އޭސީޕީ އަހްމަދު މުހައްމަދާއި އޭސީޕީ ޖަމްޝީދު ވަޒީފާއިން ވަކިކޮށްފި

މުހައްމަދު ޖަމްޝީދު -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ފުލުހުންގެ އިސް ދެ އޮފިސަރުންކަމަށްވާ އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް (އޭސީޕީ) އަހުމަދު މުހައްމަދާއި އޭސީޕީ މުހައްމަދު ޖަމްޝީދު ފުލުުހުންގެ ވަޒީފާއިން ވަކިކޮށްފިއެވެ.

އެ ދެ އޮފިސަރުން މަގާމުން ވަކިކޮށްފައިވާކަމަށް އަންގާފައިވަނީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ސޮއިކުރައްވައި މިއަދު ފޮނުއްވި ޗިޓެއްގައެވެ. އެ ޗިޓުގައި ބުނީ އެ ދެ އޮފިސަރުން މަގާމުން ވަކިކޮށްފައިވަނީ ފުލުހުންގެ އާ ގާނޫނުގެ ދަށުން ޕޮލިސް ބޯޑުން ބެލި މައްސަލައަކާ ގުޅިގެން މަގާމުގައި ބަހައްޓަން ނުފެންނާތީ ކަމަށެވެ.

މީގެ އިތުރުން ވަކިކުރަން ނިންމާފައިވާ އެހެން އޮފިސަރުންނަށް ވެސް މި މަހުގެ 20ވަނަ ދުވަހު ވަޒީފާއިން ވަކިކުރާނެކަމުގެ ނޯޓިސް ވެސް ވަނީ މިހާރު ފޮނުވާފައެވެ.

މި މައްސަލައާއި ގުޅިގެން ޖަމްޝީދު "ސަން"އަށް ވިދާޅުވީ މިއީ ފުލުހުންގެ ތެރެއިން ވަކި ބަޔަކު އިސްވެ ތިބެ ކުރާ ކަމެއްކަމަށް ވިދާޅުވެފައެވެ.

"ފުލުހުންގެ ތެރެއިން ވަކި ބަަޔަކު އިސްވެ ތިބެ އަޅުގަނޑުމެންގެ އަބުރު ކަތިލުމަށް ޓަކައި ބައެއް މީޑިއާތަކަށް ދޮގު މައުލޫމާތު ދެމުންދާކަން ފާހަގަކުރަން. މިކަމާ ވަރަށް ބޮޑަށް ހިތާމަކުރަން،" ޖަމްޝީދު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ އޭނާއާ އެކު އިތުރު އޮފިސަރުން މަގާމުން ވަކިކޮށްފައިވަނީ ގާނޫނާ ހިލާފަށްކަމަށާއި އެކަމާ ކަންބޮޑުވާ ކަމަށެވެ.

އޭސީޕީ ޖަމްޝީދާއި، އޭސީޕީ އަހްމަދު މުހައްމަދުގެ އިތުރުން ފަސް އޮފިސަރެއް ވަޒީފާއިން ވަކިކުރުމަށް ވަނީ ނިންމާފައެވެ.

ކވ. ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދު، އެސިސްޓެންޓް ކޮމިޝަނަރު އަހުމަދު މުހައްމަދު، އެސިސްޓެންޓް ކޮމިޝަނަރު ފަރުހާދު ފިކުރީ، އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު މުހައްމަދު ޖަމްޝީދު، ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފް --

އެއީ ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދާއި، ސުޕްރިންޓެންޑެންޓް އިސްމާއީލް ޝަމީމާއި، ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފާއި، އެސިސްޓެންޓް ކޮމިޝަނަރު ފަރުހާދު ފިކުރީގެ އިތުރުން ޗީފް ސުޕްރިންޓެންޑެންޓް އަހުމަދު ޝުހާދެވެ.

ފުލުހުންގެ އިސް އޮފިސަރުންތަކެއް މަގާމުން ވަކިކުރަން ޕޮލިސް ބޯޑުން ނިންމާފައި ވަނީ މިދިޔަ މަހުގެ 10 ވަނަ ދުވަހުގައިއެވެ. އެއީ ރައްޔިތުންގެ މަޖިލީހުން މިދިޔަ އަހަރު ފާސް ކުރި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުންނެވެ.

އެއާއެކު ފަރުހާދު ފިކުރީއާއި، އަހުމަދު ޝުހާދު ނޫން ހުރިހާ އޮފިސަރުން ވަނީ ވަޒީފާއިން ވަކިކުރާ މައްސަލަ ސިވިލް ކޯޓަށް މި މަހުގެ ހަވަނަ ދުވަހު ހުށަހަޅާފައެވެ.

އެބޭފުޅުންގެ ފަރާތުން ކޯޓުގައި ވަކާލާތު ކުރައްވާ ދިވެހި ޗެމްބާސްގެ ވަކީލުން ސޮއިކުރައްވައި މި މަހުގެ ހަވަނަ ދުވަހު ނެރުނު ބަޔާނެއްގައި ވަނީ މަގާމުން ވަކިކުރަން ނިންމިއިރު، އެބޭފުޅުންނަށް ޖަވާބުދާރީވުމުގެ ފުރުސަތު ދީފައިނުވާ ކަމަށެވެ.

ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ އެކަމުގެ ސަބަބުން އެ އޮފިސަރުންގެ ގެއްލިފައިވާ ދުސްތޫރީ އަދި ގާނޫނީ ހައްގުތައް ހޯދުމަށް ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 27ގައި ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވި ފުލުހުންގެ ހިދުމަތުގެ ގާނޫނަށް އަމަލު ކުރަން ފެށީ މިދިޔަ މާޗް މަހުގަ އެވެ. އަދި އެ ގާނޫނުގައި ބުނެފައިވާ ގޮތުގެ މަތިން ފުލުހުންގެ ބޯޑެއް ވަނީ މިދިޔަ އޭޕްރިލް މަހު އެކުލަވާލައިފައިއެވެ.

އެ ގާނޫނަށް އަމަލުކުރަން ފަށާއިރު، ޕޮލިސް ކޮމިޝަނަރު ފިޔަވައި ސުޕްރިންޓެންޑް އޮފް ޕޮލިސްއިން ފެށިގެން މަތީ ރޭންކުގެ ކޮމިޝަންޑް އޮފިސަރަކު ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރުން ނުވަތަ ލާއިންސާނީ އަނިޔާވެރި އަމަލެއް ނުވަތަ ކޮރަޕްޝަނުގެ އަމަލެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ނަމަ ނުވަތަ އެ މީހަކާ ދެކޮޅަށް އެފަދަ މައްސަލައެއް ރިޕޯޓުކޮށްފައިވާ ނަމަ، އެ އޮފިސަރަކީ މަގާމަށް ގާބިލު މީހެއް ކަމާ މެދު ގޮތެއް ނިންމުމުގެ ބާރު ފުލުހުންގެ ބޯޑަށް ދީފައިވެއެވެ.

އެ ބޯޑުން ނިންމާ ނިންމުން ތަންފީޒުކުރުމަށް ކޮމިޝަނަރަށް ފޮނުވަން ޖެހޭނެ ކަމަށްވެސް ގާނޫނުގައި ބަޔާންކޮށްފައިވެއެވެ.

comment ކޮމެންޓް