ސާފުގެ ސިންގާއާއި މިނިކާވަގު މިރޭ ނުކުންނާނީ ގަދަހިފުމަކަށް!

މާދަމާ ރޭގެ މެޗާ މެދު ވިސްނާލިޔަސް، ހާސްވެއެވެ. ދިވެހީންގެ އަމިއްލަ ފަސްގަނޑުގައި ގައުމީ ޓީމު ނުކުންނަން ތައްޔާރުވެފައި ވަނީ ވާދަވެރި އިންޑިއާއާ ދެކޮޅަށެެވެ. ސާފްޗެމްޕިއަންޝިޕްގައި އެންމެ ކާމިޔާބު ގައުމެވެ. މިހާތަނަށް އިންޑިއާއިން ވަނީ ހަތް ފަހަރަށް ސާފްޗެމްޕިއަންޝިޕްގެ ތަށި އުފުލައިލައިފައެވެ.

މިރޭ ގަލޮޅު ރަސްމީ ދަނޑުގައި ފެންނާނީ ސާފުގެ ސިންގާއާއި މިނިކާވަގުގެ ގަދަ ހިފުމެކެވެ. ދެ ޓީމު ވެސް ކުޅޭނީ ކަށިން ހިތްވަރު ނެރިގެންނެވެ. އިންޑިއާ ޓީމުން ފައިނަލަށް ދާން މެޗުން މޮޅުވާން ޖެހެއެވެ. ރާއްޖޭގެ ޓީމަށް އެއްވަރު ކޮށްލައިގެން ފަރުޖައްސާލެވެން އޮތަސް މެޗު ފަސޭހައެއް ނުވާނެއެވެ.

އެއް ކަމެއް ޔަގީނެވެ. ރާއްޖޭގެ ސަޕޯޓަރުން ކުރިމަތީގައި، ރާއްޖޭގެ ގަލޮޅު ދަނޑުގައި ރާއްޖެ ބަލި ކުރުމަކީ ފަސޭހަ ކަމަކަށް ނުވާނެއެެވެ. ރާއްޖޭގެ ސަޕޯޓަރުންގެ އަޑު މުޅި ދަނޑުގައި ގުގުމާލާނެއެވެ.

މުބާރާތުގެ ފޭވަރިޓަކަށް އިންޑިއާ ނުވި!

ސާފްޗެމްޕިއަންޝިޕްގެ އެންމެ ކާމިޔާބު ގައުމަކީ އިންޑިއާ ކަމުގައި ވިޔަސް މި މުބާރާތުގެ އޮޔެވަރު މިހާހިސާބަށް ގޮސްފައިވަނީ އިންޑިއާ ބޭނުންވި ގޮތަކަށް ނޫނެވެ. ފުރަތަމަ މެޗުން އެއް ކުޅުންތެރިއަކު މަދުން ކުޅުނު ބަނގްލަދޭޝް އަތުން ލިބުނީ ޕޮއިންޓެކެވެ.

ޖެހިގެން އައި މެޗުގައި މުބާރާތުގެ ތާވަލް ފުލުގައި އޮތް، އަދި މިހާރު މުބާރާތުން ކަޓައިފައިވާ ސްރީލަންކާއާ ދެކޮޅަށް ވެސް ނިންމާލަން ޖެހުނީ ޕޮއިންޓަކުން ފަރުޖައްސައިލައިގެންނެވެ. ތިންވަނަ މެޗުގައި އިންޑިއާ ވާދަކުރީ މި މުބާރާތުގެ ފޭވަރިޓުންނާއެވެ.

ނޭޕާލާ ދެކޮޅަށް އެ ރޭ އިންޑިއާ އިން ވަރަށް ހިތްވަރު ކުރިއެވެ. ލަނޑެއް ޖެހުމަށް ގިނަ މަސައްކަތްތަކެއް ކޮށް، އެ މަސައްކަތް ކާމިޔާބުވީ މެޗު ނިމެން 10 މިނެޓަށް ވެފައި ވަނިކޮށެވެެ. މުބާރާތުން ކުރިއަށް ދިއުމަށް އޮތް ދޮރު ލެއްޕެމުން ދަނިކޮށް ހުޅުވުނީ އެންމެ ފަހު ވަގުތުގައެވެ.

