އެޗްއާރްސީއެމްގެ ރައީސަކަށް މުނާ އައްޔަންކުރަން ހުށަހަޅައިފި

މ.ބާރަނާގެ، މަރިޔަމް މުނާ ---- ފޮޓޯ: ރައީސް އޮފީސް

ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް)ގެ ރައީސްކަމަށް އެ ކޮމިޝަންގެ މެންބަރު މަރިޔަމް މުނާ އައްޔަންކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

ރައީސަކަށް މުނާ އައްޔަންކުރަން ފޮނުއްވެވިއިރު، ނައިބު ރައީސަކަށް ފޮނުއްވައިފައިވަނީ އެ ކޮމިޓީގެ މެންބަރު ޑރ. އަހުމަދު އަދުހަމް އަބްދުﷲގެ ނަންފުޅެވެ.

އެޗްއާރްސީއެމަށް ރައީސަކާއި ނައިބު ރައީސަކު އައްޔަންކުރަން ޖެހެނީ ރައީސް ހުށަހަޅުއްވާ ނަންތަކަށް މަޖިލީހުން ރުހުންދީގެންނެވެ.

ރައީސްގެ މަގާމަށް އައްޔަން ކުރަން ފޮނުވައިފައިވާ މުނާއަކީ މީގެ ކުރިން ވަޒީފާ އާ ބެހޭ ޓްރައިބިއުނަލްގެ މެންބަރެކެވެ. އޭނާ އެ މަގާމުން ވަކިކޮށްފައިވަނީ 2018 ވަނަ އަހަރުގެ ތެރޭގައެވެ.

ޓްރައިބިއުނަލް އަށް މުނާ އައްޔަނު ކުރެއްވީ 2014 ވަނަ އަހަރުއެވެ. އޭގެ ކުރިން މުނާ ވަނީ ސަރުކާރުގެ ގިނަ މަގާމުތަކެއް އަދާ ކުރައްވައިފައެވެ. އެގޮތުން 1997 ވަނަ އަހަރުން ފެށިގެން 2012 ޖުލައި ގެނިޔަލަށް މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގައި މަސައްކަތްކުރައްވާފައިވެއެވެ. މީގެ އިތުރުން ޑިފެންސް އެންޑް ނެޝެނަލް ސެކިއުރިޓީގެ އެކްޓިން ޕަމަނަންޓް ސެކްރެޓަރީ ގެ މަގާމާއި އެސިސްޓެންޓް ޑިރެކްޓާގެ މަގާމާއި، ހަމަ އެމިނިސްޓްރީގެ ސީނިއާ ސެކްރެޓްރީ އަދި ސެކްރެޓްރީގެ މަގާމު ވެސް މުނާ ވަނީ އަދާ ކުރައްވައިފައެވެ.

މީގެ އިތުރުން 2012 އޯގަސްޓް އިން އޮގަސްޓް 26، 2014އާ ހަމައަށް ޕޮލިސް އިންޓްގްރިޓީ ކޮމިޝަންގެ ޑިރެކްޓާ އޮފް އޮޕަރޭޝަންސްގެ މަގާމު މުނާ ވަނީ އަދާކުރައްވައިފައެވެ.

މުނާ ވަނީ އޮސްޓްރޭލިއާގެ އެޑިތް ކޮވާން ޔުނިވާސިޓީން މާސްޓާސް އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލް ކުރައްވާފައިއެވެ. އަދި މުނާ ވަނީ މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީން ޑިޕްލޮމާ އިން މެނޭޖްމެންޓް ވެސް ހާސިލް ކުރައްވައިފައެވެ.

އެޗްއާރްސީއެމްގެ ރައީސްއާއި ނައިބު ރައީސްގެ ގޮނޑި ހުސްވިތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު، އެ މަގާމުތަކަށް ބޭފުޅަކު އައްޔަން ނުކުރެވި އޮތީ މަޖިލީހުގެ މެންބަރުން ހަމަނުވުމުގެ ސަބަބުންނެވެ. ނަމަވެސް މި މަހުގެ ތިން ވަނަ ދުވަހު އެ ކޮމިޝަންގެ މެންބަރު ކަމަށް ސަމާއު އަހުމަދު ނަޖީބު އައްޔަންކުރުމާއެކު ކޮމިޝަންގެ ފަސް މެންބަރުން ވަނީ ހަމަވެފައެވެ.

އެޗްއާރުސީއެމްގައި މިހާރު ތިއްބަވަނީ މުނާ އާއި ސަމާއުގެ އިތުރުން އާމިނަތު ޝަފާއަތު އަބްދުއްރައްޒާގާއި, މުއުމިނާ ވަހީދު އާއި ޑރ. އަހުމަދު އަދުހަމް އަބްދުﷲ އެވެ.

comment ކޮމެންޓް