އުނގޫފާރުގައި އިސްލާމިކް ސެންޓަރު ނުހުޅުވާހުރެ ހަލާކުވާތީ ރައްޔިތުންގެ ކަންބޮޑުވުން

އުނގޫފާރު އިސްލާމިކް މަރުކަޒު -- ސަންފޮޓޯ

ރައީސް ޔާމީނުގެ ސަރުކާރުގައި ރ.އުނގޫފާރުގައި އިމާރާތް ކުރި އިސްލާމިކް ސެންޓަރު ދެ އަހަރުވީ އިރު ވެސް ނުހުޅުވާ ހުންނާތީ، އެ ރަށު ރައްޔިތުންގެ ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އުނގޫފާރު ކައުންސިލްގެ ނައިބު ރައީސް ޔޫޝައު ނަސީމް މިއަދު "ސަން"އަށް ވިދާޅުވީ އެރަށު ރައްޔިތުން ތިބީ އިސްލާމިކް ސެންޓަރުގެ ހިދުމަތް ހޯދަން ވަރަށް ބޭނުންވެފައި ކަމަށާއި އެތަން ހުޅުވުން ލަސްވުމުގެ ސަބަބުން ޝަކުވާތައް ކައުންސިލަށް ހުށަހަޅާ ކަމަށެވެ.

"އެތަން އަޅާފަ ހުރި ގޮތަށް އަދި ނުހުޅުވިގެން މިދަނީ. މިހާރު ދެ އަހަރު ވެއްޖެ އެހެން ހުންނަތާ. ހުޅުވުން ލަސްވާތީ ވަރަށް ގިނަ ރައްޔިތުން ތަކެއް ޝަކުވާ ކުރޭ. ރައްޔިތުން ބޭނުން ވަނީ ވީހާ ވެސް އަވަހަކަށް އިސްލާމިކް ސެންޓަރު ހުޅުވަން،" ޔޫޝައު ވިދާޅުވިއެވެ.

ޖުމުލަ 1775 މީހުންގެ އާބާދީ އޮންނަ އުނގޫފާރަކީ އެ އަތޮޅުގެ ވެރިކަން ކުރާ ރަށް ކަމަށްވުމާއެކު އެ ރަށަށް ކޮންމެ ދުވަހަކު ހެނދުނު އަށަކާއި ތިނަކާއި ދެމެދު ހަތްސަތޭކައަށް ވުރެ ގިނަ މީހުން އަރާފައިބައެވެ. އެހެންކަމުން އިސްލާމިކް ސެންޓަރުގެ ހިދުމަތް ވީހާ ވެސް އަވަހަށް ފޯރުކޮށްދޭން ކައުންސިލުން ބޭނުންވާ ކަމަށް ޔޫޝައު ވިދާޅުވިއެވެ.

ޔޫޝައު އިތުރަށް ވިދާޅުވީ އިސްލާމިކް މިނިސްޓްރީން އެ ތަން އަދި ކައުންސިލާ ހަވާލު ނުކުރުމުގެ ސަބަބުން ކައުންސިލަށް އެ އިމާރާތް ބަލަހައްޓަން ފެށިފައި ނުވާ ކަމަށެވެ.

"އަޅުގަނޑުމެނަށް އަދި އެ ތަން ހަވާލެއް ނުކުރޭ. ހަވާލު ކުރީމަ އަޅުގަނޑުމެނަށް މީހަކު ނަގައިގެން ބަލަހައްޓަން ފެށޭނީ ވެސް. އެހެންނަމަވެސް އޮފީސް ބަލަހައްޓަމުން ދާ މުވައްޒަފުން ގާތު ބުނަން އެތަން ކޮންމެވެސް ވަރަކަށް މޮނިޓާ ކުރުމަށް،" ޔޫޝައު ވިދާޅުވިއެވެ.

އެ އިސްލާމިކް ސެންޓަރަކީ ޖުމުލަ އެއްހާސް މީހުންގެ ޖާގައިގެ މިސްކިތާއި ހަތަރު ސަތޭކަ މީހުން ޖަލްސާ ކުރެވޭ މާލަމަކާއި ހަތަރު ކުލާސްރޫމް ހިމެނޭ ގޮތަށް އިމާރާތް ކޮށްފައި ހުރި ތަނެކެވެ. އެ ތަން ހުޅުވުން ލަސްވުމަށް މީގެ ކުރިން ދިމާވި މައްސަލައަކީ ކޮވިޑުގެ ހާލަތުގެ ސަބަބުން ކަމަށް ކައުންސިލަށް މައުލޫމާތު ލިބިފައިވާ ކަމަށް ޔޫޝައު ވިދާޅުވިއެވެ.

