"އެހެން މީހެއްގެ އުފަލާއި ނަސީބާއިމެދު ހަސަދަވެރިނުވާށެވެ. އެއީ އެމީހާގެ އެތެރެހަށި މޮޅިވެރިކަމާއި އުދާސްތަކުގެ ތެރެއަށް ގެނބިފައި ހުރެ ހަމަޖެހިގެން ނޭވާ ލީ ފުރަތަމަ ފަހަރު ކަމުގައިވެސް ވެދާނެއެވެ."

***

"އެ ޑިސްއޯޑާ ކިހާވަރަކަށް ސަކަރާތްތަ؟ އޭނައާއި ދުވަހަކު އަތާއި އަތް ލައްވާ ސަލާމްކުރިންތަ؟" ނޯރާވެސް ވައި އަޑަކުން ބުނެލިއެވެ. މިކާލް ބޯ ހޫރައިލީ ނޫނެކޭ ބުނުމުގެ ގޮތުންނެވެ.

"އެހެންވިއްޔާ ދެން ވަރަށް ދެރަ.." ކަބަޑްގެ އެންމެ މަތީ ފިލާގައި ހުރި ޖޯޑެއްނަގަން އޭނަ ގޮނޑިއަށް އަރައިގެން އުޅެފައި ކައިލްއާއި ދިމާލަށް ނަޒަރު ހުއްޓާލައިފިއެވެ. ނޯރާގެ ކުއްލި ތޫނު ހަޅޭކުގެ އަޑަށް އެންމެ ގާތުގައި އެވަގުތު ހުރި ކައިލް އެނބުރި ބަލާލައިފިއެވެ. ކައިލްއަށް ނޯރާ ވެއްޓިޔަނުދީ ސަލާމަތްކޮށްދޭނެ ފުރުސަތު ކިތަންމެހާވެސް ރަގަޅަށް ލިބުނެވެ. ނޯރާ އެހީއަށް އެދި އޭނައާއި ދިމާލަށް އަތް ދިއްކޮށްލުމުން ނޯރާގެ އަތުގައި ހިފެހެއްޓިނަމަ ނޫނީ ފަހަތަށް ނުޖެހުނުނަމައެވެ. ނޯރާ ބިންމަތީގައި ޖެހުނުގޮތަށް ދިރުމެއް ނެތް ބުދެއްފަދައިން އިރުގަނޑެއްވާންދެން އޮތެވެ. ނޯރާގެ ތޮފިގަނޑު ވިއްސައިގެންގޮސް ދުރަށް ޖެހި ހުޅިގަނޑު ދޫކޮށް އިސްތަށިގަނޑު ފެތުރެންފެށިއެވެ. ނޯރާ އޭނައަށް އެހީތެރިނުވި ކައިލްއަށް ކަޅިއަޅައިގަތެވެ. މިކާލްވެސް ކައިލްއަށް ލޯ ބޮޑުކޮށްލަމުން ބަލައިލިއިރު ކުށްވެރިކުރާފަދަ ގޮތެއް ހުއްޓެވެ.

"ދެޓް ވޯޒް ސޯ މީން...."ނޯރާ އޭނަގެ އަތުގައި ފިރުމަމުން ދިޔައެވެ." ޔަގީނުންވެސް މެޑިކަލް ސްކޫލަކަށްޓަކާ ނޫން ހެއްދެވީ. ޑޮކްޓަރ؟ ޔޫހޭވް ގޮޓް ޓު ބީ ކިޑިން މީ..."ނޯރާ ކުދިކިޔައިގަތެވެ.

"ކަލޭމެން ދެމީހުން އަހަންނަށް ބަލާގޮތުން ހީވާކަހަލަ އަހަރެން އޭނަ ވައްޓައިލީއޭ؟" ކައިލް އޭނަގެ ދެއަތް އުފުލައިލީ "މަށެއް ނޫނޭ" ބުނާފަދަ ގޮތަކަށެވެ. ހަގީގަތަށް ބުނަންޏާ ކައިލް ފަހަތަށް ޖެހުނީ ގަސްތުގައެއް ނޫނެވެ. މިފަދަ ހާލަތްތަކުގައި ކައިލްއަށް އޭނަގެ ނަފުސްގެ ކޮންޓްރޯލްއެއް ނޯވެއެވެ. ވީއިރު އޭނަ ކުރާނީ ކީއްހެއްޔެވެ؟

