"ރާއްޖެއަކީ ދެމެހެއްޓެނިވި ފަތުރުވެރިކަމެއް ތަރައްގީ ކުރުމަށް ވަރަށް އެކަށޭނަ މަންޒިލެއް"

ވަރލްޑް ޓޫރިޒަމް އޯގަނައިޒޭޝަންގެ ސެކްރެޓަރީ ޖެނެރަލް ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް

ރާއްޖެއަކީ ކުޑަ ގައުމެއް ކަމުގައިވިޔަސް، ރާއްޖެއަކީ ދެމެހެއްޓެނިވި ފަތުރުވެރިކަމެއް ތަރައްގީ ކުރުމަށް ވަރަށް އެކަށޭނަ މަންޒިލެއް ކަމަށް، އދ.ގެ ފަތުރުވެރިކަމާ ބެހޭ ޖަމްއިއްޔާ، ވަރލްޑް ޓޫރިޒަމް އޯގަނައިޒޭޝަން (ޔޫއެންޑަބްލިއުޓީއޯ)ގެ ސެކްރެޓަރީ ޖެނެރަލް ޒުރަބް ޕޮލޮލިކަޝްވިލި ވިދާޅުވެއްޖެއެވެ.

އޭނާ މި މޭރުމުން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ އަރިހަށް ކުރެއްވި އިހްތިރާމުގެ ޒިޔާރަތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

މި ބައްދަލުކުރެއްވުން އޮތީ، މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލު ކުރެއްވުމުގައި ޒުރަބް ޕޮލޮލިކަޝްވިލި ވަނީ ޓޫރިޒަމް ތަރައްގީ ކުރުމުގައި ދިވެހިރާއްޖެއިން ކޮށްފައިވާ މަސައްކަތްތަކަށް ތަޢުރީފު ކުރައްވާފައެވެ. އެގޮތުން ކޯވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ވެސް ދުނިޔެއަށް ޓޫރިޒަމަށް ހުޅުވާލި އަވަސްމިނާއި އެކަމުގައި ރާއްޖެއިން ގެންގުޅެފައިވާ ސިޔާސަތަށް އެ މަނިކުފާނު ތައުރީފު ކުރައްވާ ވާހަކަފުޅު ދައްކަވާފައިވެއެވެ.

އެ މަނިކުފާނުގެ ވާހަކަފުޅުގައި، ޓޫރިޒަމް ކުރިއެރުވުމަށް ކުރެވިދާނެ ކަންކަމުގެ މައްޗަށް އަލިއަޅުވާލައްވާ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވަނީ ޔޫ.އެން.ޑަބްލިއު.ޓީ.އޯގެ ފަރާތުން ރާއްޖޭގެ ފަތުރުވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީ ކުރުމަށް ވެދެވެންހުރި އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެ ކަމުގައި ވިދާޅުވެފައެވެ.

ޒުރަބް ޕޮލޮލިކަޝްވިލިގެ މި ޒިޔާރަތުގައި، ދެ ބޭފުޅުން ވަނީ ފަތުރުވެރިކަން ދެމެހެއްޓެނިވި ގޮތަކަށް ބައްޓަންކުރުމަށް ޓަކައި މުސްތަގްބަލުގައި ކުރެވެންހުރި ކަންކަމުގައި ގުޅިގެން މަސައްކަތް ކުރެއްވުމަށް އެއްބަސްވެވަޑައިގެންފައެވެ.

މި ބައްދަލުކުރެއްވުމުގައި، މިނިސްޓަރ އޮފް ޓޫރިޒަމް ޑރ. ޢަބްދުﷲ މައުސޫމްގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެކްރެޓަރީ ފޮރިން ރިލޭޝަންސް އިބްރާހީމް ހޫދު ބައިވެރިވެ ވަޑައިގެންފައިވެއެވެ.

comment ކޮމެންޓް