މިނިމަމް ވޭޖުގެ އަދަދުތައް އިކޮނޮމިކް މިނިސްޓްރީން ދިރާސާކުރަނީ

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް -- ސަން ފޮޓޯ / އަހްމަދު ސައީދު

މިނިމަމް ވޭޖުގެ ގޮތުގައި މަސައްކަތްތެރިންނަށް ދޭނެ އެންމެ ދަށް މުސާރައިގެ ގޮތުގައި މިނިމަމް ވޭޖު ބޯޑުން ކަނޑައަަޅައިފައިވާ އަދަދުތައް އިކޮނޮމިކް މިނިސްޓްރީން ދިރާސާކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އަދަދުތައް ދިރާސާކުރުމުގެ މަސައްކަތް ފަށާފައިވަނީ މިއަދުކަމަށެވެ. އަދި ދިރާސާކުރުމުގެ މަސައްކަތް ނިމުމާއެކު އެ އަދަދުތައް ކަނޑައަޅައި އާންމުކުރާނެކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިމަމް ވޭޖު ބޯޑުން މިނިމަމް ވޭޖުގެ ގޮތުގައި ދޭނެ އަދަދުތަކެއް ކަނޑައަޅައި އިކޮނޮމިކް މިނިސްޓްރީއަށް ފޮނުވައިފައިވަނީ މި މަހުގެ ފަސްވަނަ ދުވަހެވެ.

މިނިމަމް ވޭޖް ކަނޑައަޅާފައިވަނީ މައިގަނޑު ހަތަރު ދާއިރާއަކަށް ހާއްސަކޮށްގެންނެވެ. މިނިމަމް ވޭޖު ކަނޑައެޅުމުގައި ބަލާފައިވާނީ ގާނޫނުގައި އެކަން ކުރުމަށް ބުނެފައިވާ ގޮތަށްކަަމަށް އެ ބޯޑުގެ މެމްބަރަކު މީގެ ކުރިން "ސަން"އަށް ވަނީ ވިދާޅުވެފައެވެ. އަދި ވޭޖް ކަނޑައަޅާފައިވަނީ ގަޑިއިރަކަށް ޖެހޭ ވަރު ބެލުމަށްފަހު ކަމަށް އޭނާ ބުންޏެވެ.

"ކުދި ފަންތީގެ ދާއިރާތަކަށް 26.4 ލާރި، ދެން މެދު ފަންތިއަށް 33.65 ލާރި، މަތީ ފަންތިއަށް 42.79 ލާރި،" އޭނާ ބުންޏެވެ.

އެހެންކަމަށް ވާނަމަ ކުދި ފަންތީގެ ދާއިރާތަކުގައި އަށް ގަޑިއިރު މަސައްކަތްކުރާ މީހުންނަށް މަހަކަށް 6،000އަށްވުރެ މަތީ މުސާރައެއް ލިބޭނެއެވެ.

ސިވިލް ސާވިސް މުވައްޒަފުން ހިމެނެނީ މެދު ފަންތީގެ ދާއިރާގައިކަމުން، ކޮންމެ ދުވަހަކު ހަ ގަޑި އިރު މަސައްކަތްކުުރާނަމަ 7000 ރުފިޔާއަށް ވުރެ ދަށް ނޫން މުސާރައެއް ލިބޭނެއެވެ. އަދި މަތީ ފަންތީގެ ދާއިރާތަކުގައި އަސް ގަޑި އިރު މަސައްކަތްކުރާ މަސައްކަތްތެރިންނަށް 10،000 ރުފިޔާއަށްވުރެ ބޮޑު މުސާރައެއް ލިބޭނެއެވެ.

އޭނާ އިތުރަށް ވިދާޅުވީ މުސާރަ ހަދާއިރު އެލަވަންސް ވެސް މުސާރައިގެ ތެރޭގައި ހިމެނިދާނެކަމަށެވެ. އެގޮތުން އަސާސީ މުސާރައިގެ ގޮތުގައި 70 ޕަސެންޓް ހިމަނަންޖެހޭއިރު އިތުރު އެލަވަންސްގެ ގޮތުގައި 30 ޕަސެެންޓް ހިމަނައިގެން މިނިމަމް ވޭޖް ގެ ގޮތުގައި ދޭ ފައިސާ ދެވިދާނެކަމަށް އޭނާ ބުންޏެވެ. އަދި އޯޓީ ހަދާއިރު ދެން ލިބޭ ފައިސާގެ އަދަދު ވެސް އިތުުރުވާނެކަމަށެވެ. އެއާއެކު މިއީ ހުރިހާ މަސައްކަތްތެރިންނަށް ވެސް ހެޔޮ ބަދަލެއްކަމަށް އޭނާ ވިދާޅުވިއެވެ.

މިނިމަމް ވޭޖް ރަސްމީކޮށް ފާސްކޮށް ދޭން ފަށާނީ މިނިމަމް ވޭޖް ބޯޑުގެ ލަފައާއި ނިންމުން މިނިސްޓަރު ބެއްލެވުމަށްފަހު ނެރުއްވާ ގަރާރަކުންނެވެ.

comment ކޮމެންޓް