ހުޅުމާލޭގައި އަލަށް ހުޅުވާ ޕްރީސްކޫލުން ޖާގަ ދޫކުރަން ފަށައިިފި

ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި އަލަށް ހުޅުވާ "މުހައްމަދު ގާސިމް" ޕްރީސްކޫލް -- ސަން ފޮޓޯ

ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި އަލަށް ހުޅުވާ "މުހައްމަދު ގާސިމް" ޕްރީސްކޫލަށް ވަންނަން ބޭނުންވާ ކުދިން އެ ސްކޫލަށް ވެއްދުމަށް ޖާގަ ހޯދުމުގެ ފުރުސަތު އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލައިފިއެވެ.

ސްކޫލަށް ކުދިން ވެއްދުމަށް ޖާގަ ހޯދުމުގެ ފުރުސަތު ހުޅުވާލައިފައިވަނީ މިއަދެވެ. އެގޮތުން ފުރުސަތު ހުޅުވާލައިފައިވަނީ އެލްކޭޖީ އަދި ޔޫކޭޖީއަށް ވަންނަން ބޭނުންވާ ދަރިވަރުންނަށެވެ. މިނިސްޓްރީން ބުނީ https://myoffice.moe.gov.mv/forms/id/2 މެދުވެރިކޮށް ފޯމް ހުށަހެޅޭނެކަމަށެވެ.

ޖުމްލަ 750 ކުދިންގެ ޖާގައިގެ މި ސްކޫލުގައި ކިޔަވައިދިނުމުގެ މަސައްކަތްކުރާނީ 20 ޓީޗަރުންނެވެ. އެ ސްކޫލުގައި 10 ކުލާސްރޫމް ހުންނާނެއެވެ.

މި ޕްރީސްކޫލަކީ ރާއްޖޭގައި އެންމެ ފުރަތަމަ ފަހަރަށް ހިންގަން ފަށާނެ ސަރުކާރު ޕްރީސްކޫލެވެ. މި ސްކޫލް ހުޅުވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 24ވަނަ ދުވަހެވެ. މި ސްކޫލަކީ ހުޅުމާލޭ އޯޓިޒަމް އެސޯސިއޭޝަންއާ އިންވެގެން ހުރި އިމާރާތުގައި ހިންގާ ޕްރީސްކޫލެކެވެ.

comment ކޮމެންޓް