އިންޑިއާއަށް ދެން ވެސް އޮތީ ޗެލެންޖެކެވެ. ތަށި ދިފާއު ކުރުމަށް ނުކުންނަ ހޯމް ޓީމް ރާއްޖޭގެ އަތުން މޮޅުވުން ފަސޭހަ ކަމަކަށް ނުވާނެއެވެ.

ރާއްޖޭއާ ދެކޮޅަށް ނުކުންނަ މެޗުގެ ކުރިން އިއްޔެ މީޑިއާތަކާ ބައްދަލުކޮށް އިންޑިއާ ޓީމުގެ ކޯޗު އީގޯ ސްޓިމަކް ބުނީ ރާއްޖޭގެ ޓީމުން ކޮންމެ ގޮތަކަށް ކުޅެން ރޭވި ކަމުގައި ވިޔަސް އޭގައި އޮންނާނީ އިންޑިއާއިން ފުރުސަތު ދިން މިންވަރެއް ކަމަށެވެ

"އަހަރެމެން މި ތިބީ ތައްޔާރުވެގެން. އަހަރެމެން ރާވާގޮތަށް ގޮސްފިނަމަ ރާއްޖެ އަކަށް މާ ރަނގަޅަކަށް ނުކުޅެވޭނެ،" ސްމެޓިކް ބުންޏެވެ.

ރާއްޖޭގެ ޓީމު މީގެ ކުރިން ނުފެންނަހާ އެއްބައިވަންތަކޮށް!

މިއަހަރުގެ ސާފްޗެމްޕިއަންޝިޕަށް ރާއްޖޭގެ ގައުމީ ޓީމު ނުކުތީ ވަރަށް ވަރުގަދަ ސްކޮޑަކާއެކުގައެވެ. މީގެ ދެއަހަރު ކުރިން 2018ވަނަ އަހަރު ތަށި ކާމިޔާބު ކުރި އިރު ސްކޮޑުގައި ތިބި ގިނަ ކުޅުންތެރިންތަކެއް މިފަަހަރުގެ ސްކޮޑުގައި ވެސް އެބަތިއްބެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ދިވެހި ޓީމުގެ ކޯޗު އަލީ ސުޒޭން ވެސް ދިވެހި ޓީމުގެ ސްކޮޑަށް ތައުރީފުކޮށް ގިނަ ވާހަކަތަކެއް ވަނީ ދައްކައިފައެވެ. ސުޒޭން ބުނީ، މާދަމާ ރޭ އިންޑިއާއާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗުގައި ދިވެހި ޓީމަށް އޮތީ ޕޮޒިޓިވް ޕްރެޝަރެއް ކަމަށެވެ.

"ސާފް ޗެމްޕިއަންޝިޕްގެ ކޮންމެ މެޗަކީ ޕްރެޝަރެއް. ކޮންމެ ސާފް ޗެމްޕިއަންޝިޕެއްގައި ވެސް ދިވެހިންގެ އުންމީދުތައް މިހާރު ގުޅިފައި މިއޮންނަނީ ތައްޓާ. އެހެންވީމާ އެއީ ޕްރެޝައެއް. އެހެން ނަމަވެސް އެއީ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއްމެއް ވެސް މެ،" ސުޒޭން ބުންޏެވެ.

ރާއްޖޭގެ ގައުމީ ޓީމުން ފެންނަނީ މީގެ ކުރިން ނުފެންނަހާ އެއްބައިވަންތަކަމެވެ. ޓީމް ސްޕްރިޓްގައި ކޮންމެ މެޗެއްގައި ވެސް ދައްކަނީ ތަފާތު ކުޅުމެކެވެ. ބާރަވަނަ ކުޅުންތެރިޔާގެ އެހީތެރިކަމާއެކު ކޮންމެ މެޗެއް ވެސް ނިންމާލަނީ ވަރަށް ކިކުގައެވެ.