"ކޮވިޑާ ގުޅިގެން އެތަނަށް ބޭނުންވާ ފަރުނީޗަރު އައުން ލަސްވި. ފަރުނީޗަރު ނާންނަނިސް ނުހުޅުވަން އަޅުގަނޑުމެން ބޭނުންވީ. އެއްކޮށް ހުރިހާ މަސައްކަތެއް ނިންމާފައި ހުޅުވަން ބޭނުންވީ،" ޔޫޝައު ވިދާޅުވިއެވެ.

ޑރ.އަފްރާޝިމް އަލީގެ ހަނދާނުގައި އުނގޫފާރުގައި ބިނާކުރި އިސްލާމިކް ސެންޓަރު ހުންނަނީ އެރަށުގެ ބަނދަރުގައި ކަމަށްވުުމާއެކު، އެތަނުގެ ދޮރުތަކުގެ ތަޅަށް ލޮނުގެ އަސަރު ފޯރުމުގެ ސަބަބުން ވަނީ ދަބަރު ޖަހާފައެވެ. ހަމައެއާއެކު، އެނޫންވެސް ގޮތްގޮތުން ވަރަށް ބޮޑަށް އެތަނަށް ގެއްލުންތަކެއް ވަނީ ވެފައެވެ.

އުނގޫފާރު ކައުންސިލުގެ ރައީސް އަބްދުﷲ ރަޝީދު މިއަދު "ސަން"އަށް ވިދާޅުވީ އެރަށަކީ ވަރަށް ގިނަ މީހުން އަންނަ ރަށަކަށް ވުމާއެކު މިސްކިތުގެ ހިދުމަތް ބޭނުންވާ ކަމަށެވެ.

"މިރަށަކީ ވަރަށް ގިނަ ބިދޭސީން އަންނަ ރަށަކަށް ވުމާއެކު މިސްކިތުގެ ޖާގައިގެ ދަތިކަން ވަރަށް ބޮޑު. އިސްލާމިކް ސެންޓަރު ހުޅުވުމާއެކު އަޅުގަނޑުމެން ހުކުރު ނަމާދު ކުރުމަށް ވަރަށް ބޮޑަށް ފަސޭހަ ވެގެންދާނެ،" ރަޝީދު ވިދާޅުވިއެވެ.

ރަޝީދު އިތުރަށް ވިދާޅުވީ މިދިޔަ މަހުގައި އިސްލާމިކް މިނިސްޓަރު އަހުމަދު ޒާހިރާ ބައްދަލު ކުރެއްވުމުން މިއަންނަ މަހުގެ 15 ވަނަ ދުވަހު މިސްކިތަށް ބޭނުންވާ ހުރިހާ ފަރުނީޗަރެއް ދޭނެ ކަމަށް ވިދާޅުވި ކަމަށެވެ.

ކައުންސިލުން ބުނީ އިސްލާމިކް ސެންޓަރުން ވަރަށް ބޮދެތި ފަސޭހަތަކެއް ވާނެ ކަމަށެވެ. އެގޮތުން އެތަނުގައިގާރީ ކޯސް ހިންގުމުގެ އިތުރުން ދީނީ އިލްމު އުނގަންނައިދޭ އެކި ކޯސްތަކާއި ކުލާސްތައް ނަގައިދިނުމަކީ ރައްޔިތުންނަށް ލިބިގެންދާނެ ކުރިއެރުމެއް ކަމަށް ކައުންސިލުން ބުންޏެވެ.

އުނގޫފާރުގެ ރައްޔިތުން ތިބީ އިސްލާމިކް ސެންޓަރު ހުޅުވޭނެ ދުވަހެއްގެ އިންތިޒާރުގައެވެ. އެރަށު ރައްޔިތުންގެ އިތުރުން ރަށަށް ޒިޔާރާތް ކުރާ އެހެން މީހުން ވެސް އަންނަނީ އިސްލާމިކް ސެންޓަރަށް ގެއްލުންވެފައި ހުރުމުގެ ސަބަބުން ފާޑު ކިޔަމުންނެވެ.

comment ކޮމެންޓް