"ކޮންމެގޮތެއް ވިޔަސް މީހުން ސަލާމަތްކުރުމާއި ރެސްކިއުފަދަ އެއްވެސް ޖޮބަކާއި ދުރުން އުޅޭތި..."ނޯރާ އިސްތަށިގަނޑުން ހުޅިއެއް ޖަހާލުމަށްފަހު ތޮފި އަޅާލައިފިއެވެ. ކައިލް އޭނަގެ ކުރު ޓީޝާޓްމަތިން ލާފައި ހުރި ގަމީސް ބޭލިތަން ފެނި ސުވާލުގެ ނަޒަރަކުން ބަލައިލެވުނެވެ. ކައިލް ނޯރާގެ އުނަގަނޑާއި ދިމާލަށް ނަޒަރު ހުއްޓައިލުމަށްފަހު މޫނަށް ބަލައިލިއެވެ. ވެއްޓުނުއިރު އޭނަގެ ހެދުމުގެ ތަންގަނޑެއް އިރައިގެން ދިޔައީއެވެ. ނޯރާގެ މޫނަށް ރަތުގެ އެތައް ކުލައެއް އެއްފަހަރާ ވެރިވިއެވެ. ކުއްލިއަކަށް އޭނަ ކައިލްގެ އަތުން އެ ގަމީސް ޖަހައިގަތެވެ.

"ހުރިހާވެސް ކަމެއް ދިމާވީ ތީނައާއި ހެދި..."

އޭނައަށް އެތައް ގުނަ ބޮޑު އެގަމީސް ލާން ހުރިއިރު ނޯރާ ޝަކުވާ ފުންޏެއް ކުރިމަތިކުރިއެވެ. އަތްދިގުކަމުން އޭނަގެ އަތްތިލަވެސް ފޮރުވުނެވެ. އެހެންވެ ކޮންމެވެސް ވަރަކަށް އަތުކުރި އޮޅައިލަން ޖެހުނެވެ. މަޑުމަޑުން ކޮލޯންއެއްގެ ވަސް އެގަމީހުގައި ހިފާލާފައިވިއެވެ. ނޭގިވެސް ނޯރާއަށް ގަޔާވެވުނެވެ. އެއީ ވަރަށް ހިތްގައިމު ވަހެކެވެ. ސާފުވެފައި ތާޒާއެވެ. އަދި ވެނީލާ ކޮފީގެ ކުޑަ ވަހެއްވެސް އެކުލެވުނެވެ.

***

އާވާ ލާނެތްގޮތަކަށް ހީލީ ރަގަޅު ތަނެއް ހޯދައިލެވުނުކަމަށްޓަކާ އަމިއްލަ ނަފުސަށް ފަޚުރުވެރިވަމުންނެވެ. ޕެޓްރިކޯއާއި ދިމާލަށް މިސްރާބުޖެހިއިރު އަތުގައި އޮތް ކަރުދާސްކޮޅު މުށުތެރޭ ބޮނޑިކޮށްލާފައި އެއްލާލެވުނެވެ. އޭނަ އެތަން ރަގަޅަށް ދިރާސާކުރިއެވެ. އެއީ އެހާ އަގުހެޔޮކަމަށް ދައްކާ ތަނެއްނޫނެވެ. މެދުމިނުގެ ތަނެކެވެ. އޭނަ ކުޑަދޮރު ކައިރިން ސީޓެއް ނެގިއެވެ. އެތާ ތެރެއިން ފެނުނީ ދެ ފިރިހެން ކުދިންނެވެ. އާވާ ފޫހިވެފައިވާގޮތަކަށް މޫނު ހެދިއެވެ.

އައިޒަކްގެ ޝައުގު ހުރީ ފިރިހެންކުދިންނަށް ހެއްޔެވެ؟ އޭނަ މިއައީ އައިޒަކް ކުށްކުރަން ހުންނަނިކޮށް ހިފުމަށެވެ. ބޮޑުދައިތަ ޔާސްމީންއަށް އޭނަ އަންހެންކުއްޖަކާއެކު ޑޭޓްތަކަށް ދާކަން އެނގިއްޖެއްޔާ އޭނަ ޔަގީނުންވެސް ދަތިތަކާއި ކުރިމަތިވާނެއެވެ. އެކަމަކު މިތަނުން ފިރިހެންކުދިން ފެނުމުން އޭނަގެ އުއްމީދުތައް ފެނަށްވިއެވެ. އެކަމަކު ދިޔަލެކަށްވުރެ އަވަހަށް އުއްމީދު އެނބުރި އައީ އަންހެންކުއްޖަކު ސިޑިން ފައިބައިގެން އަންނަތަން ފެނިއެވެ. ލޫޅާފަތި ލަދުރަކި މާތް ފާޑުޖަހާ އަންހެންކުއްޖެކެވެ. އާވާއަށް އެކުއްޖާގެ އުމުރު އޭނައާއި އެއްވަރުވާނެކަމަށް ލަފާކުރެވުނެވެ. އަދި އިސްކޮޅުވެސް އެއްވަރުވާނެކަން ޔަގީނެވެ. ލާނެތްކަމުން އޭނަގެ ލޯ ފިޔަޖަހާލައިފިއެވެ. އައިޒަކްއަށް ކަމުދާ އަންހެންކުދިން ގޯހެއް ނޫނެވެ. އެ އަންހެންކުއްޖާ ރީއްޗެވެ. އެކަމަކު ސިއެނާ ފަދައިން ދެވަނަފަހަރަށް އެނބުރި ބަލައިލަން މަޖުބޫރުވާފަދައެއް ނުނެވެ. އެއީ ފިލާދިޔުމެއް ނެތް ރީތިކަމެކެވެ. ފިރިހެނެއްގެ ގަމީހާއި ސްނީކާސްގައި ހުރިއިރުވެސްމެއެވެ. ރީތިކަމުގެ އެއްބައި ފޮރުވިފައިވާ ފަދައިންނެވެ. ގިނަގިނައިން ބެލިވަރަކަށް ރީތިކަން އިތުރުވާފަދައެވެ. އަދި އެކުވެރިކަމުގެވެސް ހައްދެއް ނެތް ކަން އެނގުނީ އެ ހީލުންތަކުންނެވެ. ކަސްޓަަމަރުންނާއި މުއާމަލާތްކުރަނީ ހަމަ އެންމެ ރަގަޅުގޮތުގައެވެ.