ސްރީލަންކާއާއި ރާއްޖެ ވާދަކުރި މެޗަށްފަހު ނޫސްވެރިންނާ ބައްދަލުކޮށް ސުޒޭން ބުނީ މި ފަހަރުގެ އުރީދޫ ސާފް ޗެމްޕިއަންޝިޕަށް ނެގި ޓީމަކީ ރާއްޖޭގެ ތާރީހުގައި ވެސް ނެގުނު އެންމެ އެކުވެރި ގައުމީ ޓީމު ކަމާއި، ޓީމަށް ނެގި 23 ކުޅުންތެރިންނާމެދު ފަހުރުވެރިވާކަމަށެވެ.

"އެހެންޏާ ކުދިކުދި ބައިބައިވުންތަކާ ހިޔާލުތަފާތުވުންތައް ދިމާވެފައި އެބަހުރި [ޓީމު ތެރޭގައި]. އަޅުގަނޑު މަސައްކަތް ކުރިއިރު ވެސް. އެހެން ނަމަވެސް މިއީ ރާއްޖޭގެ ތާރީހުގައި ވެސް މިގޮތަށް މިހާ އެކުވެރިކޮށް ރާއްޖޭގެ ގައުމީ ޓީމެއް، ހާއްސަކޮށް ސީނިއާ ފުޓުބޯޅަ ޓީމެއް އޮތް ފުރަތަމަ ފަހަރުކަން އަޝްފާގުމެން ގަބޫލުކުރާނެ. އެހެންވީމަ އަޅުގަނޑު މިއަދު އައިސް މިތާ އިށީނދެ ނެގި 23 ކުޅުންތެރިންނާ ދޭތެރޭ ފަހުރުވެރިވަމޭ ބުނެވިދާނެ،" ސުޒޭން ބުންޏެވެ.

ރާއްޖޭގެ ޓީމަށް އަމިއްލަ ދަނޑުގައި، އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު ނަމަވެސް މިއީ ފަސޭހަ މެޗަކަށް ނުވާނެއެވެ. ސަޕޯޓަރުން ކުރިމަތީގައި ބަލިވާން ޓީމުން ނޭދޭނެއެވެ. ނަމަވެސް މާދަމާ ރޭގެ މެޗަކީ މުބާރާތުގައި އިތުރަށް ކުރިއަށް ދެވޭނެކަން ޔަގީންވާނެ މެޗެވެ.

އިންޑިއާ - ރާއްޖެ: ތާރީހަށް ކަޅިއެއް!

ސާފް ޗެމްޕިއަންޝިޕް 1993 ވަނަ އަހަރު ބާއްވަން ފެށީއްސުރެ އެ މުބާރާތުގެ ރަސްކަން ކުރަމުން އައި އިންޑިއާ އާއި އެންމެ ވާދަވެރި ގައުމަކަށް ރާއްޖެ ވަނީ ގިނަ ސަބަބުތަކަކާއެކުއެވެ.

ދެ ޓީމުން މުބާރާތުގައި ހޯދި މޮޅާއި، ބައްޔާއި، ޖެހި ގޯލަކީ ވެސް އަޅާ ކިޔާލަން ރަނގަޅު ނަންބަރުތަކަކަށް ބިނާވެފައިވާ ތަފާސް ހިސާބުތަކެކެވެ. މިއިން ކޮންމެ ނަންބަރަކުން ވެސް ދެ ގައުމުގެ ވާދަވެރިކަމާއި، ތާރީޙް ބުނެދެއެވެ.

މިހާތަނަށް ސާފްޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް 12 ފަހަރަށް ބޭއްވިއިރު އޭގެތެރެއިން ހަތް މުބާރާތްް އިންޑިޔާ އިން ކާމިޔާބު ކޮށްފައެއެވެ. މުބާރާތުގެ ފައިނަލުގައި 11 ފަހަރަށް ވާދަކޮށްފައިވެއެވެ. މިއީ މި މުބާރާތުގެ ބޮޑު ރެކޯޑެކެވެ.

