އަށް މަސް ތެރޭ 8000އަށް ވުރެ ގިނަ ގައިދީންނަށް ޑޮކްޓަރުންގެ އެހީ ފޯރުކޮށްދީފި

މާފުށި ޖަލު -- ފޮޓޯ/ވީނިއުސް

މި އަހަރުގެ ޖެނުއަރީން ފެށިގެން މި އަހަރުގެ އޯގަސްޓު މަހުގެ ނިޔަލަށް 8000އަށް ވުރެ ގިނަ ގައިދީންނަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސްއިން ޑޮކްޓަރެއްގެ އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ކަރެކްޝަންސްއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން 7،507 ގައިދީންވަނީ ޑޮކްޓަރަށް ދެއްކުމަށް އެދިފައެވެ.

އޭގެތެރޭގައި އާދައިގެ ބަލިތަކުގައި ޑޮކްޓަރަށް ދެއްކުމަށް އެދި ޖުމްލަ 6،366 ގައިދީން އެދިފައިވާއިރު ޑޮކްޓަރަށް ދެއްކިފައިވަނީ 6،216 ގައިދީންނަށެވެ. ހާއްސަ ބަލިތަކުގެ ޑޮކްޓަރަކަށް ދެއްކުމަށް ޖުމްލަ 1،141 މީހަކު އެދިފައިވެއެވެ. ނަމަވެސް އެދުނު މިންވަރަށްވުރެ އިތުރު ގައިދީންވަނީ ޑޮކްޓަރަށް ދައްކާފައެވެ. އެގޮތުން ޖުމްލަ 1،787 ގައިދީންވަނީ އެކި ބަލިތަކަށް ހާއްސަ ޑޮކްޓަރުންނަށް ދައްކާފައެވެ.

ޑޮކްޓަރަށް ދައްްކާފައިވާ ގައިދީންގެ ތެރެއިން އެންމެ ގިނަ ގައިދީން ޑޮކްޓަރަށް ދައްކާފައިވަނީ އެތެރެ ހަށީގެ ބަލިތަކުގައެވެ.

ގައިދީންނަށް ރަނގަޅު ގޮތެއްގަައި ސިއްހީ ހިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން ކަރެކްޝަންސްއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އައިޖީއެމްއެޗާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފައިވާކަމަށް ކަރެކްޝަންސްއިން ބުންޏެވެ. އަދި ގައިދީންނަށް ދޭ ފަރުވާ ރަނގަޅުކުރުމުގެ ގޮތުން ޓެލެކޮންސަލްޓޭޝަންގެ ހިދުމަތް މިހާރުވަަނީ ފަށާފައެވެ. ހަމައެއާއެކު މާފުށީ ޖަލުގައި އާ މެޑިކަލް ސެންޓަރެއް ގާއިމްކޮށް ހިދުމަތް ދިނުމަށް ވެސް ވަނީ ފަށާފައެވެ.

comment ކޮމެންޓް