"ކިޑް. ކޯނޗެއް އޯޑަރު ކުރަން ބޭނުމީ؟" މިކާލް ދެވަނަ ފަހަރަށް ސުވާލު ތަކުރާރުކޮށްލިއެވެ. މިކުއްޖާގެ ކަންފަތް ބީރުހެއްޔެވެ؟ އާވާ އޭނަގެ ކަންފަތް ކަހާލައިފިއެވެ.

"ކީއްވެ ތިހާ އަޑުހަރީ؟"އޭނަ މަޑުމަޑުން ކިޔާލާފައި ތެދުވެގެން މިސްރާބު ޖެހީ ކައުންޓަރާއި ދިމާލަށެވެ." ކޮން ނަމެއް ކިޔަނީ މިސް؟"

އާވާގެ އެންމެ ލޯބި ހިނިތުންވުން ހަދިޔާކުރިއެވެ.

"އޯ އަހަރެންގެ؟ އައިމް ނޯރާ..." ނޯރާއަށް މިކުއްޖާގެ ނިޔަތް ނޭގިހުރެ ހިނިތުންވުމެއް ރައްދުކުރިއެވެ.

"ސިގްރެޓް ވިއްކަންތަ؟" އާވާ ސުވާލުކުރިއެވެ.

"ތި މިތާ ނުވިއްކާ ވާހަކަ ހިތާމައާއެކު ބުނެލަން..." ނޯރާއަށް ލިބުނު ޝޮކް ފޮރުވަން މަސައްކަތްކުރަމުން އިހުތިރާމާއެކު ބުނެލަމުން އޭނަ އިޝާރާތްކުރީ ކުޑަކުދިންނަށް ޚާއްސަ ސެކްޝަނާއި ދިމާލަށެވެ."އެކަމަކު އެކި ވައްތަރުގެ ތަފާތު ރަހަތަކުގެ ކުކީޒް އެބަހުރި....."

"ކޮންކަހަލަ ފިހާރައަކުން ސިގްރެޓް ނުވިއްކާނީ؟ މި މީހުން މިހާ ފޫހިތަ؟"އާވާ މަލާމާތުގެ ފާޑަކަށް ހީލިއެވެ. އަދި އޭނަގެ އުމުރަށްވުރެ ދޮށިކަމަށް ހެދެންވެގެން އަމަލުތައް ބެހެއްޓީ ހަރު މީހެއްހެންނެވެ.

"ހޭ ޔޫ.....ތި ކިހާވަރަކަށް؟ އަހަރެން ގަނެފާނަމޭ...." ކައިލް އަތުން ލައިޓަރެއް ފެނުމާއެކު އާވާގެ ލޮލުން ޝައުގުވެރިކަމެއް ފެނިލިއެވެ.

"ބްރެޓެއްހެން އެކްޓްކުރާވަރަށްވުރެ ތަންކޮޅެއް ބޮޑެއް ނޫންތަ؟"ކައިލް ބުމަ އަރުވައިލިއެވެ. އާވާ ވަގުތުން މޫނު ހެދިއެވެ. އުމުރުގައި ފުރަތަމަ ފަހަރަށް މީހަކު އޭނައަށް ނިސްބަތްކޮށް" ޓޫ އޯލްޑް" އޭ ބުނެފިއެވެ. އަބަދުވެސް އިވޭނީ މިވެނިކަމެއް ކުރަން އެވެނިކަމަކައި އުޅެން މާ ޅަކަމުގައެވެ. އެފިރިހެނާގެ ލޮލަށް ބަލައިލެވުމާއެކު އިތުރަށް އެއްޗެކޭ ބުނަން ފަސްޖެހެވުނެވެ.

