ޖިނާއީ މައްސަލަތައް އެއްވެސް ވަރަކަށް ނުބައްލަވާތީ ކުޅުދުއްފުށި މެޖިސްޓްރޭޓް 14 ދުވަހަށް ސަސްޕެންޑުކޮށްފި

ހައިކޯޓުގެ އަލަށް އައްޔަން ކުރެއްވި ދެ ފަނޑިޔާރުން ހުވާ ކުރުމަށް ޖޭއެސްސީގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހދ. ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އިބްރާހީމް ޝާހިދުއާ ހަވާލުކުރާ ޖިނާއީ މައްސަތައް އެއްވެސް ވަރަކަށް ނުބަލައްވާތީ އޭނާ 14 ދުވަހަށް ސަސްޕެންޑުކޮށްފިއެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން މިއަދު ބުނީ މެޖިސްޓްރޭޓް ޝާހިދާ ހަވާލު ކުރެވޭ ޖިނާއީ މައްސަލަތައް އޭނާ އެއްވެސް ވަރަކަށް ކުރިއަށް ގެންގޮސްފައި ނުވާކަމަށް ތުހުމަތު ކުރެވިގެން އެ މައްސަލަ ތަހުގީގުކޮށްފައިވާ ކަމަށެވެ.

އެ ތަހުގީގުގައި ކްރިމިނަލް މައްސަލަތައް ކުރިއަށް ގެންގޮސްފައި ނުވާ ކަމަށް ޝާހިދު އިއުތިރާފްވެފައިވާ ކަމަށާއި އެކަން އެހެނިހެން ގޮތްގޮތުން ވެސް ކަށަވަރު ވެފައިވާ ކަމަށް ޖޭއެސްސީން ބުންޏެވެ.

ޝާހިދުގެ އެ އަމަލަކީ، ގާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނު)ގެ 34 ވަނަ މާއްދާގެ (ށ) އަދި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 6.1، 6.2 އަދި 6.4 އާ ހިލާފަށް ކޮށްފައިވާ އަމަލުތަކެއް ކަމަށް ޖޭއެސްސީން ނެރުނު ބަޔާނުގައިވެއެވެ.

އެހެންކަމުން ގާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަވިސް ކޮމިޝަންގެ ގާނޫނު)ގެ 32-1 (ހ) ގެ 3 ގެ ދަށުން، މުސާރައާއި އިނާޔަތްތައް ނުލިބޭ ގޮތަށް މެޖިސްޓްރޭޓް އިބްރާހީމް ޝާހިދު ވަޒީފާގެ މަސައްކަތަށް ނިކުތުން 14 ދުވަހުގެ މުއްދަތަށް މަނާކުރަން ފެންނަ ކަމަށް ޖޭއެސްސީން މިދިޔަ އާދިއްތަ ދުވަހު ބޭއްވި ބައްދަލުވުމެއްގައި ނިންމާފައިވާ ކަަމަށް އެ ބަޔާނުގައިވެއެވެ.

comment ކޮމެންޓް