ޓެކްނޮލޮޖީގެ ސަބަބުން އަންހެން ކުދިންނަށް ކުރިމަތިވާ ގޮންޖެހުންތަކުން ރައްކާތެރިކުރަން ޖެހޭ: ޖެންޑާ މިނިސްޓްރީ

މާޗް 22، 2020: ރޭއްޖޭގައި ވެސް ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން ރައްކާތެރިވުމަށް ފޭސް މާސްކު އެޅުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ތަރައްގީވަމުން އަންނަ ޒަމާނާއެކު ޓެކްނޮލޮޖީގެ ސަބަބުން އަންހެން ކުދިންނަށް އެތައް ގޮންޖެހުންތަކަކާއި ނުރައްކާތައް ކުރިމަތިވާއިރު އެ ކުދިންނަށް އެ ގޮންޖެހުންތަކުން އަރައިގަނެވޭނެ މަގެއް ފަހިވެފައި އޮތުމަކީ މުހިންމު ކަމެއްކަމަށް ޖެންޑާ މިނިސްޓްރީން ބުނެފިއެވެ.

ބައިނަލްއަގްވާމީ އަންހެން ކުދިންގެ ދުވަހާ ގުޅިގެން އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މިއަދު ކުރާ ގިނަ ކަންތައްތަކެއް ކުރަމުން އަންނަނީ ޓެކްނޮލިޖީގެ އެހީގައިކަމަށެވެ. އަދި އެއާއެކު ލިބުނު ފައިދާތަކެއް ހުރި ނަމަވެސް ހާއްސަ ގޮތެއްގައި އަންހެން ކުދިންނަށް ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހޭކަމަށެވެ.

"ޓެކްނޮލޮޖީއަށް ބަރޯސާވެ މަސައްކަތްކުރަމުންދާ ދުނިޔެއެެއްގައި، ކުޑަކުދިންނަށް ދިމާވާ ގޮންޖެހުންތަކަށް ރިއާޔަތްކޮށް އެކަމާ މެދު ފިޔަވަޅު އެޅުމުގެ މުހިންމުކަން ކުދިންނާއި މުޖުތަމައުގެ ސަމާލުކަމަށް ގެންނަން މިއަދު މިވަނީ ޖެހިފައެވެ،" ބަޔާނުގައި ބުންޏެވެ.

މިނިސްޓްރީން ބުނީ އެ މިނިސްޓްރީގެ އަމާޒަކީ ކޮމްޕިއުޓަރު ޓެކްނޮލޮޖީއަށް އަންހެން ކުދިން އަހުލުވެރިކުރުންކަމަށެވެ. އަދި ޓެކްނޮލޮޖީގެ ވަސީލަތްތަކުގެ އެހީގައި ކާމިޔާބު ހޯދޭނެ ފެންވަރުގެ ކުދިންތަކަކަށް އެ ކުދިން ހެދުން ކަމަށެވެ.

މީގެ އިތުރުން އަންހެން ކުދިންނަށް ހަމަހަމަ ފުރުސަތުތައް ހޯދައިދީ، ޓެކްނޮލޮޖީގެ ވަސީލަތްތަކާއި އެ ކުދިން ގްރޫމް ކުރުން ފަދަ ކަންކަމާ މެދު ހޭލުންތެރިކުރުވުން މުހިންމުކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ބައިނަލްއަގްވާމީ އަންހެން ކުދިންގެ ދުވަސް މިއަދު ފާހަގަކުރާއިރު ދުވަހުގެ ޝިއާރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ "ޑިޖިޓަލް ޖެނެރޭޝަން، އަވާ ޖެނެރޭޝަން" މި ޝިއާރެވެ.

އިންޓަނެޓުގެ ޒަރީއާއިން ހިންގާ ސައިބާ ކްރައިމްގެ މައްސަލަތައް މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް 63 އިންސައްތަ އިތުރުވެފައިވާ ކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފައެވެ.

ސައިބާ ކްރައިމް އަދި ބްލެކްމެއިލްގެ މައްސަލަތައް ބޮޑަށް އަމާޒުވެފައި ހުންނަނީ އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ މީހުންނަށްކަމަށް ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުގެ ސަބް އިންސްޕެކްޓާ އޮފް ޕޮލިސް އައިމިނަތު މުހައްމަދު ވަނީ ވިދާޅުވެފައެވެ. އަދި އެ ފަދަ މައްސަލަތައް ހުށަހެޅޭ އަންހެނުންގެ ނިސްބަތް އިތުރުކަމަށް ވެސް ވިދާޅުވެފައިވެއެވެ.

"މީގެ ތެރޭގައި އަންހެން ފިރިހެން ބަލައިލާއިރު، އަންހެނުންނަށް ވުރެ ފިރިހެނުން މައްސަލަ ހުށަހަޅާލެއް ވަރަށް މަދު. އަންހެނުންގެ ނިސްބަތުން ބަލައިލާއިރު. ގިނަ މައްސަލަތަކުގަ އަންހެން ކުދިން ވިކްޓިމް އަކަށް ވެފައި މި ހުންނަނީ، ދެން ވިކްޓިމް ފިރިހެނުން، އަނިޔާ ލިބޭ ފިރިހެނުން މައްސަލަ ހުށަހަޅާލެއް ވަރަށް މަދު،" އައިމިނަތު ވިދާޅުވިއެވެ.

comment ކޮމެންޓް