"ހޭއި......ބޯއިފްރެންޑްގެ ސިއްރުތައް ކިޔާދީބަލަ..އޭރުން މަ ޕޭ ކުރާނަން..." އާވާގެ ހުރިހާ ސަމާލުކަމެއް ނޯރާއަށް ހުއްޓުނެވެ. އަދި އާދަޔާ ޚިލާފަށް ހުދު ދަތްތައް ފެންނަވަރަށް ހީލައިފިއެވެ. ކަންފަތާއި ހަމަޔަށް ކިރިޔާ ފޯރާވަރުގެ އިސްތަށިގަނޑަކާއި ބޭބީއެއްހާ މައުސޫމް މޫނަކާއިއެކު ނިކަން ލޯބި އަންހެންކުއްޖެކެވެ. އެކަމަކު އޭނަގެ އުޅުން އެ ސޫރައާއި ދިމާ އިދިކޮޅެވެ. ފޮތެއްގެ ބަނޑޭރި ގަނޑަށް ބަލާފައި އިންސާފުނުކުރާށޭ ބުނާ ހަރުބަސް ވުޖޫދަށް އައި ސަބަބަކީ މިއީއެވެ.

"އަހަރެންގެ ބޯއިފްރެންޑެއް ނުހުރޭ....." ނޯރާ ނިންމީ މިކުއްޖާގެ ސިކުނޑީގައި ކޮންމެވެސް ވަރެއްގެ އުނިކަމެއް ހުރީކަމަށެވެ. ނޫނީ އެހެން ކުއްޖެއްކަމަށް އޮޅުނީއެވެ.

"ކިތައް ބޯއިފްރެންޑުން ތިބޭ؟" އާވާ ކަޅި ހިންގައިލިއެވެ."މިތާ މިއުޅޭ ދެ ފިރިހެނުންނާއިވެސް ޑޭޓް ކުރަނީތަ؟"

"ޝީޒް ކްރޭޒީ...." މިކާލް ގެ އަނގަ ހަރަކާތްކޮށްލިގޮތުން ނޯރާއަށް އެނގުނެވެ. ނޯރާގެ މޫނު މިފަހަރު ރަތްވީ ރުޅިވެރިކަން ހިތުތެރޭ ހިނގައިލުމުންނެވެ. ކިތަންމެ ޅަވިޔަސް މިކުއްޖާ އޭނަގެ ނާރުތައް ހަލަބޮލިކޮށްލައިފިއެވެ. ނޯރާއަށް އެއްޗެކޭ ބުނެވުމުގެ ކުރިން ކައިލް އެކުއްޖާގެ ހޫޑީގައި ހިފާ ދަމަމުންގޮސް އެތަނުން ނެރުނެވެ.

"ކުޑަކުއްޖަކަށްވިޔަސް އަނގައިން ބުނެވޭ އެއްޗަކާއިމެދު ވިސްނަން ޖެހޭ..ނުބައި އެންމެ ލަފުޒަކުން މީހާ މަރައިލަފާނެ......" ކައިލްގެ އެންމެ ފަހު ޖުމްލަ ބުނެލީ ވަކިން ސީރިޔަސް ރާގެއްގައެވެ. ކިރިޔާ އާވާގެ ކަންފަތަށް އެ އަޑު އިވޭހާ މަޑުންނެވެ.

"މި އޮތް ހުތުރު ދެލޯ...އިޒް ހީ އެ ސްޕޯން އޮފް ސެޓަން އޯ ވަޓް؟" ކައިލް ފުރަގަސް ދީފައި ދާން ފެށުމުން ބަލަން އިނދެފައި އާވާ ކިޔައިލިއެވެ. އަދި އައިޒަކްގެ ގާލްފްރެންޑްވެސް އޭނައަށް ދޮގުހެދީ ކީކޭ ހިތަށް އަރައިގެން ހެއްޔެވެ؟ ޔަގީނެވެ. އޭނަގެ ލޯބިވެރިޔަކު ހުރެއެވެ. އެމީހަކީ އައިޒަކް ފިޔަވާ ދެވަނަ މީހެއް ނޫނެވެ. އޭނައަށް ޔަގީނެވެ. ދެމީހުން އެއްކޮށް ތިއްބާ ފަޅާ އަރުވައިލާނީއެވެ. އާވާ ނިންމިއެވެ.

ތެދަށް ބުނަންޏާ އެގޮތަށް އެތަނުން ހޫރައިލުމުން ލަދުވެސް ގަތެވެ. އެ ފިރިހެނާ ކުޑަކުއްޖަކަށްވެސް ރަހުމެއް ނުކުރިއެވެ. އޭނައަށް އާވާގެ ބައްޕައަކީ ކާކުކަން އެނގޭނަމަ އެގޮތަށް ހަދައިލަން ލާހިކެއް ނޫނެވެ. އޭނަގެ ބައްޕަ މިތަން އެއްކޮށް ފޮހެލަފާނެއެވެ. ތަން ހުރިކަމުގެ އެއްވެސް އަސަރެއް ނެތިއެވެ. އޭނަ ޝަކުވާ ކޮށްފިއްޔާއެވެ.

