ކޮވިޑް ޖެހިގެން އައްޑޫ ސިޓީން މީހަކު މަރުވެއްޖެ

އައްޑޫ ސިޓީގައި ހުންނަ އީކުއެޓޯރިއަލް ހޮސްޕިޓަލް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގައި ކޮވިޑް-19އަށް ފަރުވާ ދެމުން ދިޔަ މީހަކު މަރުވެއްޖެއެވެ.

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ބުނީ ރޭ 1:31ގައި މަރުވީ 87 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

އެ ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ އެއީ އައްޑޫ ސިޓީ ފޭދޫއަށް ނިސްބަތްވާ މީހެއް ކަމަށެވެ. އަދި އެ މީހާއަށް ފަރުވާ ދިނުމަށް އެޑްމިޓު ކުރީ މިދިޔަ ބުދަ ދުވަހު ކަމަށެވެ.

އެއީ އައްޑޫ ސިޓީން ކޮވިޑް ޖެހިގެން މަރުވި ފަސް ވަނަ މީހާއެވެ.

ކޮވިޑް ޖެހިގެން އިއްޔެ ރާއްޖެއިން ދެ މީހަކު މަރުވެފައިވެއެވެ. އެ ދެ މީހުންވެސް މަރުވީ ގދ. ތިނަދޫއިންނެވެ. އޭގެ ތެރެއިން އެކަކު މަރުވީ ތިނަދޫ ކޮވިޑް ފެސިލިޓީގައި ކޮވިޑަށް ފަރުވާ ދެމުން ދަނިކޮށެވެ. އެއީ 80 އަހަރުން މަތީގެ ފިރިހެނެކެވެ.

ދެވަނަ މީހާއަކީ ތިނަދޫގެ ގެއެއްގައި ފަރުވާ ދެމުން ދަނިކޮށް މަރުވި މީހެކެވެ. އެއީ 81 އަހަރުގެ އަންހެނެކެވެ.

އެހެންކަމުން ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 237އަށް އަރާފައެވެ.

އައްޑޫއިން މިހާތަނަށް 1،680 މީހަކު ކޮވިޑަށް ޕޮޮޒިޓިވްވެފައިވެއެވެ. އޭގެ ތެރެއިން އެކްޓިވް ކޭސްތަކުގެ އަދަދަކީ 216އެވެ.

އެޗްޕީއޭއިން އިއްޔެ އާއްމުކުރި ތަފާސްހިސާބުގައިވާ ގޮތުން ފާއިތުވި 24 ގަޑި އިރު ތެރޭ ރާއްޖެއިން 110 މީހަކު ޕޮޒިޓިވްވެފައިވެއެވެ. އެއީ އަތޮޅުތެރެއިން 75 މީހަކާއި މާލެއިން 26 މީހެއްގެ އިތުރުން ރިސޯޓުތަކުން ނުވަ މީހެކެވެ.

ރާއްޖޭގައި މިހާރު ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 1،192 އެވެ. އަދި ބަލި ޖެހިގެން 13 މީހަކަށް މިހާރު ހޮސްޕިޓަލުތަކުގައި ފަރުވާދެމުން އެބަދެއެވެ.

comment ކޮމެންޓް