އެޗްއާރްސީއެމް މުވައްޒަފުންނަށް ފުރައްސާރަ ކުރާ ކަމަށް ބުނާ މައްސަލަ މަޖިލީހުން ބޭރުކޮށްލައިފި

މެންބަރު އާދަމް ޝަރީފް އުމަރު -- ފޮޓޯ / މަޖިލިސް އިދާރާ

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)ގެ އިސްވެރިން އެ ތަނުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ވަޒީފާގެ ބިރު ދައްކަމުން އަންނަ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ހުށަހެޅުއްވި މައްސަލަ މަޖިލީހުން ބޭރުކޮށްލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ 179 ވަނަ މާއްދާގެ ދަށުން މައްސަލަ ހުށަހަޅުއްވަމުން އާދަމް ޝަރީފް ވިދާޅުވީ އެ މައްސަލައަކީ އެޗްއާރްސީއެމްގައި މަސައްކަތް ކުރާ މުވައްޒަފުންގެ ކަރާމާތާއި ހައްގުތައް ހިމާޔަތް ކުރުމަށް ގޮވާލާ ހުށަހަޅާ މައްސަލައެއް ކަމަށެވެ.

އާދަމް ޝަރީފް ވިދާޅުވީ އެޗްއާރްސީއެމްގެ ބައެއް ވެރިން، އެ ކޮމިޝަންގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެ ކަމަށް ބުނެ ބިރު ދައްކަމުން އަންނަ ކަމަށެވެ. އަދި އެކަމާ ގުޅިގެން އެ މުވައްޒަފުން މަސައްކަތް ކުރާ މާހައުލުގައި ބިރުވެރިކަން އުފެދިފައިވާ ކަމަށް ވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.

"މުވައްޒަފުންނަށް ކުރިމަތިވަމުން ދާ 84 މައްސަލައެއް ފާހަގަކުރެވި، މި ކަންކަމުގެ ހިތްހަމަނުޖެހުން މުވައްޒަފުން ފާޅުކުރަން ފެށުމުން މުވައްޒަފުންނަށް ކުރިއަށް ވުރެ ވެސް ބޮޑަށް އިހާނެތިކޮށް ހިތުމާއި ބުލީ ކުރުުމާއި ފުރައްސާރަ ކުރުން އިތުރުވެގެން ދިއުމުން އެތައް މުވައްޒަފުން ވަޒީފާއިން ކެނޑިގެން ގޮސްފައިވުމާއި ބައެއް މެންބަރުންނާއި މުވައްޒަފުންގެ މެދުގައި ޒާތީ މައްސަލަތައް އުފެދި، މިނިވަން މުވައްސަސާއެއްގެ ޒިންމާ އަދާކުރުމަށް ބުރޫ އަރާ ހާލަތަކަށް އެޗްއާރްސީއެމްގެ މަސައްކަތްތައް ބޮއްސުން ލައިފައިވާތީ،" އާދަމް ޝަރީފް ހުށަހެޅުއްވި މައްސަލައިގައިވެއެވެ.

އާދަމް ޝަރީފް ހުށަހެޅުއްވީ މެންބަރުންނާއި މުވައްޒަފުންގެ މެދުގައި ހުށަހެޅިފައިވާ މައްސަލަތައް މަޖިލީހުން ބަލައި، މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ އެކަށީގެންވާ މާހައުލެއް ގާއިމް ކުރުމަށެވެ.

މި މައްސަލަ ބަލައިގަތުމަށް ހުޅުވާލި ވޯޓުގައި މައްސަލައަށް ބަހުސް ކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ ހަތަރު މެންބަރުންނެވެ. އަދި ހާޒިރުވެތިއްބެވި 40 މެންބަރުންގެ ތެރެއިން ދެން ތިބި 36 މެންބަރުން ވޯޓު ދީފައިވަނީ މައްސަލަ ބަލައިގަތުމާ ދެކޮޅަށެވެ.

މަޖިލީހުގެ ރިޔާސަތުގައި އިންނެވި ރައީސް މުހައްމަދު ނަޝީދު ވަނީ މި މައްސަލަ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ހުށަހަޅައިގެން ކުރިއަށް ގެންދިއުމަށް އާދަމް ޝަރީފްގެ ކިބައިން އެދިވަޑައިގެންފައެވެ.

އެޗްއާރުސީއެމްގައި މިހާރު ތިއްބަވަނީ މަރިޔަމް މުނާ އާއި ސަމާއުގެ އިތުރުން އާމިނަތު ޝަފާއަތު އަބްދުއްރައްޒާގާއި, މުއުމިނާ ވަހީދު އާއި ޑރ. އަހުމަދު އަދުހަމް އަބްދުﷲ އެވެ.

comment ކޮމެންޓް