***

އައިޒަކް އޭނަގެ ބައްޕަ ފޮތްބަލާ ކޮޓަރީގައި އެކަނިވާންދެން އިންތިޒާރުކުރިއެވެ. ފުރުސަތު ލިބުމާއެކު މަޑުމަޑުން ޓަކިދީފައި އެތެރެއަށް ވަނެވެ.

"ދަރިފުޅާ....ކޮންކަމަކާ؟" ޔަޒީދު ހިފައިގެން އިން ފޮތް ލައްޕައިލަމުން އިސް އުފުލައިލިއެވެ.

"ބައްޕާ. އެއްޗެއް އަހައިލެވިދާނެތޯ؟" ބައްޕަގެ ކުރިމަތީގައި ހުރި ކައުޗްގައި އިށީދެފައި އޭނަ ހުއްދައަށް އެދުނެވެ.

"ހޫމް؟"

އެނގިލައްވާނެ. ޓެކްސީ ޑްރައިވަރ.....މަހުމޫދު..." އައިޒަކް އޭނަގެ ބައްޕަ ޔަޒީދުއައި ހަތަރުކަޅި ހަމަކޮށްލިއެވެ.

"މަހުމޫދު ކިހިނެއްވީ؟" ޔަޒީދު ސުވާލުކުރީ އަނެއްކާވެސް ފޮތް ހުޅުވާލާފައި ގަނޑެއް އެއްލައިލަމުންނެވެ.

"އޭނަ ދިޔައީ ކީއްވެތޯ؟ ކާފަ ދިރި ހުންނެވިއިރުން ފެށިގެންވެސް އޭނަ އުޅުނީ މިގޭގެ ވަޒީފާގައި ނޫންތޯ؟"

ޔަގީނެއްނޫން..ހަނދާންވާގޮތުން އޭނަ ބުނީ އާއިލާ މައްސަލަތަކެއް ދިމާވެގެން އެކަން ހައްލުކުރަންވެގެންނޯ. އެއީ ކުއްލިއަކަށް ދިމާވި ކަމެއް. އެހެންވެ ދަރިފުޅުގެ މާމައަށްވެސް ވަރަށް ފުން އަސަރުތަކެއް ކުރި. މާމަ އޭނަދެކެ ވަރަށް ލޯބިވާނެ. އެކަމަކު ކޮންމެ އިންސާނެއްވެސް އެންމެ އިސްކަމެއް ދޭނީ އަމިއްލަ އާއިލާއަށް ވީމަ އޭނަ ދާން އުޅުމުން އެކަކަށްވެސް ނުހުއްޓުވުނު. އެއީ އަހަރުތަކެއް ކުރިން....މިހާރު އެ ވާހަކަ އަލުން ތި އެހީ ކީއްވެ؟"

"އެފަހުން އޭނަގެ ޚަބަރެއް ނުވޭތޯ؟" އައިޒަކް ޝައުގުވެރިވިއެވެ." ވެލް......ހޫމް..އެގޮތަށް ކޮންޓެކްޓް ކުރާހާ ގާތްކޮށެއް ނޫން އަހަރެން އުޅުނީ.. އޭނަ އެހާ ގާތްވާނީ ހަމައެކަނި ދަރިފުޅުގެ ކާފައާއި.." ޔަޒީދު އޭނަގެ ދަރިފުޅަށް ނަޒަރު ހުއްޓައިލިއެވެ." މަހުމޫދުގެ ވާހަކަ ތިހާވަރުން އޮޅުން ފިލުވަން އުޅެނީ ކީއްވެތަ؟"

"އޭނަ މިގޭގައި އުޅުނުއިރު އަޅުގަނޑަށް ވަރަށް ހެޔޮ. އެހެންވެ އެ ހަނދާންވިމަ ހިތަށް އެރީ ކޮންތާކުބާވައޭ އުޅޭނީ..." އައިޒަކް އެތަނުން ދާންވެގެން ތެދުވުނެވެ. އޭނަގެ ބައްޕައަށްވެސް މަހުމޫދުގެ ޚަބަރު އެނގުނުކަމަކަށް ނުވިއެވެ.

"އެކަމަކު އަހަރެމެންގެ ޚާދިމަކާއި ފުދޭވަރަކަށް ގާތްކޮށް އުޅުނީ.." ޔަޒީދު ކުއްލިއަކަށް ހަނދާންވިއެވެ." ފަހަރެއްގައި މަހުމޫދު އުޅޭތަނެއް އޭނައަށް އެނގުމަކީ ހަމަ އެކަށީގެންވާކަމެއް........"

