މިނިސްޓަރު އަސްލަމްގެ ލަފާ: މާލެ މީހުންނަށް ރަށްރަށުން ގޯތި ދެއްވާ

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރު އަސްލަމް އާ ސުވާލުކުރެއްވުމުގެ ތެރެއިން -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މާލެ ރައްޔިތުންގެ ތެރެއިން ރަށްރަށުން ގޯތި ބޭނުންވާ މީހުންނަށް، އެރަށްރަށުން ގޯތި ދިނުމަށް ރަށު ކައުންސިލްތަކަށް، ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ގޮވާލައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރައްވާ ސުވާލުތަކަށް ޖަވާބު ދެއްވުމަށް މިނިސްޓަރު އަސްލަމް ވަނީ މަޖިލީހަށް ހާޒިރުކޮށްފައެވެ.

މިނިސްޓަރާ ސުވާލު ކުރުމުގެ ތެރެއިން މެދު ހެންވެއިރު ދާއިރާގެ މެންބަރު އަލީ އާޒިމް ވަނީ މާލެ ރައްޔިތުންގެ ތެރެއިން، މާލޭގައި އޮތް ބިން ދޫކޮށްލައިފައި ރަށްރަށުން ބިން ބޭނުންވެގެން މީހުން އެދޭތޯ ސުވާލުކުރައްވާފައެވެ.

މި ސުވާލުގެ ޖަވާބު ދެއްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ ރާއްޖޭގެ އެއްވެސް ހިސާބަކުން ދިވެހިންނަށް ބިން ދިނުމަށް ގާނޫނު މަނާ ނުކުރާ ކަމަށެވެ. އެހެންނަމަވެސް އެކަން ކުރުމަށް ރަށްރަށުގެ ކައުންސިލްތަކުން ދެކޮޅު ހަދާ ކަމަށާއި އެއްވެސް ރަށަކުން ބިން ނުދޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޅ. މާފިލާފުށީގެ މިސާލު ނަންގަވައި މިނިސްޓަރު އިތުރަށް ވިދާޅުވީ ޅ. މާފިލާފުށި ދައުލަތުގެ ބޭނުމަށް ނެގުމަށްފަހު އެ ތަނުގެ ގޯތި ލިބިފައި ހުރި މީހުންނަށް އެހެން ރަށްރަށުން ގޯތި ހަމަޖައްސައިދިނުމަށް އެދުނު ކަމަށެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް އެ ރަށްތަކުން އެ މީހުންނަށް ގޯތި ދީފައިނުވާ ކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ ގޯތި ދޭން ކައުންސިލްތަކަށް މަޖުބޫރު ނުކުރެވޭނެ ކަމަށެވެ.

"މިއީކީ 80އިގެ އަހަރުތަކެއް ނޫން. ދައުލަތުގެ މިނިސްޓްރީއަކަށް ރަށެއްގެ ކައުންސިލެއްގެ މައްޗަކަށް އިމްޕޯސްއެއް ނުކުރެވޭ، ދޭށޭ ކިޔާފަކާ. ކައުންސިލުން ނިންމުންތަކެއް، ކައުންސިލްގެ ވެސް ބާރުތަކެއް ހުރޭ. ކައުންސިލުން ނިންމާ ދެންޏާ ނުދެންޏާ،" މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.

މި ފަދައިން ކަންތައް ނުކުރުމަށާއި ގޯތި ބޭނުންވާ މީހުންނަށް ގޯތި ދިނުމަށް މިނިސްޓަރު ވަނީ ކައުންސިލްތަކުން އެދިވަޑައިގެންފައެވެ.

"އޯޕަން މައިންޑެއްގައި މިކަން ކުރާ ކަމަށް ވަންޏާ، ރަށްރަށުގެ ކައުންސިލްތަކުން އެ ކަމަށް ރިސެޕްޓިވް ވުން އެއީ އަޅުގަނޑު އެ ބޭފުޅުންނަށް އަޅުގަނޑުގެ ލަފަޔަކަށް ވާނެ ހަމަ ވަރަށް ސްޓްރޯންގް ލަފަޔަކަށް. މާލޭ މީހަކު ތަނަކަށް ރަށަކަށް ދާން ބޭނުންވާ ކަމަށް ވަންޏާ ގޯއްޗެއް ދެއްވާށޭ،" އަސްލަމް ވިދާޅުވިއެވެ.

އަސްލަމް އިތުރަށް ވިދާޅުވީ މާލެ ތަރައްގީ ވީ އެހެން ރަށްރަށުގެ މީހުން މި ތަނަށް ގެނެސް އާބާދު ކޮށްގެން ކަމަށާއި އެހެން ރަށްރަށުން ވެސް އެގޮތަށް މީހުންނަށް ފުރުސަތު ދިނުމަކީ ރަށް ތަރައްގީވެގެން ދާނޭ ކަމެއް ކަމަށެވެ.

comment ކޮމެންޓް