މެލޭޝިއާގައި ކޮވިޑް ކޮންޓްރޯލް ވުމުން ހަރުކަށި ފިޔަވަޅުތަކަށް ބޮޑެތި ލުއިތަކެއް ދީފި

މެލޭޝިއާގެ ބޮޑުވަޒީރު ގައުމާ މުޚާތަބު ކުރައްވަނީ

ކުއާލަލަންޕޫރު (އޮކްޓޯބަރު 11) : ކޮވިޑް-19 އާ ދެކޮޅަށް ހިންގާ ވެކްސިން ޕްރޮގްރާމް ކާމިޔާބުކަމާއެކު ކުރިޔަށްދާތީ ކޮވިޑް ޖެހޭ މީހުންގެ އަދަދު މެލޭޝިއާގައި މިހާރު ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިއްޖެކަން އެގައުމުން ހާމަކޮށްފިއެވެ.

މެލޭޝިއާގެ ރަސްމީ ޓީވީ މެދުވެރިކޮށް ރައްޔިތުންނާ މުޚާތަބު ކުރައްވަމުން އެގައުމުގެ ބޮޑުވަޒިރު އިސްމާއީލް ސަބްރީ ބިން ޔައުގޫބު ވިދާޅުވީ ކޮވިޑް-19 އާ ދެކޮޅަށް ހިންގާ ވެކްސިން ޕްރޮގްރާމުގެ ދަށުން މެލޭޝިއާގެ އާބާދީގައި ހިމެނޭ ބޮޑެތި މީހުންގެ ތެރެއިން ގާތްގަނޑަކަށް 74 އިންސައްތަ މީހުންނަށް މަދުވެގެން ކޮވިޑް ވެކްސިންގެ އެއް ޑޯޒު މިހާރު ދެވިފައިވާ ކަމަށާ ގާތްގަނޑަކަށް 65 އިންސައްތަ މީހުންނަށް ދެޑޯޒު ދެވިފައިވާ ކަމުގައެވެ.

މިއާއެކު މެލޭޝިއާގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު ދަށްވުމާ ގުޅިގެން ކޮވިޑް އާ ދެކޮޅަށް އެގައުމުން ތަންފީޒު ކުރަމުން ދިޔަ ހަރުކަށި ފިޔަވަޅުތަކަށް ބޮޑެތި ލުއިތަކެއް ދިންކަންވެސް ބޮޑުވަޒިރު އިސްމާއީލް ސަބްރީ ވަނީ އިއުލާން ކުރައްވާފައެވެ.

މި ލުއިތަކުގެ ތެރޭގައި މިއަދުން ފެށިގެން މެލޭޝިއާގައި އެތެރެއާއި ބޭރުގެ ވައިގެ ދަތުރުތައް އަލުން ފެށުމާއި ވިޔަފާރިތައް އަލުން ކުރިޔަށް ގެންދިޔުމުގެ ފުރުސަތު ދިނުން ހިމެނެއެވެ. މީގެއިތުރުން މުވައްޒަފުން އޮފީސްތަކަށް ހާޒިރުވެގެން މަސައްކަތް ކުރުމުގެ ފުރުސަތުވެސް ވަނީ ދީފައެވެ. ނަމަވެސް ކޮވިޑްއާ ދެކޮޅަށް އަޅާ ރައްކާތެރި ކަމުގެ ފިޔަވަޅު ތައް ހަރުކަށި ގޮތެއްގައި ތަންފީޒުކުރާނެކަމުގެ އިންޒާރު މެލޭޝިއާގެ ކަމާބެހޭ އިދާރާތަކުންވަނީ ދީފައެވެ.

މި ފިޔަވަޅުތަކުގެ ތެރޭގައި މީގެތެރޭގައި އެޅުން މަޖްބޫރު ކުރުމާއި ގައިދުރުކަން ބެހެއްޓުމާއި ގިނަ އަދަދެއްގެ މީހުން ގައިގޯޅިކޮށް އެއްތަނަކަށް އެއްވެއުޅުން މަނާކުރުމާއި ހަފްލާތަކާއި އިވެންޓްތައް ބޭއްވުން މަނާކުރުން ހިމެނެއެވެ.

ކޮވިޑް-19 ގެ ސަބަބުން މުޅި މެލޭޝިއާ ހުއްޓި އިނދަޖެހޭ ހިސާބަށް އެގައުމުގެ ކަންތައްތައް ދިޔައީ އިންޑިއާއިން ފެނުނު ކޮވިޑްގެ ޑެލްޓާ ވޭރިއަންޓް، މިއަހަރުގެ މާޗް މަހުގެ ތެރޭގައި މެލޭޝިއާގައި ވަރަށް ބާރަށް ފެތުރިގެން ދިޔުމާ ގުޅިގެންނެވެ. ޑެލްޓާ ވޭރިއަންޓް، ފެތުރިގެން ދިޔުމާއެކު ދުވާލެއްގެ މައްޗަށް ބާވީސް ހާހާ ފަންސަވީސް ހާހާ ދެމެދުގެ އަދަދަކަށް މެލޭޝިއާގެ ކަންކޮޅުތަކުގައި ކޮވިޑް އަށް މީހުން ޕޮޒިޓިވް ވަމުން ދިޔައެވެ.

މިއާއެކު މަރުވާ މީހުންގެ އަދަދުވެސް އިންތިހާއަށް އިތުރުވެގެން ދިޔައެވެ. މެލޭޝިއާގައި މިހާތަނަށް 2.3 މިލިޔަން މީހުންނަށް ކޮވިޑް ޖެހިފައިވެއެވެ. އަދި ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 27 ހާހަށްވުރެ ގިނަމީހުން މަރުވެފައިވެއެވެ.

ކޮވިޑްގެ ހާލަތު ގޯސްވުމުން މެލޭޝިއާގައިވަނީ އެގައުމުގެ އެއް ސްޓޭޓުން އަނެއް ސްޓޭޓަށް ދަތުރުކުރުން މަނާކޮށްފައެވެ. އަދި މެލޭޝިއާގެ ބޯޑަރުތައްވެސް ބަންދުކުރިއެވެ. މިއާއެކު ގައުމުން ބޭރަށް ދަތުރު ކުރުމުގެ ފުރުސަތު ދީފައިވަނީ ބޮޑުކަމެއް ދިމާވާ ފަރާތްތަކަށާ ރަސްމީ ބޭނުންތަކުގައި ގައުމުން ބޭރަށް ދާންޖެހޭ ފަރާތްތަކަށް އެކަންޏެވެ. މިފަރާތްތަކަށްވެސް މިފުރުސަތު ދެމުން ގެންދިޔައީ ޚާއްސަ ހުއްދައެއްގެ ދަށުންނެވެ.

comment ކޮމެންޓް