"ކޮން ޚާދިމެއްތޯ؟"

"ސާމިރު....." ޔަޒީދު ޔަގީންކަމެއްނެތި ބުނެލިއެވެ." އެހާ ގުޅުން ވަރުގަދަކަމެއް ނޭގޭ. އެކަމަކު އެދެމީހުން އަނގަތަޅަން ވަރަށްތިބޭ.."

"ތޭންކްސް ޑޭޑް....ސޮރީ ބައްޕަގެ ފޮތްކިޔާ ގަޑީގައި އުދަގޫކުރެވުނީތީ....." އައިޒަކް އަދަބުވެރިކަމާއެކު ބުނެފައި އެތަނުން ނުކުތެވެ.

"ރަގަޅު ރޭގަނޑެއް ދަރިފުޅާ.."

އައިޒަކް ނުކުތްފަހުން ފޮތަށް ސަމާލުކަން ދޭން އޭނައަށް ފަސޭހައެއް ނުވިއެވެ.

***

ސިއެނާ ފުން ނޭވާއެއް ދޫކޮށްލިއެވެ." އަހަރެންގެ ބައްޕަ އެ ޕްރިންޓަރ އެކަހަލަ ގޯސްކަމެއް ގައި ބޭނުންކުރިއޭ ކިޔާފައި އަދި އެއްވެސް އެއްޗެކޭ ނުބުނޭ. ތޫފާން އައުމުގެ ކުރިން ހިމޭންކޮށް އޮތީއޭ އިހުސާސްވަނީ. ވަރަށް ހަމަޖެހިގެން ހުރީ. އެހެންވެ މިހާ ބޮޑަށް ހާސްވަނީ......."

"އައިޒަކް. އެބަ އަޑުއަހަންތަ؟" ސިއެނާ އައިޒަކްގެ މޫނުމަތީގައި ކުޝަންއަކުން ޖެހިއިރު އޭނަ މޭޒުގެ ވަތްގަނޑު ހުޅުވާލައިގެން ހާވާގޮތުން މުހިއްމު އެއްޗެއް ގެއްލިގެން އުޅޭކަން އެނގުނެވެ.

"ކޯނޗެއް ތި ހޯދަނީ؟" ސިއެނާ އެހިއެވެ.

"ކަރުދާސްގަނޑެއް..." އައިޒަކް އުއްމީދު ގެއްލިފައިވާ ގޮތަކަށް އަތް ހޫރައިލިއެވެ." އެ ގެއްލިއްޖެ..."

"ކޮން ކަރުދާހެއްތަ؟"

"މުހިއްމު އެޑްރެސް އެއް އެކަރުދާސްކޮޅުގައި ވޭ....." ކުއްލިއަކަށް ސިއެނާގެ މޫނަށް ނަޒަރު ހުއްޓާލުމާއެކު އޭނަގެ ހަދާނަށް އައީ އެ ޕޯސްޓަރެވެ.

"ކައިލްގެ ފޮޓޯ ޖަހާފައި ހެދި ޕޯސްޓަރުން އެއްޗެއް އެބައޮތްތަ؟" އޭނައަށް އެ ތަސްވީރުން ނޯރާ ނޭގުނީ ކީއްވެހެއްޔެވެ؟ ނޯރާ ވަޒީފާ އަދާކުރަނީ އެ ބޭކަރީގައެވެ.

"ވަޓް ވައި؟" ސިއެނާ ޝައުގުވެރިވިއެވެ.

" އައިމް ކްރޭވިން އެ ކޮފީ....." އައިޒަކް ބުނެލިއެވެ.

" ކޮފީއެއް ނަގަން މިލިއަން ތަންތަން އެބަހުރި. ތިގޭގެ ބަދިގެއިން ފެށިގެން...." ސިއެނާ ކަޅި ލޮލުގެ ތެރޭ ހިންގައިލިއެވެ.

"ހޭ ގެއަށް ނުދަނީތަ؟ އަހަރެން މެޗެއް ބަލަން އެބަޖެހޭ..." އައިޒަކް ވަގުތުން މައުޟޫ އަނބުރާލައިފިއެވެ. އޭނައަށް ޕެޓްރިކޯއަކީ ބޭކަރީއެއްކަން އެނގުމުން މަގު ދެނެގަންނަން އެނގެއެވެ.

"ހާދަ ފޫހިކަމެކޭ. ފިރިހެންކުދިން ފުޓްބޯޅަ ނޫން އެއްޗެއް ދެކެ ލައިކްވަންޏާ އަހަންނަށް ކިޔާދީބަލަ..." ސިއެނާގެ ޚިޔާލަށް ވަކި ފިރިހެންކުއްޖަކު ވެރިވިއެވެ.

"އަދިވެސް ކައިލްގެ މަތިން ހަނދާން ނުނެތެނީތަ؟ އަންހެންކުދިންގެ މޮޔަކަން....." އައިޒަކް ބުނެލިއެވެ.

