ޖިންސީ ގުނަވަން ދެއްކި ކަމަށް ބުނާ ވާހަކައަށް މެންބަރު ނާޒިލް ރައްދުދެއްވައިފި

މެންބަރު އިބްރާހިމް ނާޒިލް--

ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ މެންބަރުންނަށް ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިމްރާހިމް ނާޒިމް ޖިންސީ ގުނަވަން ދައްކައި، ފުރައްސާރަކުރި ކަމަށް ބުނެ ދެކެވޭ ވާހަކަތަކަށް ނާޒިލް ރައްދުދެއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ބިލަށް ބަހުސް ކުރައްވަން ލިބިވަޑައިގެންނެވި ފުރުސަތުގައި ނާޒިލް ވިދާޅުވީ އެ ބޭފުޅާއާ ގުޅޭ ގޮތުން ހަގީގަތާ ހިލާފު ވާހަކަތައް ދެކެވި، "ފަލަ ސުރުހީ"ތައް ހަދަމުން އަންނަ ކަމަށެވެ.

"ނިމިދިޔަ ހަފްތާ ނިމިގެން އައިރު، އެކި ގޮތްގޮތުން އަޅުގަނޑުގެ ވާހަކަ ވަރަށް ދިގުކޮށް ދެކެވެމުން އައި،" ނާޒިލް ވިދާޅުވިއެވެ.

މެންބަރު ނާޒިލް ވިދާޅުވީ އެ ބޭފުޅާ މަޖިލީހުގައި ފިރިހެން މެންބަރުންނަށް ޖިންސީ ގުނަވަން ދެއްކި ކަމަށް ބުނެ ފަތުރަމުން އަންނަނީ ސީދާ ދޮގު ހަބަރެއް ކަމަށެވެ.

"އަޅުގަނޑު ދަންނަވާލަން އޮތީ އަޅުގަނޑުގެ ޖިންސީ ގުނަވަނެއް، މި އިއްޒަތްތެރި މަޖިލީގައި، ތިއްބެވި އެންމެ ފިރިހެނަކަށް ވެސް ފެނިފައި ނޯންނާނެކަން ދިވެހި އެންމެހާ ރައްޔިތުންނަށް އަދި ހާއްސަކޮށް ހިތަދޫ ދެކުނު ދާއިރާގެ ރައްޔިތުންނަށް ޔަގީންކަން އަރުވަން،" މެންބަރު ނާޒިލް ވިދާޅުވިއެވެ.

މީގެ އިތުރުން އެއާ ޖެހިގެން އައި ދުވަހު އެ ބޭފުޅާގެ އަވައްޓެރި ގެއެއްގައި ރޯކޮށްލި ކަމަށް ވެސް ހަބަރު ފެތުރި ކަން ނާޒިލް ފާހަގަކުރެއްވިއެވެ. ނާޒިލް ވަނީ އެކަން ވެސް ދޮގުކުރައްވައިފައެވެ.

"އަޅުގަނޑަކީ ދުވަހަކު ވެސް މީހުންގެ މުދަލަށް އަނިޔާދީ، މީހުންގެ ޖިސްމަށް ގެއްލުންދީ، މީހުން މަރަން ގޭންގު ހަދައިގެން އުޅޭ މީހެއް ނޫން. އެކަހަލަ ކަންތަކަށް ހިތްވަރު ދޭނެ މީހެއް ވެސް ނޫން އެކަހަލަ ކަމެއްގަ ކުރިއަށް އޮތް ތަނުގައި އުޅޭނެ މީހެއް ވެސް ނޫން،" ނާޒިލް ވިދާޅުވިއެވެ.

ނާޒިލް ޖިންސީ ގުނަވަން ދެއްކި ކަމަށް ތުހުމަތުކޮށްފައިވަނީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމްއަށެވެ. އެ މައްސަލަ ބަލަން ބައެއް މަޖިލިސް މެންބަރުން މަޖިލީހުގެ އިދާރާއަށް ވެސް ހުށަހަޅައިފައިވެއެވެ.

ނާޒިލް ފާހަގަކުރެއްވި އިތުރު މައްސަލައަކީ، އަސްލަމް ކުރިން ދިރިއުޅުއްވި، ހިތަދޫ ގައި ހުންނަ ކޮމަންޑޫ ގޭގައި ރޯކޮށްލަން އުޅުނު ކަމަށް ބުނާ މައްސަލައެވެ. އެ ގޭގައި ރޯކޮށްލަން އުޅުނީ އެގެއަށް ޕެޓްރޯލް އަޅައިގެންނެވެ.

comment ކޮމެންޓް