ބީއެމްއެލްއިން މުވައްޒަފުންގެ ނަފްސާނީ ދުޅަހެޔޮކަން ދެމެހެއްޓުމަށް އެހީތެރިވަނީ 

ބީއެމްއެލްއިން މުވައްޒަފުންގެ ނަފްސާނީ ދުޅަހެޔޮކަން ދެމެހެއްޓުމަށް ޓަކައި ދާއިރާގެ ފަންނީ ފަރާތްތަކާއެކު އެމްއޯޔޫގައި ސޮއިކުރުން-- ފޮޓޯ/ބީއެމްއެލް

ވަޒީފާގެ މާހައުލުގައި ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުމުގެ ގޮތުން, ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ ހިދުމަތް ދޭ އިދާރާތަކާ ގުޅިގެން ސަޕޯޓު ޕްރޮގްރާމްތަކާއި ޕްރޮފެޝަނަލް ހިދުމަތްތައް ލިބޭނެ ގޮތް ހަމަޖައްސައި ދިނުމަށް ބީއެމްއެލްއިން ނިންމައިފިއެވެ.

ބީއެމްއެލްއިން ބުނީ ތިބާ ސައިކޮލޮޖީ، ސޮސައިޓީ ފޯ ހެލްތު އެޑިއުކޭޝަން (ޝީ) އަދި އިންސްޓްޓިއުޓް އޮފް މެންޓަލް ވެލްބިއިން (އައި.އެމް.ޑަބްލިއު.ބީ) އާ ގުޅިގެން ގަވައިދުން ކޮންސަލްޓޭޝަން އަދި ކައުންސިލިން ހިދުމަތްތައް ބީއެމްއެލްގެ މުވައްޒަފުންނަށް ފޯރުކޮށްދިނުމަށް އެމްއޯޔޫއެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.

އެ ޕްރޮގްރާމުގެ ދަށުން ބޭންކުގެ މުވައްޒަފުންނަށް ބޭނުންވާ ކޮންސަލްޓޭޝަން ސެޝަންތަކަށް ހޭދަވާ ހަރަދު ބޭންކުން ހަމަޖައްސައިދޭނެއެވެ. އަދި ނަފްސާނީ އެހީތެރިކަމަށް ބޭނުންވާ މުވައްޒަފުންނަށް އެ ދާއިރާގައި ފާހަގަކޮށްލެވޭ ފަންނީ ފަރާތްތަކުގެ އެހީ ހޯދުމަށް ބާރުއަޅާނެ ކަމަށް ބޭންކުން ބުނެއެވެ.

އެ ފަރާތްތަކާ ގުޅިގެން ދަރިން ތަރުބިއްޔަތު ކުރުމާއި ވޯކް ލައިފް ބެލެންސްގެ އިތުރުން ވަޒީފާގެ މާހައުލުގައި ނަފްސާނީ ދުޅަހެޔޮ ކަމާ ގުޅޭ ގޮތުން ހޭލުންތެރި ކުރުމަށް ސެޝަންތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މިކަމާ ގުޅޭގޮތުން ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީން ވިދާޅުވީ މުޅި ދުނިޔެއަށް ބަލާލާއިރުވެސް ނަފްސާނީ ދުޅަހެޔޮކަމުގެ މުހިންމުކަން ފާހަގަވަމުން އަންނަ ކަމަށެވެ.

"ކޮވިޑް-19 އާ ގުޅިގެން ނަފްސާނީ ދުޅަހެޔޮކަމަށް މިވަނީ ނުހަނު ބޮޑު އަސަރެއްކޮށްފައި. އެހެންކަމުން ރާއްޖޭގައި އެންމެ ގިނަ ވަޒީފާ ދެމުންދާ އެއް ކުންފުންޏަކަށް ވުމާއެކު ބޭންކުން މިކަމަށް އިސްނަގައި މިއަދު މިފަދަ މުހިންމު ފިޔަވަޅެއް އެޅުމަކީ ނުހަނު މުނާސަބު ކަމެއް. އަޅުގަނޑުމެން އެދެނީ އަޅުގަނޑުމެންނެކޭ އެއް ފަދައިން އެހެން އޮފީސްތަކާއި އިދާރާތަކުންވެސް މުވައްޒަފުންނަށް އަމާޒުކޮށް މިފަދަ ޕްރޮގްރާމްތައް ހިންގައި އަދި މުވައްޒަފުންގެ ނަފްސާނީ ދުޅަހެޔޮކަމުގެ މުހިންމުކަން ދެނެގަނެ އެކަމަށް ފިޔަވަޅު އެޅުން." އޭނާ ވިދާޅުވިއެވެ.

އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްތައް ދިރާސާ ކުރުމަށްފަހު ބޭންކުން ދަނީ މުވައްޒަފުންނާ ގުޅޭ ގޮތުން އެންމެ ކުރިއަރާފައިވާ ސިޔާސަތުތައް އެކުލަވާލަމުންނެވެ.

އެގޮތުން ބޭންކުގެ ވަޒީފާ ދިނުމާއި ތަމްރީނު ދިނުމާއި މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ސިޔާސަތުތަކަށް ފާހަގަކޮށްލެވޭ ފަދަ ބޮޑު ބަދަލުތަކެއް ދަނީ ގެންނަމުންނެވެ.

comment ކޮމެންޓް