"އޭ.....ތިމާއަށް ވުރެ ބޮޑުމީހަކަށް މޮޔައޭ ކިޔަނީ ކީއްވެ؟" ސިއެނާ ދެން އެއްލައިލި ކުޝަން އަމާޒަށް ވާސިލުނުވެ ޖެހުނީ ތަޅުންމަތީގައެވެ" އަހަންނަނީ ޓެކްނިކަލީ ޔޯ ސިސްއެކޭ. އަދިވެސް އަހަންނަށް ގަބޫލުނުކުރެވެނީ އަހަރެމެންނާއިއެކު ގްރޭޖުއޭޓްވީތީ..އެންމެ ސޯޅަ އަހަރު. ލައިފްލެސް ޅަ ކުއްޖެއްގެ ކޮން ކެރިއާ ޕްލޭނެއް އޮންނާނީ. އަލުން ސްކޫލަށް ދާން ފަށާ....."

"ތިއުޅެނީ ޖެލަސްވެގެން. އަހަރެން ޅަވެފައި ސްމާޓްވީމަ.." ފަޚުރުވެރިކަމާއި ހިތްހަމަޖެހުން އެކުލެވޭ ހިނިތުންވުމަކާއެކު އައިޒަކް ބުނެލިއެވެ.

"އަހަރެމެންނާއެކު ގްރޭޖުއޭޓް ވީ ސަބަބު ހަނދާންނެތުނީތަ؟ ކުޑައިރުވެސް ސްކޫލަށް ނުދާންވެގެން ބޮޑާ ހާކައި ރޮއި ދެފައިތަޅާ އުޅެންފެށީމަ އަދި ބައްޕަގެ ފްރެންޑެއްގެ ދަރިއަކަށްވީމަ އަހަރެންގެ ގްރޭޑަށް ލީ..ސަބަބަކީ އެކަނި ހުންނަން އައިޒަކްއަށް ނުކެރޭތީ. ހަމަ ކުޑަ މިނިއަންއެއް ހެން މަގޭ ފަހަތު އަބަދު ޖައްސާލާފައި އޭރު އުޅުނީ...." ސިއެނާ އެހެން ބުނެފައި ހެމުން އެތަނުން ނުކުތީ ބާލީހުގެ ހަމަލާއަކުން ސަލާމަތްވުމަށެވެ.

***

ޖެހިގެން އައި ދުވަހު އައިޒަކް ޕްޓެރިކޯ ހުރިތަން ހޯދައިގެން ނޯރާއައި ބައްދަލުކުރަން އެ ހިސާބަށް ދަތުރުކުރިއެވެ. ނޯރާގެ ނަޒަރުގައި އައިޒަކް އަޅައިގަތީ އެތަނުގެ ބޭރުގައި މަޑުކޮށްލައިގެން ހުއްޓައެވެ.

" އެ ސާވެންޓް ބުނީ ކީކޭ؟ ބައްޕަގެ ފަރާތުން ޚަބަރެއް އެނގުނުތަ؟" ނޯރާ އަހައިލީ އުއްމީދުން ފުރިގެންވާ ރާގަކަށެވެ. އައިޒަކް ބޯ ހޫރައިލުމުން ނޯރާގެ މޫނުގެ ކުލަ ވަގުތުން ފަނޑުވެގެން ދިޔައީ ހަނދަށް އެޅުނު ވިލާކޮޅެއްފަދައިންނެވެ.

"އޭނައަށްވެސް ނޯރާގެ ބައްޕަ ފެނުނީ ވަޒީފާއިން ކެނޑިގެން ގެ ދޫކޮށް ދިޔަ ވަގުތުގައި ކަމަށްވަނީ. އޭގެ ފަހުން ދިމާނުވާކަމަށް ވަނީ. އަދި ނޯރާގެ ބައްޕަގެ ހިތްހެޔޮކަމާ އެންމެނާއި ގުޅިގެން އުޅުމުގެ ސަބަބުން އެންމެންގެ ހިތްތަކުގައި ލޯތްބާއި ގަދަރު ވޭ. އެއްވެސް މީހަކާއި މައްސަލައެއްވެސް ނުޖެހޭ..."

" ބައްޕައާއި ސުވާލުކުރީތީ ވަރަށް ބޮޑަށް ތޭންކްސް އައިޒަކް.." ނޯރާ މޮޅިވެރި ހިނިތުންވުމަކާއެކު ކިޔާލިއެވެ." ތި އާއިލާއަކީ އަހަރެންގެ ހަމައެކަނި އުއްމީދު.. ބައްޕަ ދަންނަ އެހެން މީހަކުވެސް ނޭގޭ އަދި ބައްޕަ ދާނެ ތަނެއްވެސް ވިސްނުމަކަށް ނާދޭ.. މުޅި އުމުރުގައިވެސް ބައްޕަ ހަމައެކަނި ވިންޓަރފެލްގައި މަސައްކަތްކުރިތަން ދެކެފައިވަނީ.."

