އައްމަޓީއަށް ކުރާ 42 ދައުވާ އިއްވައިފި، ހުރިހާ ދައުވާއަށް ވެސް އިންކާރު

އައްމަޓީގެ ވަކީލް، އަދި ކުރީގެ ޕީޖީ މުހުތާޒް މުހުސިން --

ހައުސިން ޔުނިޓު އެޅުމުގެ ނަމުގައި އެތައް ބަޔެއްގެ އަތުން މަކަރާއި ހީލަތުން ފައިސާ ނެގި މައްސަލާގައި ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ (އައްމަޓީ) ގެ މައްޗަށް އުފުލާފައިވާ 42 ދައުވާ މިއަދު އިއްވައި ނިމުނުއިރު އެ ހުރިހާ ދައުވާއަކަށް ވެސް އޭނާ އިންކާރުކޮށްފިއެވެ.

އައްމަޓީގެ މައްޗަށް އުފުލާފައިވަނީ ހިޔާނާތްތެރިވުމުގެ ކުށުގެ 42 ދައުވާއެކެވެ. ދެ އަޑުއެހުމުން އެ ދައުވާތައް ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުގެ ވަކީލުން ވަނީ ކްރިމިނަލް ކޯޓުގައި އިއްވާފައެވެ.

ވަކި ވަކިން ކޮންމެ ދައުވާއެއްވެސް އިއްވުމުން، އައްމަޓީގެ ވަކީލް، އަދި ކުރީގެ ޕީޖީ މުހުތާޒް މުހުސިން ވަނީ ދައުވާއަށް އިންކާރު ކުރާ ކަމަށް ވިދާޅުވެފައެވެ.

އައްމަޓީގެ މައްޗަށް ދައުވާ ކޮށްފައިވަނީ ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ސީ-ލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ހުޅުމާލޭގައި 3000 ހައުސިން ޔުނިޓް އެޅުމަށް، ސީ-ލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުުރުމުން، އެ އެއްބަސްވުމުގައިވާ މުއްދަތުގައި ހައުސިން ޔުނިޓްތައް އެޅުމުގެ އަމަލީ މަސައްކަތް ފުރިހަމަނުކޮށް، މަކަރާއި ހީލަތުން އެކި މީހުން އަތުން ބޮޑެތި އަދަދުތަކުން ފައިސާ ނަގައި، އެ ފައިސާއަށް ހިޔާނާތްތެރިވި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައެވެ.

ސީލައިފް އެޕާޓުމެންޓު ވިއްކާނެކަމަށް ބުނެ 200 އަށް ވުރެ ގިނަ މީހުންގެ އަތުން ފައިސާ ނަގައި ރާއްޖެއިން ބޭރުގައި ފިލައިގެން އުޅުނު މައްސަލައިގައި އޭނާ ހޯދަން އިންޓަޕޯލް ރެޑް ނޯޓިސްވެސް ނެރުނެވެ.

އޭނާ ހޯދައިގެން ހައްޔަރުކޮށް ރާއްޖެ ގެނައީ މި އަހަރުގެ މާޗު މަސް ތެރޭގަ އެވެ. ލަންކާ އިން ގެނައުމަށް ފަހު އައްމަޓީ ހުރީ ބަންދުގައެވެ.

ނަމަވެސް އެ މައްސަލައަކީ ބަންދުގައި ބަހައްޓައިގެން ކުރިއަށް ގެންދަންޖެހޭ މައްސަލައެއް ނޫން ކަމަށް ބުނެ ކްރިމިނަލް ކޯޓުން އޭނާ ބަންދުން ދޫކޮށްލީ މިދިޔަ ޖޫން މަހުގެ 17 ވަނަ ދުަވަހުއެވެ.

އެ މައްސަލަ ހައިކޯޓުން އިސްތިއުނާފު ކުރީ ހެއްކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތް ކަމަށާއި، ޝަރީއަތަށް ހާޒިރުނުވެ ފިލުމުގެ ފުރުސަތު އޮތް ކަމަށް ބުނެއެވެ.

comment ކޮމެންޓް