ސިޓީ ކައުންސިލުން އިންތިޒާމު ކުރީ މެޗު ބަލަން، ޝޯއަށް ތާއީދެއް ނުކުރަން: މުއިއްޒު

މާލޭ މޭޔަރު ޑރ. މުހައްމަދު މުއިއްޒު -- ފޮޓޯ// ފަޔާޒު މޫސާ

ސިޓީ ކައުންސިލުން އިންތިޒާމު ކުރީ ސާފް ޗެމްޕިއަންޝިޕްގެ މެޗުތައް ބެލޭނެ ގޮތް ހަމަޖެއްސުމަށް ކަމަށާއި މިއުޒިކް ޝޯ ބޭއްވުމަށް ތާއީދު ނުކުރާ ކަމަށް މާލޭ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިހެން ވިދާޅުވީ، މިރޭ ރާއްޖެއާއި އިންޑިއާ ވާދަކުރާ މެޗުން މޮޅުވެއްޖެނަމަ ފައިނަލް މެޗާ ހަމައަށް ކޮންމެ ރެއަކު މިއުޒިކް ޝޯ ބާއްވާނެ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ވިދާޅުވެފައި ވަނިކޮށެވެ.

މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސިޓީ ކައުންސިލްގެ މަގުސަދަކީ މެޗަށް ނުވަދެވޭ ފަރާތްތައް އެއް ތަނެއްގައި ތިބެ މެޗު ބެލުމުގެ އިންތިޒާމު ހަމަޖައްސައިދިނުން ކަމަށެވެ. ނަމަވެސް ސިޓީ ކައުންސިލުން އިންތިޒާމު ކުރާ މިއުޒިކް ޝޯއެއް ނޯންނާނެ ކަމަށް މޭޔަރު ވިދާޅުވިއެވެ.

މިކަމާ ގުޅިގެން މާލެ ސިޓީ ކައުންސިލުން 'ސަން' އަށް ބުނީ މީގެ ކުރިން ކާނިވާ ސަރަހައްދުގައި ރާއްޖެ އާއި ސްރީލަންކާ ވާދަ ކުރި މެޗު ދެއްކި އިރުވެސް މިއުޒިކް ޝޯއެއް ނުބާއްވާ ކަމަށެވެ.

"ކާނިވާ ސަރަހައްދުގައި މެޗް ބެލުމުގެ އިންތިޒާމު ހަމަޖެއްސި ފުރަތަމަ ދުވަހުވެސް މިއުޒިކް ޝޯއެއް އޯގަނައިޒް ކޮށްފައެއް ނީންނާނެ. މިއުޒިކް ޝޯ އޯގަނައިޒް ކުރައްވަނީ ޔޫތު މިނިސްޓްރީން،" ސިޓީ ކައުންސިލުން ބުންޏެވެ.

އިއްޔެ މަހްލޫފް ވިދާޅުވީ މިއުޒިކް ޝޯ ބާއްވާނީ އުރީދޫއާއި ސިޓީކައުންސިލާއި އެފްއޭއެމް ގުޅިގެން ކަމަށެވެ. އަދި އެއީ މެޗާ ގުޅިގެން ފޯރި ނަގައި، ގިނަ ބަޔަކަށް ބައިވެރި ވުމުގެ ފުރުސަތު ދިނުމަށް ބާއްވާ ޝޯއެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ސާފް ޗެމްޕިއަންޝިޕްގެ މެޗުތައް ބެލުމުގެ ފޯރި ގަދަވެ، ފާއިތުވި ދެ މެޗުގައި ރާއްޖެ ކުޅޭތަން ބެލުމަށް ޓިކެޓް ގަންނަން ކިއޫއަށް އެރި އެއްބައި މީހުނަށް ޓިކެޓް ލިބިފައެއް ނުވެއެވެ.

މިނިސްޓަރު މަހްލޫފް މީގެ ކުރިން ވިދާޅުވެފައި ވަނީ، ދަނޑު ވަނީ ބާވެ ހަލާކުވެފައި ކަމަށާއި، މީގެ ކުރިން 12،000 މީހުނަށް ދަނޑަށް ވަދެވުނު ނަމަވެސް މިހާރު މެޗު ބަލަން ދަނޑަށް ވަދެވެނީ 5000 މީހުންނަށް ކަމަށެވެ.

އެހެންކަމުން މެޗު ބަލަން ދަނޑަށް ވަނުމުގެ ފުރުސަތު ނުލިބޭ ގިނަ އަދަދެއްގެ މީހުން ވަނީ ކާނިވާ ސަރަހައްދުގައާއި ސްޓެލްކޯ ބޮޑު ސްކްރީނުންވެސް މެޗު ބަލާފައެވެ.

comment ކޮމެންޓް