ފޯނު އަތަށް ލައިގެން އުޅަނދު ދުއްވާނަމަ ދެން ޖޫރިމަނާކުރާނެ!

މާޗް 2، 2021: ސިނަމާލެ ބްރިޖް ސަރަހައްދުގައި ހަވީރު ބާރުބޮޑުވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މޯބައިލް ފޯނު ފަދަ އެއްވެސް އިލެކްޓްރޯނިކް ވަސީލަތެއް އަތުން ހިފައިގެން އިނދެ ދުއްވުން މަނާކޮށްފިއެވެ.

މިކަން މަނާކޮށްފައިވަނީ މިއަދު އާންމުކުރި އެއްގަމު އުޅަނދު ދުއްވުމުގެ އާންމު ގަވައިދުގެ ދަށުންނެވެ.

މި ގަވައިދުގައި 13 ވަނަ މާއްދާގައި ވާ ގޮތުން އެއްގަމު އުޅަނދު ދުއްވަން އިންނަ މީހާ މޯބައިލް ފޯނު ފަދަ އެއްވެސް މުއާސަލާތީ ވަސީލަތެއް ބޭނުން ކުރަމުން ނުވަތަ އަތުން ހިފައިގެން ދުއްވުމަކީ މަނާ ކަމެކެވެ.

ހަމައެހެންމެ ހެޑްސެޓު ބޭނުން ކުރުމުގެ އިތުރުން އެހެން މީހެއްގެ އެހީތެރިކަމާއެކުގައި ވެސް ފޯނުން ވާހަކަ ދެއްކުން ވެސް ވަނީ މި ގަވައިދުގައި މަނާކޮށްފައެވެ.

މި ގަވައިދުގައި ކަނޑައަޅައިފައިވާ ކަންކަމާ ހިލާފަށް އެއްގަމު އުޅަނދު ދުއްވާ މީހުންނަށް ފުރަތަމަ ފަހަރު ވެސް 500 ރުފިޔާއިން ޖޫރިމަނާކޮށް ނަސޭހަތް ދޭނެއެވެ. ދެވަނަ ފަހަރު ނަމަ 750 ރުފިޔާއިން ޖޫރިމަނާކޮށް، 48 ގަޑިއިރަށް ލައިސަންސް ހިފަހައްޓާނެވެ.

މިކަން ދެ ފަހަރަށް ވުރެ އިތުރަށް ތަކުރާރު ކުރާނަމަ އެ މީހަކު 1000 ރުފިޔާއިން ޖޫރިމަނާކޮށް، އެމީހަކު ދުއްވި އުޅަނދު 15 ދުވަހަށް ޓޯ ކުރެވޭނެއެވެ.

އެއްގަމު އުޅަނޑު ދުއްވާއިރު ފޯނާ ކުޅުމަކީ އާންމުކޮށް ފެންނަ ކަމެކެވެ. އަދި ބައެއް މީހުން ފޯނާ ނުކުޅުނު ނަމަވެސް ދުއްވާ އިރު އަތުގައި އަބަދުވެސް ފޯނު ގެންގުޅެއެވެ.

comment ކޮމެންޓް