މި ޓީމާ ދެން އެންމެ ގާތުން ވާދަކުރަނީ ސަރަހައްދުގައި އާބާދީ ގޮތުން އެންމެ ކުޑަ ރާއްޖެއެވެ. ރާއްޖޭން މި މުބާރާތުގައި 10 ފަހަރު ވާދަކޮށް، އޭގެތެރެއިން 02 މުބާރާތްް ކާމިޔާބު ކޮށްފައިވެއެވެ. އަދި ފަސް ފަހަރަށް މުބާރާތުގެ ފައިނަލްގައި ވާދަކޮށްފައިވެއެވެ.

ސާފްޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި އިންޑިއާއާއި ދިވެހިރާއްޖެ 13 ފަހަރަށް ވާދަކޮށްފައި ވެއެވެ. އޭގެ ތެރެއިން ނުވަ މެޗް ކާމިޔާބު ކޮށްފައިވަނީ އިންޑިއާއިންނެވެ. ދިވެހިރާއްޖެ މުބާރާތަށް އާ ކޮޅު އިންޑިއާއާ ވަނީ އެއްވަރުކޮށްފައެވެ. އަދި ތިން މެޗުން ރާއްޖެ މޮޅުވިއިރު 1997 ވަނަ އަހަރު ނޭޕާލްގައި ބޭއްވުނު ސަފްޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ސްޓޭޖުގައި މި ދެޓީމް ވާދަކުރި މެޗް ނިމުނީ 2-2އިން އެއްވަރުވެގެންނެވެ.

ސާފް ޗެމްޕިއަންޝިޕުގެ ތާރީޙަށް ބަލާއިރު، މި މިމުބާރާތުގައި އިންޑިއާއިން 55 މެޗް ކުޅެފައިވާއިރު 35 މެޗުން އެ ޓީމު ވަނީ މޮޅުވެފައެވެ. އޭގެ ތެރެއިން 12 މެޗުން އެއްވަރުވި އިރު، މުބާރާތުގައި ބަލިވެފައި ވަނީ އަށް މެޗުންނެވެ. އަނެއްކޮޅުން ރާއްޖެ ވަނީ މުބާރާތުގައި 46 މެޗެއް ކުޅެ، 24 މެޗަކުން މޮޅުވެފައެވެ. ބަލިވެފައިވަނީ 11 މެޗުންނެވެ.

ސާފް ޗެމްޕިއަންޝިޕުގައި އިންޑިޔާއިން 93 ގޯލް ކާމިޔާބު ކޮއްފައިވާއިރު މި ސަރަހައްދުގެ އެހެން ގައުމުތަކަށް އިންޑިޔާގެ ގޯލަށް ވައްދާލެވިފައިވަނީ 35 ގޯލެވެ. އަދި އެހެންމެ ރާއްޖެ ވެސް 93 ގޯލް ކާމިޔާބު ކޮއްފައިވާއިރު ސަރަހައްދީ އެހެން ގައުމުތަކަށް ދިވެހިރާއްޖޭގެ ގޯލަށް ވައްދާލެވިފައި ވަނީ 45 ގޯލެވެ.

ޗެތުރީއާއި އަޝްފާގުގެ ފަހު ގަދަހިފުން!؟

މިރޭގެ މެޗުގައި އިންޑިއާގެ ގައުމީ ޓީމަށް އޮތް އެންމެ ބޮޑު ނުރައްކަލަކަށް ވާނީ ރާއްޖޭގެ ސެންޓްރަލް ފޯވާޑް އަލީ އަޝްފާގު (ދަގަނޑޭ)އެވެ. އޭނާއަކީ އިންޑިއާގެ ކުޅުންތެރިން ވަރަށް ޖެހިލުންވާ ކުޅުންތެރިއެކެވެ. އެކަން މީގެ ކުރިން ރާއްޖެއާއި އިންޑިއާ ވާދަކުރި މެޗުތަކުން ސާބިތުވެއެވެ.

