މި އަހަރުގެ ޓީޓީއެމް ޓްރެވަލް ސަމިޓް ބޭއްވުމަށް ހަމަޖެހިފައިވަނީ މީރުމާ ގައި

މީރުމާ އިވެންޓްސް ކޮންފަރެންސް ފެސިލިޓީ

މި އަހަރުގެ ޓްރެވަލް ޓްރޭޑް މޯލްޑިވްސް(ޓީޓީއެމް) ޓްރެވަލް ސަމިޓް ކުރިއަށް ދާނީ މީރުމާ އިވެންޓްސް ކޮންފަރެންސް ފެސިލިޓީ ގައި ކަމަށް ޓީޓީއެމް އިން ބުނެފިއެވެ.

ޓީޓީއެމް މޯލްޑިވްސް އަކީ ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި ރާއްޖޭގައި ބާއްވަމުން އަންނަ އެންމެ ބޮޑު ބައިނަލް އަގްވާމީ ޓްރޭޑް ޓްރެވަލް އިވެންޓެވެ. މި އިވެންޓުގެ އިތުރުން ސަމިޓާބެހޭ ބައްދަލުވުންތައް މި އަހަރު ކުރިއަށް ދާނީ 28 ނޮވެމްބަރުން ފެށިގެން 30 ނޮވްމެބަރުގެ ނިޔަލަށް މީރުމާ ގައެވެ.

މި އަންނަ މަހުގެ 28 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ޓްރެވަލް ސްމިޓުގެ މައިގަނޑު އަމާޒަކީ ކޮވިޑްގެ ހާލަތުން ސަލާމަތްވެ ފަތުރުވެރިކަމުގެ ދާއިރާގައި ރާއްޖެ އިތުރަށް ކުރިއަރައި ދިޔުމެވެ. މި އިވެންޓުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރަމުން އަންނަ އިސްވެރިންގެ އިތުރުން ދާއިރާ ކުރިއެރުމުގައި މަސައްކަތް ކުރަމުން އަންނަ ފަރާތްތައް ބައިވެރިވާނެއެވެ.

ރާއްޖޭގެ މީޑިއާ އަދި މާކެޓިންގެ މަސައްކަތުގައި ހަރަކާތްތެރިވާ ދިވެހި ކުންފުންޏެއް ކަމަށްވާ އޯކާ މީޑިއާ ގުރޫޕުން ކުރިއަށް ދާ ޓްރެވަލް ސަމިތްގެ ބައްދަލުވުންތައް އޮންނާނީ މި އަންނަ މަހުގެ 29 އަދި 30 ގެ ހެނދުނު 9 އަކުން ހަވީރު ފަހަކަށެވެ. މި އަހަރުގެ މި އިވެންޓު ވެގެންދާނީ އެހެން އަހަރުތަކާ ހިލާފަށް ތަފާތު ފީޗާސްތައް ހިމެނޭގޮތަށް ކަމަށް ޓީޓީއެމް އިން ބުނެއެވެ.

މީރުމާ އިވެންޓް ކޮންފަރެންސް ފެސިލިޓީ އަކީ ބޮޑު ހޯލަކާއެކު ޕްރައިވެޓް ފަންކްޝަންގެ އިވެންޓުތައް ބާއްވަން ހިތްގައިމު މާހައުލެކެވެ. މި ފެސިލިޓީ އަކީ ތިން ފަންގިފިލާ ހިމެނޭގޮތަށް މަރާމާތުކޮށްފައި ހުންނަ ފެސިލިޓީ އެކެވެ. ކޮންމެ ފަންގިފިލާއަކީ 150 މީހުންނަށް ވަދެވޭނެ 3200 ސްކޮއާ ކިލޯމީޓަރުގެ ތަނެކެވެ.

މީގެ އިތުރުން ތަފާތު ވައްތަރުގެ ކެއުމާއި ބުއިންތައް ކަހިކާ ކޭޓްރިން މެދުވެރިކޮށް މީރުމާ އިވެންޓްސް އިން ލިބެން ހުންނާނެއެވެ. ހަމައެހެންމެ އެ މާހައުލުން ސައުންޑް ސިސްޓަމާއި ސީޓިން އެރޭންޖްމެންޓްސްއާއި، އިވެންޓް ހޯލް ސެޓަޕާއި، ރެސްޓް ރޫމުގެ އިތުރުން ކޮންމެ އިވެންޓަކުން ވެސް ސެނިޓައިޒޭޝަންގެ ހިދުމަތް ލިބެން ހުންނާނެއެވެ.

މި އިވެންޓު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ)ގެ ގައިޑްލައިންތަކާއި އެއްގޮތަށް ރައްކާތެރިކަމާއެކުއެވެ. އެގޮތުން މެޑްޓެކް މޯލްޑިވްސް އިން ވަނީ މި އިވެންޓްގައި ބައިވެރިވާ އެންމެން ކޮވިޓް19 ހުރިތޯ ބެލުމަށް ޓެސްޓު ކުރުމަށް ހަމަޖައްސާފައެވެ.

ޓީޓީއެމް މޯލްޑިވްސްގެ މި އިވެންޓްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މި މަހުގެ 15 ވަނަ ދުވަހުގެ ކުރިން ޓީޓީއެމްގެ ވެބްސައިޓް މެދުވެރިކޮށް ރަޖިސްޓާ ކުރަން ވާނެއެވެ. ހަމައެހެންމެ، މި އިވެންޓާ ބެހޭ ހުރިހާ މައުލޫމާތެއް އެ ވެބްސައިޓުން ފެންނަން ހުންނާނެއެވެ.

comment ކޮމެންޓް