"އަހަންނަށް ޔަގީން އަދި ނޯރާގެ ބައްޕަ އެނބުރި އަންނާނެ.." ނޯރާގެ ހިތްހަމަޖައްސައިލަދޭން ވެގެން އައިޒަކް ބުނާނެ އިތުރު އެއްޗެއް ނެތެވެ.

"ބައްޕަ އެކަން ކުރަން ފަސް އަހަރު ލިބުނު..."ނޯރާ އުޑާއި ދިމާލަށް މައްޗަށް ބަލަން ފެށީ ހިތަށް ނާރާ ހުއްޓާ ކަރުނަތައް ލޮލުގައި ގިނަވެގަތުމުންނެވެ.

"ހޭއި އެއީ ކާކުތަ؟" މިކާލް ސުވާލު އަމާޒުވީ ކައިލްއަށެވެ." ހީވާ ގޮތުން ނޯރާ ދަންނަ މީހެއް..އަދި އަހަންނަށް ވެސް އެމީހަކު ދެކުނު ހަނދާނެއްވޭ."

މިކާލް ލޯ ހަނިކޮށްލިއެވެ."އަހަރެމެން ކްލާހުގައި އުޅުނު ފިރިހެންކުއްޖާއެއް ނޫންތަ؟"

"ކޮފީ ޖަގަށް ފޯކަސްކޮށްބަލަ. ފުރިގެން ތި ބަންޑުންވަނީނު" މިކާލް ކޮފީ އަޅަން ހުރި ޖަގަށް ނަޒަރު ހިންގައިލަމުން އޭނަ ބުނެލިއެވެ. ފުރަތަމަ އައީ ސިއެނާއެވެ. މިހާރު އައިޒަކްއެވެ. ކްލާސް ހުރިހާ އެންމެން އޭނަގެ ޖަގަހައަށް އަންނަނީ ހެއްޔެވެ؟

"އެއީ ނޯރާ ޑޭޓްކުރާ ކުއްޖާތަ؟ އަހަންނަށް މިކަން ގަބޫލެއް ނުކުރެވޭ. އަހަރެން ހީކުރީ ނޯރާއާއި ކައިލް....." މިކާލް ފަށާފައިވެސް ކައިލްގެ ލޯ ފެނި ހުއްޓައިލިއެވެ. އަދި ކަރުކެހިލައިފިއެވެ." ކަލޭމެން ދެމީހުން ތިއުޅެނީވެސް އެއް ގެއެއްގައި...."

މިކާލް ފަހު ޖުމްލަ ބުނެލީ މަޖާ ހިނިތުންވުމަކާއެކުގައެވެ.

"އިސްހާގު ވަރަށް ގިނަ މީހުންނަށް ކޮޓަރިތައް ކުއްޔަށް ދޭ. އޭގެ މާނައަކީ އޭނަ ދިރިއުޅެނީ އެތައް ބަޔަކާއެކުގައޭ ތަ؟"ކައިލް ސުވާލުކުރިއެވެ.

"އެއީ ވިޔަފާރި. މުޅިން ތަފާތުކަމެއް.." މިކާލް ބޯ ހޫރުވައިލިއެވެ.

"އަހަންނާއި އެ އަންހެންކުއްޖާގެވެސް އޮތީ ހަމަ އެގުޅުން.އެކުއްޖާ ކުލި ދައްކާ. އަހަރެންގެ މާމަ ބަލަހައްޓާދޭތީ އަހަރެން މުސާރަދެން." އެއްވެސް ޝައްކެއް ނުކުރެވޭވަރަށް ކައިލް ބުނެދިނެވެ. މިކާލްގެ ބޮލުގައި އެއޮތް އެއްޗަކާއިމެދު އޭނަގެ ހިތް މުޅިން ދެކޮޅެވެ. އައިޒަކް އެތަނުން ނުކުތީ ކޮފީއާއި ފޮނި ޕާން ހިފައިގެންނެވެ. އައިޒަކް ދިޔުމުން ނޯރާ ޖެހި ބުދެއްހެން ހިމޭނުން ހުއްޓެވެ. ދެން ކައުންޓަރާއި ދިމާލަށް ހިނގައިގަތީ ހުވަފެނެއްގައި ހުރި ކުއްޖެއް ފަދައިންނެވެ. އެއާއެކު މިކާލްއާއި ކައިލްއަށް ފެނުނީ ކުއްލިއަކަށް ނޯރާ އަރިއަޅައިލަން އުޅުނުތަނެވެ. ހީވީ އަނބުރައިގެން ވެއްޓެނީހެންނެވެ. ދެން އެމީހުން ހައިރާންކުރުވާފައި ހުރިތަނަށް ތިރިވެ ނޯރާ ގިސްލާފައި ރޯންފެށިއެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު