއިމް ކުރުމެވެ.

ދުނިޔޭގައި ހިނގާ ގިނަ ހަނގުރާމަ ތަކުގެ ފަހަތުގައިވަނީ އެމެރިކާއާއި އެމެރިކާގެ ބައިވެރިންނެވެ.

comment ކޮމެންޓް