ސެޕްޓެމްބަރު މަހު މީރާއަށް 1.98 ބިލިއަން ރުފިޔާގެ އާމްދަނީއެއް

އޮކްޓޯބަރ 1، 2019: މީރާ އަދި ފިނޭންސް މިނިސްޓްރީ ހިންގަމުންދާ އިމާރާތް -- ސަން ފޮޓޯ/ ފަޔާޒް މޫސާ

ހުސްވި ސެޕްޓެމްބަރު މަހު މީރާއަށް 1.98 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެއެވެ.

މީރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއީ އެ މަހު ލިބޭނެ ކަމަށް ލަފާކުރި އަދަދަށްވުރެ 8.6 ޕަސެންޓު އަދި މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާބަލާއިރު 133.5 ޕަސެންޓު އިތުރު އަދަދެކެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ އާމްދަނީއާ އަޅާބަލާއިރު މިއަހަރުގެ އެ މުއްދަތުގައި ލިބުނު އާމްދަނީ އިތުރުވި މައިގަނޑު ސަބަބުތަކެއް ކަމަށް މީރާއިން ބުނީ އިންކަމް ޓެކްސް، ޓޫރިޒަމް ލޭންޑް ރެންޓް، ޖީ.އެސް.ޓީ، ގްރީން ޓެކްސް އަދި އެއާޕޯޓް ޓެކުހާއި ފީގެ ގޮތުގައި ލިބުނު ފައިސާ އިތުރުވުމެވެ.

ޓޫރިޒަމް ލޭންޑު ރެންޓުގެ އާމްދަނީ އިތުރުވީ މިދިޔަ އަހަރުގެ ހަތަރު ވަނަ ކުއާޓަރުގެ ޓޫރިޒަމް ލޭންޑް ރެންޓުގެ ސުންގަޑި ފަސްކުރި ނަމަވެސް، މިއަހަރުގެ ހަތަރު ވަނަ ކުއާޓަރުގެ ކުލި، ތާވަލާ އެއްގޮތަށް ބަލައިގަތުމުންނެވެ.

މީގެ އިތުރުން މިއަހަރުގެ އިންކަމް ޓެކްސްގެ ފުރަތަމަ އިންޓަރިމް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގެ ސުންގަޑި ވެސް ސެޕްޓެމްބަރަށް ފަސް ކުރުމަކީ އާމްދަނީ އިތުރުވި ސަބަބެއް ކަމަށް މީރާއިން ބުނެއެވެ.

މިދިޔަ މަހު މީރާއަށް ބަލައިގަތް އާމްދަނީގެ ތެރޭގައި ހިމެނެނީ؛

  • އިންކަމް ޓެކްސް: 745 މިލިއަން ރުފިޔާ
  • ޖީއެސްޓީ: 553 މިލިއަން ރުފިޔާ
  • ޓޫރިޒަމް ލޭންޑް ރެންޓް: 410 މިލިއަން ރުފިޔާ
  • ގްރީން ޓެކްސް: 72 މިލިއަން ރުފިޔާ
  • އެއާޕޯޓް ޑިވެލޮޕްމަންޓް ފީ: 53 މިލިއަން ރުފިޔާ
  • އެހެނިހެން ޓެކުހާއި ފީ: 147 މިލިއަން ރުފިޔާ

މިދިޔަ މަހު މީރާއިން ބަލައިގަތް އާމްދަނީގެ ތެރޭގައި 63.45 މިލިއަން ޔޫއެސް ޑޮލަރު ވެސް ހިމެނެއެވެ.

comment ކޮމެންޓް