ރާއްޖޭގެ ޓީމަށް ވެސް އެންމެ ބޮޑު ޗެލެންޖަކަށް ވާނީ އިންޑިއާގެ ތަޖުރިބާކާރު ފޯވާޑް ސުނިލް ޗެތުރީ ހިފެހެއްޓުމެވެ. އޭނާއަކީ އޭރިއާ ތެރެއިން ބޯޅަ ލިބިއްޖެނަމަ ނުރައްކާކުރާ ކުޅުންތެރިއެކެވެ.

އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި ސުޒޭން ބުނީ މެޗުގައި ދެ ޓީމުގެ ފޯވާޑްލައިން ލީޑު ކުރާ ދެ ކުޅުންތެރިން ކަމަށްވާ އަލީ އަޝްފާގު (ދަގަނޑޭ) އާއި ސުނިލް ޗެތުރީ އަކީ މެޗު ޑިސައިޑް ކުރުމުގައި މުހިއްމު ދެކުޅުންތެރިން ކަމަށެވެ.

"އެކަކަކީ ޕެނަލްޓީ އޭރިއާ ތެރޭގައި ޑިފެންޑަރުންނަށް ހުރި ނުރައްކަލެއް [ޗެތުރީ]. އަނެކަކީ އޭރިއާ ތެރޭގައްޔާއި، ބޭރުގައި ވެސް ތަފާތު ދައްކާނެ ކުޅުންތެރިއެއް. [ދަގަނޑޭ] ސްރީލަންކާ މެޗުގައި ބޮލުން ޖަހާލި ގޮތް ފެންނާނެ. އެއީ ތަފާތަކީ އެ ކުޅުންތެރިންގެ. މާދަމާގެ މެޗަކީ މި ދެކުޅުންތެރިންގެ ބޮޑު ވާދަވެރިކަމެއް ފެންނާނެ މެޗެއް."

ސާފްޗެމްޕިއަންޝިޕްގައި އިންޑިއާ ޓީމަށް އެންމެ ގިނަ ގޯލު ކާމިޔާބު ކޮށްދިފައިވަނީ ޗެތުރީއެވެ. އޭނާ 15 ގޯލު ޖަހައިފައިވެއެވެ.

ސާޗްޗެމްޕިއަންޝިޕްގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ ފަޚުރުވެރި ލަގަބު އޮތީ ދަގަނޑޭގެ އަތުގައެވެ. އޭނާއަކީ ސާފްގެ ތާރީހުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއެވެ.

ދަގަނޑޭ ވަނީ މި ފަހަރުގެ މުބާރާތުގައި ޖެހި ދެ ގޯލާއެކު ދިވެހި ޓީމަށް ސާފްޗެމްޕިއަންޝިޕް ތާރީހުގައި 22 ލަނޑު ކާމިޔާބު ކޮށްދީފައެވެ.

މި މުބާރާތަކީ ދަގަނޑޭ އަދި ޗެތުރީގެ ވެސް ފަހު މުބާރާތަށް ވުން ގާތެވެ. އެހެންކަމުން، މިއީ ސާފްޗެމްޕިއަންޝިޕުގައި އެ ދެކުޅުންތެރިންގެ ފަހު ކުރިމަތިލުމަށް ވެދާނެއެވެ.

އިންޑިއާއާއި ރާއްޖެއަކީ ސާފުގެ އެންމެ ކާމިޔާބު ދެ ގައުމެވެ. އެންމެ ވާދަވެރި ދެ ގައުމު ވެސް މެއެވެ. ސާފު ފުޓުބޯޅައިގެ ސިންގާއާއި މިނިކާވަގެވެ. މާދަމާ މި ދެ ޓީމު ނުކުންނާނީ ގަދަހިފުމަކަށެވެ. ބާރަވަނަ ކުޅުންތެރިޔާއަށް އޮތީ ނޭވާ ހިފަހައްޓައިލައިގެން ތިބެ ސަޕޯޓު ކުރުމެވެ.

comment ކޮމެންޓް