ޓިކެޓް ވިއްކަން ފަށައިފި، ޓިކެޓް ކިޔޫ އައިޖީއެމްއެޗާ ހަމައަށް!

އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއާއި އިންޑިއާ ވާދަ ކުރާ މެޗުގެ ޓިކެޓު ގަތުމަށް ކިޔޫ ދަމައިލައިފައި -- ފޮޓޯ// އާލިމް އަބްދުއްލަތީފް

އުރީދޫ ސާފްޗެމްޕިއަންޝިޕްގައި ރާއްޖެއާއި އިންޑިއާ ވާދަ ކުރާ މެޗަށް ޓިކެޓް ގަތުމަށް އައިޖީއެމްއެޗާ ހަމައަަށް ކިޔޫ ދަމައިލައިފިއެވެ.

ޓިކެޓް ގަތުމަށް ސޯޝަލް ސެންޓަރު ކައިރިން ދެ ފަޅިއަށް ވަނީ ކިޔޫ ހަދައިފައެވެ. އެގޮތުން އިރުމަތީ ފަޅިން ހަދައިފައިވާ ކިޔޫ ވެސް އަދި ހުޅަނގު ފަޅިން ހަދައިފައިވާ ކިޔޫ ވެސް ވަނީ އައިޖީއެމްއެޗާ ހަމައަށް އައިސްފައެވެ.

މިއަދުގެ ޓިކެޓް ވިއްކުން ފަށައިފައިވަނީ 10:00ގައެވެ. ޔޫތު މިނިސްޓްރީން އިއްޔެ ބުނެފައިވާ ގޮތުގައި ސޯޝަލް ސެންޓަރު ތެރޭގައި ކިޔޫ ހެދޭނީ 9:30ގެ ފަހުންނެވެ. އެހެން ނަމަވެސް ރޭ 11:30އިން ސުރެ ޓިކެޓް ކިޔޫ ވަނީ ސޯޝަލް ސެންޓަރު ބޭރުގައި ހަދަން ފަށައިފައެވެ.

އެ ސަރަހައްދުގައި ކިޔޫ ހެދި މީހުންނާ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވަނީ ރޭ ބައްދަލު ކުރައްވައިފައެވެ. އެހެން ނަމަވެސް އެ މީހުން ބުނެފައިވަނީ އެމީހުން އެތަނުގައި ތިބީ ވަރަށް އުފަލުން ކަމަށެވެ. އަދި 9:30އަށް މަޑުކޮށްފި ނަމަ ޓިކެޓް ލިބޭނެ ކަމުގެ ޔަގީންކަން ނެތް ކަމަށް ވެސް އެމީހުން ބުނެފައިވެއެވެ.

ސަޕޯޓަރުންނަށް ވިއްކަން ހަމަޖެހިފައިވަނީ 3000 ޓިކެޓެވެ. ގަލޮޅު ދަނޑުގެ މިހާރުގެ ކެޕޭސިޓީއަކީ ކޮވިޑާ ގުޅިގެން މިހާރު 5000 މީހުންނެވެ. އަދި އަދަދު އެވަރަށް މަދުވެފައިވަނީ ދަނޑުގެ ދެކުނު ފަރާތަށް މީހުން ނުވައްދާތީއާ ވެސް އެކުގައެވެ. ކޮންމެ މީހަކަށް ވެސް ވިއްކާނީ ދެ ޓިކެޓެވެ.

ސާފްޗެމްޕިއަންޝިޕްގެ ލީގު ބުރުގައި އިތުރަށް އޮތީ ދެ މެޗެވެ. އެއީ ބުދަ ދުވަހު ހަވީރު ބަނގްލަދޭޝާއި ނޭޕާލް ވާދަކުރާ މެޗާއި އެ ރޭ ރާއްޖެއާއި އިންޑިއާ ވާދަ ކުރާ މެެޗެވެ.

comment ކޮމެންޓް